ދޯހާ، ގަތަރު (ޑިސެމްބަރު 2) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖަރުމަނާއި ސްޕެއިން ބަލިކުރި ޖަޕާންގެ ޓާގެޓަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕްގައި ނެރޭ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރުމުގެ ގޮތުން މި ފަހަރުގެ މުބާރާތުގައި އެންމެ ކުޑަމިނުން ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ކުއާޓާ ފައިނަލުގައި ކުުޅުން ކަމަށް ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފި އެވެ.
ޖަޕާނުން ގްރޫޕް އެފްގެ މެޗުތައް ފެށީ ޖަރުމަނު އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ. ދެ ވަނަ މެޗުގައި ކޮސްޓަ ރިކާ އަތުން ޖަޕާން ވަނީ 1-0 އިން ބަލިވެފަ އެވެ. އެކަމަކު، ރޭ ސްޕެއިން، 2-1 އިން ބަލިކޮށް ޖަޕާން މި ވަނީ ގްރޫޕްގެ އެއް ވަނަ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
ޖަޕާނަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސްޕެއިނާއި ތިން ވަނައިގައި ނިންމި ޖަރުމަނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފުލަށް ދިޔަ ކޮސްޓަ ރިކާގެ އޮތީ ތިން ޕޮއިންޓެވެ.
މިއީ ޖަޕާނުން ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ ޖަޕާނުން ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ.
ޖަޕާނުން ގަދަ 16 ބުރުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ އެވެ.
"މި ފަހަރުގެ ވޯލްޑް ކަޕްގައި އަހަރެމެން، ނިންމާލަން ބޭނުންވަނީ އެންމެ ކުޑަ މިނުން ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން. އަހަރެމެން ބޭނުން ތަންކޮޅެއް ނަމަވެސް ކުރިއަށްދާން. ކުޅުންތެރިން އެބަ ދައްކާ ދުނިޔޭގެ ލެވަލްގައި ވެސް އަހަރެމެންނަށް ނަތީޖާ ނެރެވޭނެ ކަމުގެ ކުލަވަރު، އެހެންވެ، އަހަރެން މި ހުރީ ގަދަ އަށެއްގެ އުންމީދުގައި އެ އަށް ވުރެން ދުރަށް ވެސް ދެވޭނެ ކަމުގެ އަޒުމު ވެސް އޮވެގެން،" ޖަޕާންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމާއި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރިން ކުރި މޮރިޔާސޫ ބުންޏެވެ.
ޖަޕާނުގެ ކޯޗު މޮރިޔާސޫ ވަނީ އެ ޓީމަށް ހިތްވަރު ދިނުމުގައި ސަޕޯޓަރުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށްދީ ކާމިޔާބު ވޯލްޑް ކަޕެއް އެކުގައި ކުރިއަށްދިއުމުގެ އަޒުމުގައި ހުރި ކަމަށް ބުނެފަ އެވެ.
ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި މެޗުން ބަލިވީ ފަސް ވަރަކަށް މިނިޓަށް ކުޅެން ޖެހޭ ގޮތަށް ނުކުޅެ، ފަރުވާކުޑަކޮށްލުމުން ކަމަށެވެ. އަދި މި ގޮތަށް ކުރިއަށް ހުރި މެޗުތަކުގައި ދިމާވެއްޖެނަމަ ސްޕެއިނަށް ބޭނުންވާ ވަރުގެ ކާމިޔާބެއް ނުހޯދޭނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.












