ކުދި ރަށްރަށުގައި ނަރުދަމާ އެޅުން ބޭކާރު ކަމަށް ވިދާޅުވެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމްކުރުުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ފާޑު ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ބޮޑެތި ހަރަދުކޮށްގެން ނަރުދަމާ ނިޒާމް ގާއިމްކުރުމަށްވުރެ އެ ފައިސާއިން އާބާދީ ބޮޑެތި ރައްރަށުގެ ބޯހިޔާވަހިކަމަށާއި އާމްދަނީ ލިބޭނެ އިތުރު ދާއިރާތަކަށް ހޭދަކުރުން ބުއްދިވެރި ކަމަށް ވިދާޅުވެފައެވެ.
"ނަރުދަމާގެ ނިޒާމެއް 60 މީހުން ދިރިއުޅޭ ރަށެއްގައި ހަދަން އެބަ ދޭ 60 މިލިއަން ރުފިޔާ. އަޅުގަނޑަށް ފެންނަނީ އެ ފައިސާ މީހުން ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫތަކަށް ހަރަދުކުރަމުން ދިއުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހިމެނޭ އެމެރިކާގައި ނަރުދަމާގެ ހިދުމަތް 90 އިންސައްތަ ރައްޔިތުންނަށް ދެވޭކަމަށާއި އެ ހިދުމަތް ރާއްޖޭގެ 90 އިންސައްތައަށް ދޭ ނަމަ އެއީ ގާތްގަނޑަކަށް 47 ރަށެއްގެ ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެހެން ނަމަވެސް ދެކޮޅު ނުޖެހޭ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "ކުޑަރަށެއް ބޮޑު ރަށެއް ބަލާނުލާ މަސައްކަތް ކުރާނަމޭ" ވިދާޅުވުމުން ދޭހަވަނީ "އެޔެއް، މިއެއް ބަލާނުލައި" މަސައްކަތް ކުރައްވަމުން ގެންދެވުން ކަމަށެވެ.
ތަރައްގީގެ މަޝްރުއޫތަކުގައި ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތުނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވިދާޅުވެ އެވެ. ރައީސް ސޯލިހް ވިދާޅުވަނީ މީގެ ކުރީ ސަރުކާރުތަކުން ކުދި ރައްތައް "ހާލުގައި ޖައްސާ ބާކީ ކޮށްލާފައިވާ" ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެކަންކަން ތަކުރާރު ނުކުރައްވާ ތަރައްގީގައި ކުދި ރަށްރަށް ވެސް ހިމަނުއްވާނެ ކަމަށް ވިދާޅުވެ އެވެ.













