ސީރިއާގައި އަސްކަރީ އޮޕަރޭޝަނެއް ނުފެށުމަށް އެމެރިކާއިން ތުރުކީއަށް ބާރު އަޅައިފި އެވެ.
އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އާކަރްއާ ބުދަ ދުވަހު ބައްދަލުކުރައްވައި ވިދާޅުވީ "އެއީ އެމެރިކާއިން ދެކޮޅު ހަދާ" ކަމެއް ކަމަށެވެ.
އުތުރު ސީރިއާގައި ކުރުދީން ދިރިއުޅޭ ހިސާބުތަކަށް ތުރުކީއިން ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ. އެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަން ފެށުމުގެ އިންޒާރު ވެސް ދިނެވެ.
ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނީ އަސްކަރީ އޮޕަރޭޝަން ފެށުމަކީ އެމެރިކާއިން ގަބޫލު ކުރާނެ ކަމެއް ނޫންކަން ރަސްމީކޮށް ތުރުކީއަށް އެންގި ކަމަށެވެ.
ހޯމަ ދުވަހު ޕެންޓަގަންއިން ބުނީ ތުރުކީގެ ސިފައިން އުތުރު ސީރިއާއަށް އަރައިފި ނަމަ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕާ ދެކޮޅަށް ހޯދާފައިވާ ކުރިއެރުންތައް ބޭކާރުވެގެން ދާނެ ކަމަށެވެ.
އައިއެސްއާ ދެކޮޅަށް ބައިނަލްއަގްވާމީ އަސްކަރީ ކޯލިޝަނުން ކުރި ހަނގުރާމައިގައި ކުރުދީން ވެސް ބައިވެރިވި އެވެ. އައިއެސް ބަލިކުރެވުނީ ކުރުދީ ފައުޖުތަކުގެ އެހީއާ އެކުގަ އެވެ.










