ސެނެގާލްގެ ފުޓްބޯޅަ ތާރީހުގައި، ފީފާ ވޯލްޑް ކަޕެއްގައި އެ ޓީމުން ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި ޕަޕަ ބައުބަ ދިއޮޕް އެވެ. އެއީ އެ ފަަހަރުގެ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި އައި، ފްރާންސް އަތުން ސެނެގާލް 1-0 އިން މޮޅުކޮށްދޭން ދިއޮޕް ޖެހި ގޯލެވެ.
ދިއޮޕް މަރުވިިތާ އިއްޔެ އަށް ދެ އަހަރު ފުރުނުއިރު، ރޭ ސެނެގާލުން ވަނީ އިކުއެޑޯ ބަލިކޮށް، ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. ރޭ އިކުއެޑޯ އަތުން 2-1 އިން ސެނެގާލް ހޯދި ތާރީހީ މޮޅު އެންމެ ބޮޑަށް ހާއްސަ ކުރީ ދިއޮޕް އަށެވެ.
މީގެ ދެ އަހަރު ކުރިން، އުމުރުން 42 އަހަރުގައި ދިއޮޕް މަރުވީ ބައްޔަކަށް ފަރުވާ ކުރަމުން ދަނިކޮށެވެ.
ސެނެގާލް ގައުމީ ޓީމަށް 63 މެޗުން 11 ގޯލު ޖަހައިދިން ދިއޮޕްގެ މަަރަށް ދެ އަހަރު ފުރުނު ދުވަހު، އެ ގައުމުގެ ފުޓްބޯޅައިގައި ހާއްސަ މޮޅެއް ލިބުމުން ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ދިއޮޕްގެ ހަނދާން އާ ކޮށްފަ އެވެ.
ރޭގެ މެޗަށް ސެނެގާލް ސަޕޯޓަރުން އައިއިރު، ވަނީ ދިއޮޕްގެ ހަނދާން އާ ކުރަން މެސެޖްތަކެއް ލިޔެފައިވާ ޕޯސްޓަރުތަކެއް ދަނޑަށް ވައްދައިފަ އެވެ.
ސެނެގާލް ރޭގެ މެޗުން މޮޅުކޮށްދިން ގޯލު ޖެހި ޓީމުގެ ކެޕްޓަން، ކަލީދޫ ކުލިބާލީގެ ކެޕްޓަން ބޭންޑްގައި ވަނީ ދިއޮޕްގެ ޖޯޒީ ނަމްބަރު 19 ޖަަހައިފަ އެވެ. އެއީ ވެސް ދިއޮޕް އަށް ހާއްސަ ކުރުމުގެ ބޭނުމުގަ އެވެ.
"މިއަދަކީ ދިއޮޕްގެ މަރަށް ދެ އަހަރު ފުރޭ ދުވަސް. އަހަރެމެން އޭނަގެ ހަނދާން އާ ކުރަނީ، މި ގައުމުގެ (ސެނެގާލްގެ) ފުޓްބޯޅަ އަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރަމުން. އަހަންނަށް މި ލިބުނު މޭން އޮފް ދި މެޗު އެވޯޑް ވެސް ދޭނީ ދިއޮޕްގެ އާއިލާ އަށް،" ރޭގެ މެޗަށް ފަހު ދިން އިންޓަވިއުގައި ކުލިބާލީ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ކުލިބާލީ، ދިއޮޕްގެ ޖޯޒީ ނަމްބަރު ޖަަހާފައި ކެޕްޓަން ބޭންޑެއް އަޅައިގެން.
"ދިއޮޕް އަކީ އަހަރެމެން ގިނަ ކުޅުންތެރިންގެ ހީރޯއެއް، އޭނަ އަށް ޓަކައި ވެސް އަހަރެމެން މި މެޗުން ބަލިވެގެން ފައިބާން ބޭނުމެއް ނުވި، އަހަރެެމެން މި ހޯދީ ހައްގު މޮޅެއް،"
ދިއޮޕް، 2013 ވަނަ އަހަރު ފުޓްބޯޅަ އިން ރިޓަޔާކުރުމުގެ ކުރިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޕޯޓްސްމައުތާއި ބާމިންހަމް އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ.
ސެނެގާލުން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 ބުރަށް ދަތުރުކުރިއިރު، މި ކާމިޔާބީގައި އެ ޓީމުގެ ކޯޗު އަލިއޫ ސީސޭގެ ދައުރު ބޮޑެެވެ. ސީސޭ އަކީ ދެ ފަހަރު ވެސް ސެނެގާލް ވޯލްޑް ކަޕްގެ ނޮކައުޓްގައި ވާދަކުރިއިރު، ޓީމުގެ މުހިންމު މެމްބަރެކެވެ.
ސީސޭ އަކީ ސެނެގާލް ފުޓްބޯޅަ ތާރީހުގައި ހާއްސަ ދަރަޖައެއް އޮންނާނެ ސަހުސިއްޔަތެއް ކަމަށް އެފްރިކާ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ސީސޭ ވަނީ 2002 ވަނަ އަހަރު ކެޕްޓަނެއްގެ ގޮތުގައި ހުރެ، ސެނެގާލަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައިދީ، އެ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.
ސެނެގާލުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ދެ ވަނަ ފަހަރަށް ފުރުސަތު ހޯދީ 2019 ވަނަ އަހަރު އެވެ. އޭރު ކޯޗަކަށް ހުރީ ސީސޭ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރު ސެނެގާލުން އެފްރިކާގެ ޗެމްޕިއަންކަން ހޯދިއިރު، ކޯޗަކަށް ހުރި ސީސޭ މި ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލަށް ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުމުގެ ފުރުސަތު ހޯދައިދީފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އިކުއެޑޯ އަތުން ރޭ ސެނެގާލް ހޯދި މޮޅު ސީސޭ ވަނީ ތިން ފަރާތަކަށް ހާއްސަކޮށްފަ އެވެ. އެއީ ދިއޮޕްގެ އިތުރުން 2013 ވަނަ އަހަރު ކެންސަރު ބަލީގައި މަރުވި، ސެނެގާލްގެ ކުރީގެ ކޯޗު ފްރާންސްގެ ބްރޫނޯ މެޓްސޫ އާއި މި ފަހަރުގެ ވޯލްޑް ކަޕަށް ކުޑަތަންވެފައި އޮއްވައި، އަނިޔާވި ސެނެގާލްގެ ތަރި ސަޑިއޯ މާނޭ އަށެވެ.












