ވިޔަފާރި ކުރާ އަންހެނުންނަށް ހިތްވަރުދީ އެމީހުންގެ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުން ބޭއްވި ވުމެން އޮންޓުރަޕުރެނިއާސް ސަމިޓު 2022 ގައި ރާއްޖޭގެ ދެ މީހަކަށް ދެ ދާއިރާއަކުން ހާއްސަ އެވޯޑު ލިބިއްޖެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރި ކުރާ ކަނބަލުންގެ ވިޔަފާރިތަކާއި އުފެއްދުންތައް ބައިނަލްއަގުވާމީ ފެންވަރުގައި މައުރަޒުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ވުމެންސް އިންޑިއަން ޗެމްބާ އޮފް ކޮމާސް އެންޑު އިންޑަސްޓުރީން (ޑަބްލިއުއައިސީސީއައި) ދޭ މި އެވޯޑުތައް ލިބިފައިވަނީ ރާއްޖޭގެ އަމިއްލަ ބުރޭންޑެއް ކަމަށްވާ "އޮގާ" ގެ ބާނީ، އަޒްލީނާ އަމީން އާއި "ދަ ގިފްޓު ބާސްކެޓު މޯލްޑިވްސް" ގެ ބާނީ، ޔުމްނާ ރަޝީދަށެވެ.

އެކްސެޕްޝަނަލް ވުމެންސް އޮފް އެކްސެލެންސް އެވޯޑު ހާސިލު ކުރި އަޒްލީނާ އަމީން -- ފޮޓޯ: އަޒްލީނާ އަމީން
ބަންގްލަދޭޝްގެ ވެރި ރަށް، ޑާކާގައި މި މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ މި ސަމިޓުގައި އަޒްލީނާއަށް ލިބިފައި ވަނީ ވިޔަފާރީގެ ދައިރާގައި އެންމެ އުހުގައި ފިޔަޖަހައި އެހެން މީހުންނަށް ނަމޫނާ ދައްކާ ފަރާތްތަކަށް ހާއްސަކޮށް ދޭ "އެކްސެޕްޝަނަލް ވުމެން އޮފް އެކްސެލެންސް" އެވެ. އޭނާއަކީ އާޓިސްޓުރީ ގެ ނަމުގައި އޭނާ ހިންގާ ވިޔަފާރީގެ ދަށުން އޮގާގެ ނަމުގައި އަމިއްލަ ބުރޭންޑެއް އުފައްދައި ފުޅާކުރަމުން އަންނަ ކަނބަލެކެވެ. އެގޮތުން އެ ބުރޭންޑުގެ ދަށުން ތަފާތު ވައްތަރުގެ ސައިބޯންޏާއި ބާމުގެ އިތުރުން އުއްބައްތި އުފައްދަ އެވެ.
އޮގާ ބުރޭންޑުގެ އުފެއްދުންތައް މީސްމީޑިއާގައި އެ ބުރޭންޑުން ހިންގާ ޕޭޖުތަކުންނާއި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ގަންނަން ލިބެން ހުރެ އެވެ. އެ ބުރޭންޑަކީ ރާއްޖޭގެ އިތުރުން ބޭރުން ޒިޔާރަތް ކުރަ ފަތުރުވެރިންގެ މެދުގައި ވެސް މަޝްހޫރު ބުރޭންޑެކެވެ.
އެ ސަމިޓުގައި ދެން އެވޯޑު ހާސިލު ކުރި ޔުމްނާ ރަޝީދަށް ލިބުނީ ރިސާޗާއި ޑިޒައިން އަދި އުފެއްދުންތެރިކަމާއި ފަންނިއްޔާތުގެ ރޮނގުން ނަމޫނާ ދައްކާ އުމުރުން 14 އަހަރާއި 25 އަހަރާއި ދެމެދުގެ ކަނބަލުންނަށް ދޭ "ޔަންގު އިނޮވޭޓާސް ކުރިއޭޓިން އަ ބެޓާ ވޯލްޑު ފޯ އޯލް" އެވޯޑެވެ. އޭނާއަކީ ކުޑަކުދިންގެ ކުޅޭ ސާމާނާއި އެނޫންވެސް ބައެއް ސާމާނު، ތުއްތުކުދިން އެންމެ ބޭނުންވާނެ ގޮތަށް ހާއްސަކޮށް އުފައްދައި އެ ވިޔަފާރީގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާ އަންނަނީ "ދަ ގިފްޓު ބާސްކެޓު" ގެ ނަމުގައި ވިޔަފާރިއެއް ފަށައި އެހެން ފަރާތްތަކަށް ނަމޫނާ ދައްކަމުންނެވެ.

ޔަންގު އިނޮވޭޓާސް ކުރިއޭޓިން އަ ބެޓާ ވޯލްޑު ފޯ އޯލް އެވޯޑު ހާސިލުކުރި ޔުމްނާ ރަޝީދު -- ފޮޓޯ: ޔުމްނާ ރަޝީދު
ޑަބްލިއުއައިސީސީއައި އަކީ ވިޔަފާރީގެ ރޮނގުން އަންހެނުންނަށް ކުރިއަށް ދިޔުމަށް ހިތްވަރުދީ އެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވައި، ބައިނަލްއަގުވާމީ ފެންވަރުގެ ފުރުސަތުތައް ވިޔަފާރިވެރި އަންހެނުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި އުފައްދައި ހިންގަމުން އަންނަ ޗެމްބަރެކެވެ.










