ދުނިޔޭގެ އެކި ކަންކޮޅުގައި ވެސް ވައަތްތެރިންނާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެެކެވެ އެވެ. އެއްބައި ސަގާފަތްތަކުގައި ވައަތްތެރިންނަކީ ވަރަށް ހަސީލަތް ނުބައި ބައެއްގެ ގޮތުގައި ދެކެ އެވެ. އަނެއްބައި ހިސާބުތަކުގައި ވައަތްތެރިންނަކީ ވަރަށް ތަފާތު މޮޅު ބައެއްގެ ގޮތުގައި ދެކެ އެވެ.
ކޮންމެއަކަސް ފެންނަން އޮތް ހަގީގަތަކީ ވައަތްތެރިންގެ ނިސްބަތް ދުނިޔޭގައި ކިތަންމެ މަދު ނަމަވެސް، އުފެއްދުންތެރިކަމާއި ވިސްނުނެތެރިކަމުގެ ރޭހުގައި އެމީހުން ވަނީ ކަނާއަތްތެރިން ފަހަތަށް ޖައްސާލާފައި ކަމެވެ. އިހަށް ބަލާ ނަމަ މަޝްހޫރު ކުރެހުންތެރިޔާ ލިއޮނާޑޯ ޑަ ވިންޗީ އާއި ފުރެންޗު އެމްޕެރާ އަދި އިޓަލީގެ ރަސްކަން ކުރެއްވި ނަޕޯލިއަން ބޮނަޕާޓް ފަދަ އެތައް ބަޔަކީ ވައަތްތެރިންނެވެ. ފަހުގެ ތަރީހަށް ބަލާ ނަމަ އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑު ރޭގަން އާއި އޯޕްރާ ވިންފްރީ އަދި ޗާލީ ޗެޕްލިން ފަދަ ކުޅަދާނަ ޝަހުސިއްޔަތުންނަކީ ވެސް ހަމަ ވައަތްތެރިންނެވެ.
މިހެން މިކަން އޮތް އިރު، ހިތުގައި އުފެދޭ ސުވާލުތަކެއް އެބަ ހުއްޓެވެ. ވައަތްތެރިންނާއި ކަނާއަތްތެރިން އުފެދެނީ ކިހިނެއް ހެއްޔެވެ؟ އެއީ އުފަންވުމަށް ފަހު ކުދިން ހިޔާރު ކުރާ ކަމެއް ހެއްޔެވެ؟ ނުވަތަ މައިންބަފައިންގެ ފުށުން ދަރީންނަށް ވާރުތަ ކުރާ ކަމެއް ހެއްޔެވެ؟ ނޫނީ އެއީ އުފަންވުމުގެ މާކުރިން ކަނޑައެޅި ނިމިފައި އޮންނަ ކަމެއް ހެއްޔެވެ؟ މިކަންކަމާ މެދު ސައިންސް ބުނަނީ ކީކޭ ހެއްޔެވެ؟
ވައަތްތެރިން އުފެދެނީ ކިހިނެއް؟
"އޭނަ އަބަދު ވައަތް އަނގަޔަށް ލިޔަ ނުދީބަލަ. އެހެން ނޫނީ ބޮޑު ވާއިރު ހުރިހާ ކަމެއްގައި ވައަތް އިސްކުރާނެ."
މިއީ އަލަތު ދަރިފުޅު ލިބިގެން އުޅުނު އިރު އަހަރެންގެ މަންމަ އަހަންނަށް ދިން ނަސޭހަތެކެވެ. ތެދެކެވެ. ހުރިހާ ކަމެއްގައި ވައަތް އިސްކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކައިބޮއެ ހެދުމުގައި ކަނާއަތް އިސްކުރަން އަހަރުމެންގެ ދީނުގައި ވެސް އަންގަވާފައި އޮވެ އެވެ. އެހެންނަމަވެސް ކުދިން ވައަތްތެރިންނަށް ވަނީ ތުއްތުއިރު އެކުދިންނަށް ވައަތް އިސްކުރަން ފުރުސަތު ދިނީމައިތޯ ބަލައިލުން ކީއްތޯ އެވެ؟

މިކަމާ ގުޅިގެން ދުނިިޔޭގައި ވަރަށް ގިނަ ދިރާސާތައް ކުރެވިފައި އެބަ ހުއްޓެވެ. ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ވައަތްތެރިންނާއި ކަނާތްތެރިންނަށް ކުދިންވަނީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ފުރާނަ އެޅުމަށް ފަހު އެވެ. ސިކުނޑީގައި ހުންނަ ޖެނެޓިކް ތަފާތުތަކުގެ ސަބަބުންނެވެ. ނަމަވެސް އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ބަނޑުގައި ދަރިފުޅު ގަރުބަގަންނަތާ މާގިނަ ދުވަހެއް ނުވެ އެ ކުއްޖާއަކީ އެއީ ވައަތްތެރިއެއްކަން ނުވަތަ ކަނާތްތެރިއެއްކަން ދެނެގަނެވެ އެވެ.
