ދޯހާ، ގަތަރު (ނޮވެމްބަރު 29) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މޮޅުވުން މަޖުބޫރު މެޗެއްގައި އިކުއެޑޯއާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން "ވާހަކަތަކެއް ދައްކައިގެން އަމިއްލަ އަށް ޕްރެޝަރަށް" ވެއްޓެން ބޭނުންނުވާ ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފި އެވެ.
ގްރޫޕް އޭގެ ތާވަލަށް ބަލާއިރު، މި ވަގުތު މި ގްރޫޕުން ގަދަ 16 ބުރަށް ދިއުމުގެ ބޮޑު ފުރުސަތެއް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތް ނެދަލެންޑްސް އާއި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ދެ ވަނައިގައި އޮތް އިކުއެޑޯ އަށެވެ. ތިން ވަނައިގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ އެފްރިކާގެ ޗެމްޕިއަން ސެނެގާލް އެެވެ. އެ ޓީމަށް އަމިއްލަ ބާރުގައި ގަދަ 16 ބުރަށް ދަތުރުކުރުމުގެ ފުރުސަތު އޮތީ މިރޭ އިކުއެޑޯގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ގަތަރު ވަނީ ކަޓައިފަ އެވެ.
އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސެނެގާލްގެ ކޯޗު ސީސޭ ބުނީ މޮޅުވާން ޖެހޭ މެޗެއްގެ ކުރިން ދައްކަން ބޭނުންވަނީ ހަމައެކަނި ޕޮޒިޓިވް ވާހަކަ ކަމަށެވެ.
"ކުރިއަށް ދެވެން އޮތީ މޮޅުވެގެން. އެހެންވީމަ މޮޅުވެވޭތޯ ކުރަން ޖެހޭ ކަންކަމަށް މި ވިސްނަނީ، ބަލިވެއްޖެނަމަ ވާނެ ގޮތެއް. ނޫނީ އެހެން ކަމެއް ވެއްޖެނަމަ ވާނެ ގޮތެއް. މި ހުރިހާ ކަމަކަށް ނުވިސްނަން. ހަމަ އެކަނި މި ބަލަނީ މޮޅެއް ވެގެން އަނެއް ބުރަށް ދާން،" ސީސޭ ބުންޏެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލް ގްރޫޕް ސްޓޭޖުން ކެޓީ ޖަޕާނާ ޕޮއިންޓްގެ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް އެއްވަރުވެ، ފެއާ ޕްލޭ ގަވާއިދަށް ބަލައިގެންނެވެ.
ސީސޭ ބުނީ ކުރިން ވެފައި ހުރި ކަންތައްތަކަށް ބަލައިގެން މި މެޗަށް ތައްޔާރުވުމުގެ މާނައެއް ނެތް ކަމަށެވެ. ބޭނުންވަނީ އަތުގައި ކޮންޓްރޯލް އޮތް ކަންކަމަށް ފޯކަސް ކުރުމަށް ކަމަށް ސީސޭގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
"ވަރަށް ހަމަޖެހިލައިގެން، މާ ބޮޑަށް އެކި ކަންކަމަށް ނުވިސްނައި މި މެޗު ކުޅެފިއްޔާ މޮޅުވެވޭނެ،" ސީސޭ ބުންޏެވެ.
ވޯލްޑް ކަޕްގައި ސެނެގާލުން ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ލިބިފައިނުވެ އެވެ. އެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސެނެގާލް ވަނީ އުރުގުއޭއާ ދެކޮޅަށް 2002 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި އެއްވަރުވެފަ އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޮ ވޯލްޑް ކަޕްގައި ވަނީ ކޮލަމްބިއާ އަތުން ބަލިވެފަ އެވެ.
އަނެއްކޮޅުން މިއީ ވޯލްޑް ކަޕެއްގައި އިކުއެޑޯ އިން އެފްރިކާގެ ޓީމަކާ ކުޅޭ ފުރަތަމަ ފަހަރެވެ. އިކުއެޑޯގެ ކޯޗު ގުސްޓާވޯ އަލްފާރޯ ވަނީ އެކި ބައްރުތަކުގެ ގައުމުތަކުގެ ފުޓްބޯޅައިގައި ފެންވަރުގެ ގޮތުން ފަރަގެއް ނެތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި މި ފަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާތަށް އެކަމަށް ހެކިދޭނެ ކަމަށެވެ.
އަލްފާރޯ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ހާއްސަ ކަމަކީ ކޮންމެ ޓީމަކަށް ވެސް ހައިރާންކުރަނިވި ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮތުން ކަމަށެެވެ. އަދި ދުނިޔޭގެ އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕެއްގައި، މެޗުތައް ފޯރިގަދަކޮށް ދިއުމަކީ ސަޕޯޓަރުން ވެސް ހިތްހަމަޖެހޭނެ ކަމެއްގެ ގޮތުގައި އަލްފާރޯ ވަނީ ފާހަގަކޮށްފަ އެވެ.
ސެނެގާލާ ދެކޮޅަށް ކުޅެން ޖެހޭ މެޗާ ބެހޭގޮތުން އަލްފާރޯ ބުނީ ހަގީގަތުގައި މިއީ ވަރަށް ސަމާލުވެގެން ކުޅެން ޖެހޭނެ މެޗެއް ކަމަށާއި ބަލިވެއްޖެނަމަ، މިހާތަނަށް ކުރި މަސައްކަތުގެ ބޭނުމެއް ނެތް ކަމަށެެވެ.
ފުރަތަމަ ދެ މެޗުގައި އިކުއެޑޯ އިން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވެލެންުސިއާގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރިއިރު، މިރޭގެ މެޗަށް އޭނާ ފިޓްވާނެ ކަމަށް އަލްފާރޯ ވަނީ ބުނެފަ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު ދެ މެޗު ވެސް ކުޅޭނީ މިރޭ އެއް ވަގުތެއްގަ އެވެ. ސެނެގާލާއި އިކުއެޑޯ އެއް މެޗުގައި ކުޅޭއިރު، އަނެއް މެޗުގައި ނެދަލެންޑްސް ބައްދަލުކުރާނީ ގަތަރާ އެެވެ. ދެ މެޗު ވެސް ފަށާނީ 8 ޖަހާއިރު އެވެ.












