ވޭތުވެދިޔަ 28 އަހަރު ތެރޭ ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލަން އެންމެ ގިނަ މީހުން ވަދެފައިވަނީ، މި ފަހަރު ގަތަރުގައި ކުރިއަށްދާ މުބާރާތުގައި އާޖެންޓީނާ އިން އެންމެފަހުން މެކްސިކޯ ކުޅުނު މެޗުގަ އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމް އަށް 88،966 ސަޕޯޓަރުން ވަން މި މެޗުގައި ފެނިގެންދިޔަ މަންޒަރަކީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަށް އޮތް ޑިމާންޑް ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
މެސީ އަށް މި އޮތް ޑިމާންޑަކީ އޭނާ އަށް ޕޮޒިޓިވްކޮށް ނެގޭނެ ކަމެއް ގޮތުގައި ބެލެވުނަސް، މިއީ ޕްރެޝަރެއްގެ ގޮތުގައި ބުނާ މީހުން ވެސް މަދެއް ނޫނެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މާ ކުރިން، މެސީ، 35, ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފަ އެވެ. ވޯލްޑް ކަޕްގައި މި ފަހަރު އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި މެސީގެ ޕެނަލްޓީން އާޖެންޓީނާ ލީޑުނަގާފައި އޮއްވައި، 2-1 އިން ސައުދީ އަރަބިއްޔާ އަތްދަށުވީ އެވެ. އެ ނަތީޖާއާ އެކު އާޖެންޓީނާގެ ފެށުން ގޯސްވިއިރު، ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 36 މެޗަށް ފަހު ނިމުން އައީ އެވެ.
އެހެންވެ، ދެ ވަނަ މެޗުގައި އާޖެންޓީނާ އިން މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުވީ ވަރަށް ޕްރެޝަރު ބޮޑު މެޗަކަށެވެ. ރެކޯޑް އަދަދެއްގެ މީހުން ވަދެ، ތިބި އެ މެޗުގައި ގިނަ ބަޔެއްގެ ލޯ އަމާޒުވެފައި އޮތް ކުޅުންތެރިއަކީ މެސީ އެވެ. މެކްސިކޯ އަތުން 2-0 އިން އާޖެންޓީނާ މޮޅުވިއިރު، ފުރަތަމަ ގޯލު ޖެހީ މެސީ އެވެ. ދެ ވަނަ ގޯލު ޖަަހަން ފުރުސަތު ތަނަަވަސްކޮށްދިނީ ވެސް މެސީ އެވެ.
"މެސީ އަށް މި އޮތީ ހުރިހާ ބައެއްގެ ވެސް ސަމާލުކަން، މިއީ މެސީ އަށް އޮތް ޕްރެޝަރަކީ ވެސް ހިތްހަމަޖެހުމަކީ ވެސް، އެއީ ސަޕޯޓާ ނުލައި ކުޅުންތެރިން ކުޅެން އުނދަގޫވާނެ." ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އާޖެންޓީނާގެ ތަޖުރިބާކާރު ފުޓްބޯޅަ އެނަލިސްޓް އެންރީކޭ ކަބާޔާ ބުންޏެވެ.
"މި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކޮންމެ ކަމެއް ވެސް އޮތީ މެސީއާ ގުޅިފައި،"
ގްރޫޕް ސީގެ އެއް ވަނައިގައި މި ވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ޕޮލެންޑް އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އާއި ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މެކްސިކޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފަހު ދެ މެޗާ ކުރިމަތިލާއިރު، މި ގްރޫޕްގެ ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
އާޖެންޓީނާ މިރޭގެ މެޗުން ޕޮލެންޑް އަތުން މޮޅުވެއްޖެނަމަ، ގުރޫޕް ސީގައި ދެން މިރޭ މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އާޖެންޓީނާ އަށް ގަދަ 16ގެ ޖާގައެއް ލިބޭނެ އެވެ. މިރޭގެ މެޗު އެއްވަރުވިޔަސް، ޕޮލެންޑަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބި، އަނެއް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އާޖެންޓީނާ ކަޓާނެ އެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ކުރިން ކުޅުނު ޕަބްލޯ ޒަބަލޭޓާ ދެކޭގޮތުގައި އާޖެންޓީނާ ލީޑުކުރުމުގެ ޒިންމާ މެސީ އަށް އަދާކުރެވޭނެކަން އޭނާ އޮތީ ސާބިތުކޮށްދީފަ އެވެ. އެއީ މިދިޔަ އަހަރުގެ ކޮޕަ އެމެެރިކާ ތަށި އާޖެންޓީނާ އަށް ހޯދައިދީ 28 އަހަރު ތެރޭ އެ ޓީމަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިދިނުމުގައި މެސީގެ އިންޑިވިޖުއަލް ތަފާތާއި ޓީމު ލީޑުކުރުމުގެ ޒިންމާ އަދާކޮށްފައިވާ މިންވަރު ރަނގަޅުވުމެވެ.
އެކަމަކު، ވޯލްޑް ކަޕެއްގައި އެ އޮތް ޕްރެޝަރުގައި ތަފާތު ދެއްކިދާނެތޯ އުފެދޭ ސުވާލަށް ޖަވާބު ހޯދަން އަދިވެސް މެސީ އަށް ޖެހިފަައިވާ ކަމަށް ޒަބަލޭޓާ ގަބޫލުކުރެ އެވެ. އެ ގޮތުން، މިރޭ ޕޮލެންޑް މެޗަކީ މެސީގެ ފުޓްބޯޅަ ކެރިއަރަށް ވަރަށް ގިނަ ގޮތްގޮތުން މުހިންމުވާނެ މެޗެއްގެ ގޮތުގައި ޒަބަލޭޓާ ދެކެ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ޖުމްލަ އެކު ތިން މިލިއަން ޓިކެޓް ވިކިފައިވާއިރު، އެންމެ ޑިމާންޑް ބޮޑުކޮށް އޮތީ އާޖެންޓީނާގެ މެޗުތަކުގެ ޓިކެޓް އެވެ.
ގަތަރުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އާޖެންޓީނާ މެޗުގެ ޓިކެޓް ބްލެކް މާކެޓްގައި ވިއްކާ ކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވާ ކަމަށާއި އެ މެޗު އިސްތިހާރު ކުރަނީ ވެސް މެސީގެ ފަހު ވޯލްޑް ކަޕްގެ މެޗެއް ބަލާލަން ބޭނުންވާ ސަޕޯޓަރުންނަށް އަދިވެސް ފުރުސަތު އެބޮތް ކަމަށް ބުނެ އެވެ.
ދެކުނު އެމެރިކާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ހަބަރު ފަތުރާ ހުރިހާ ވަސީލަތެއްގައި ވެސް މިއަދު މެސީގެ ހަބަރެއް އޮންނާނެ އެވެ. އެއީ މެސީ އަށް މި ވޯލްޑް ކަޕްގައި ޑިމާންޑް އޮތް ވަރު ދޭހަވާ ކަމެއްގެ ގޮތުގައި، އާޖެންޓީނާގެ ފުޓްބޯޅަ ދިރާސާކުރާ އެންރީކޭ ކަބާޔާ ވަނީ ބުނެފަ އެވެ.