މީގެ ހަ އަހަރު ކުރިން 2016 ވަނަ އަހަރު ޖަރުމަނުގެ ރޫއާ ޔުނިވާސިޓީ އޮފް ބޯކަމް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަނޑުގައި ކުއްޖަކު އަށަގަންނަތާ 15 ހަފުތާގެ ކުރިން ސިކުނޑީގެ އަތުގެ ހަރަކާތްތައް ކުރުމުގެ ޒިންމާ އަދާކުރާ ބައި ނުވަތަ "މޯޓާ ކޯޓެކްސް" އާ ސްޕައިނަލް ކޯޑު ނުގުޅެ އެވެ. ނަމަވެސް ފިރިހެނާގެ ދަރިފަނި ވަދެ އަންހެނާގެ ބިސް މުޑުވައްވާތާ އެންމެ އަށް ހަފުތާ ތެރޭގައި އެއީ ވައަތްތެރިއެއްކަން ނުވަތަ ކަނާތްތެރިއެއްކަން ދެނެގަނެވޭ ކަން މި ދިރާސާއިން ހާމަވެފައި ވެއެވެ.
އެހެންކަމުން ހަގީގަތުގައި ކުއްޖަކު ވައަތްތެރިއަކަށް ނުވަތަ ކަނާތްތެރިއަކަށް ވަނީ ސިކުނޑީގެ ބާރުން ނޫންކަން މިހާރު އެނގެ އެވެ. ކުރިން ބެލެވުނު ގޮތާ ހިލާފަށް ތުއްތު ކުއްޖަކު ދުނިޔެއަށް އުފަންވުމުގެ މާކުރިން، އަދި ކިއެއް؟ ކުއްޖާގެ ފުރާނަ އެޅުމުގެ ވެސް ކުރީގައި ވައަތްތެރިއަކަށް ނުވަތަ ކަނާތްތެރިއަކަށް ކުއްޖާ ވެއެވެ.
އާއިލީ ގޮތުން ވާރުތަ ކުރޭތަ؟
މީގެ 23 އަހަރު ކުރިން 1999 ވަނަ އަހަރު ޖަރުމަނުގެ ޔުނިވާސިޓީ އޮފް ޑްރެޒްޑެން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަތަކަށް ނުވަތަ ހަށިގަނޑުގެ ވަކި ފަޅިއަކަށް ކުއްޖާ އިސްކަން ދިނުމުގައި މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންސްތައް މުހިންމު ދައުރެއް އަދާ ކުރެ އެވެ.
ގާތްގަނޑަކަށް 292 އާއިލާއެއް ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި މަންމަ އާއި ބައްޕައަކީ ކަނާއަތްތެރިން ކަމުގައިވާ ނަމަ އެ ދެމީހުންގެ ދަރިފުޅު ވައަތަށް އިސްކަން ދިނުމުގެ ފުރުސަތު އޮންނަނީ އެންމެ ހަތް ޕަސެންޓެވެ. ނަމަވެސް އެ ދެމީހުންގެ ތެރެއިން އެކަކަކީ ވައަތްތެރިއެއް ނަމަ ދަރިފުޅު ވެސް ވައަތަށް އިސްކަން ދިނުމުގެ ފުރުސަތު 21 ޕަސެންޓު އިތުރުވެ އެވެ. މިއީ ދެ ކަނާއަތްތެރިނަށް ވައަތްތެރިއެއް ލިބުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
އެހެންކަމުން ތިމާއަކީ ވައަތްތެރިއެއް ނަމަ އާއިލާގެ ކޮންމެވެސް ހިސާބެއްގައި ވައަތްތެރިން ތިބުން އެކަށީގެންވެ އެވެ.
ކުރިން ފާހަގަކުރި ސައިންޓިފިކް ދިރާސާތަކުގެ އިތުރުން ވެސް ބައެއް އެހެން ދިރާސާތަކުން ދައްކާ ގޮތުން، ކަނާއަތަށް ވުރެ ވައަތް އިސްކުރާ މީހުން ބަލަހައްޓާ ތަރުބިއްޔަތު ކުރާ އެމީހުންގެ ހަގީގީ ދަރިން ނޫން ކުދީން ވައަތްތެރިންނަށް ވުމުގެ ފުރުސަތެއް ނޯވެ އެވެ.
ހަމައެކަނި ފެންނަން ހުރި ހެކިތަކުން ސާބިތުވަނީ ވައަތްތެރިންނަށް ލިބޭ ދަރީންނަށް އެކަން ވާރުތަ ކުރާ ކަމެވެ. އެހެންކަމުން ވައަތްތެރިކަމަކީ ޖެނެޓިކަލީ ވާރުތަނުވެ، މައިންބަފައިން އުޅޭ ތަން ބަލައިގެން ދަސްވާނެ އާދައެއް ނޫން ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
އެހެންކަމުން ކުދީން ވައަތްތެރިން ވަނީ ދުނިޔެއަށް އުފަންވުމުގެ މާކުރިން ކަން އަހަރުމެންނަށް އެނގި، ޔަގީންވެއްޖެ އެވެ. އަދި އެއީ އެ ކުދީން ނުބައި މަގުން ދާނެ ކަމުގެ ހެއްކެއް ވެސް ނޫން ކަން ވަރަށް ސާފުވެއްޖެ އެވެ. ބޯދާ ވިސްނުމުގެ ތެރެއިން ވައަތްތެރިންނާ މެދު އައިސްފައިވާ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން އަދި މާބޮޑަށް ކަށަވަރު ވެއްޖެއެވެ.
ކަން މިހެން ހުރި ނަމަވެސް އަހަރުމެންނަކީ މުސްލިމުން ކަމުން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކެއުންބުއިމާއި ހެޔޮ ކަންކަން ކުރުމުގައި ވައަތަށް ވުރެ ކަނާއަތް އިސްކުރުމަށް ދަރީންނަށް ބާރު އަޅަން ޖެހެ އެވެ. އެ ކުދިންނަކީ އެއީ ވައަތްތެރިން ކަމުގައި ވީނަމަވެސްމެ އެވެ.










