ދޯހާ، ގަތަރު (ނޮވެމްބަރު 29) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލެންޑްސް އިން 2-0 ގަތަރު ބަލިކޮށް ގްރޫޕް އޭގެ އެއް ވަނަ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، އިކުއެޑޯ 2-1 އިން ބަލިކޮށް ސެނެގާލުން ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެެ.
ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު، ނެދަލެންޑްސް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ސެނެގާލް ވަނީ ހަ ޕޮއިންޓް ހަމަކޮށްފަ އެވެެ. ތިން ވަނައިގައި އިކުއެޑޯ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގެ ހޯސްޓް ގަތަރު ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި، މިހާތަނަށް ވޯލްޑް ކަޕެއް ބޭއްވި ގައުމެއްގެ އެންމެ ދަށް ނަތީޖާގެ ލަދުވެތި ރެކޯޑާ އެކު އެވެ.
ނެދަލެންޑްސް އިން މިރޭގެ މެޗުގައި ލީޑުނެގީ ކޯޑީ ގަކްޕޯ، 26 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖެހި ގޯލުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ގަކްޕޯ ޖެހި ތިން ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ އެއް ވަނައިގައި ތިން ގޯލު ޖަހައިގެން އޮތީ ގަކްޕޯ އާއި އިކުއެޑޯގެ އެނާ ވެލެންސިއާ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ.

ދެ ވަނަ ހާފުގައި ނެދަލެންޑްސްގެ ދެ ވަނަ ލަނޑު ޖެހީ ފްރެންކީ ޑި ޔޯން އެވެ. މިއީ އޭރިއާތެރެއިން ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ޖެހި ބޯޅައެއް ގަތަރުގެ ކީޕަރު، މިޝާލް ބަޝަމް އަތުގައި ޖެހިފައި ނުކުތް ވަގުތު ޑި ޔޯން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ނެދަލެންޑްސް އިން ތިން ވަނަ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު، ސްޓީވެން ބާގްހައުސް ޖެހި ލަނޑު ބަލައިނުގަތީ، އެ އެޓޭކް ފެށިިއިރު، ގަކްޕޯ އަތުން ބޯޅަ ކޮންޓްރޯލްކޮށްފައިވާތީ އެވެ.
ނެދަލެންޑްސް އިން މި ވަނީ 2014 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
ސެނެގާލުން މިރޭ އެކުއެޑޯ ކޮޅަށް ލީޑުނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، އިސްމާއިލާ ސާ ޖެހި ޕެނަލްޓީންނެވެ. މިއީ ސާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، އިކުއެޑޯ އިން ރަނގަޅުކުރިއިރު، މެޗުގެ 67 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން މޮއިސް ސައިސޭޑޯ އެެވެ.
އިކުއެޑޯ އިން ނަތީޖާ ހަމަހަމަކުރިތާ ތިން މިނިޓް ތެރޭ ސެނެގާލުން އަލުން ލީޑުނެގި އެވެ. މެޗުގެ 70 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ސެނެގާލްގެ ކެޕްޓަން، ހަލީދޫ ކުލިބާލީ އެވެ. އޭރިއާތެެރެއިން ލިބުނު ފުރުސަތުގައި ކުލިބާލީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މި މޮޅާ އެކު ސެނެގާލުން ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ފުރުސަތު ހޯދިއިރު، މިއީ އެ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައިދިޔަ ދެ ވަނަ ފަހަރެވެ. އެންމެ ފުރަަތަމަ އެކަން ހާސިލްކުރީ 2002 ވަނަ އަހަރު އެވެ.












