ދޯހާ، ގަތަރު (ނޮވެމްބަރު 27) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ދެ ވަނަ ހާފުގައި ޖެހި ގޯލާ އެކު ކޮސްޓަ ރިކާ އިން 1-0 އިން ޖަޕާން ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި ޖަޕާން ކުޅުނު ފުރަތަމަ މެޗުން ވަނީ ފަަހަތުން އަރައި 2-1 އިން ޖަރުމަނު ބަލިކޮށްފަ އެވެ. ކޮސްޓަ ރިކާ ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޕެއިން އަތުން 7-0 އިން ބަލިވެފަ އެވެ. ކޮސްޓަ ރިކާ އަށް ރެކޯޑް ނާކާމިޔާބީއެއް ކުރިމަތިވި ފުރަތަމަ މެޗަށް ފަހު މިއަދު ޖަޕާންގެ އަތުން ކާމިޔާބު ހޯދައި، ކޮސްޓަ ރިކާ އިން މި ވަނީ ކުރިއަށްދާން އުންމީދެއް ހޯދައިފަ އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ކޮސްޓަ ރިކާ އިން ގޯލު ޖެހިީ މެޗުގައި ގޯލާ ސީދާކޮށް ފޮނުވާލި ފުރަތަމަ ބޯޅައިންނެވެ. މިއީ މެޗުގެ 81 ވަނަ މިނިޓްގައި ކޭޝީ ފުލާ ސްޕެންސް ޖެހި ގޯލެކެވެ. އޭރިއާ ރޮނގުކައިރިން ފުލާ ޖެހި ބޯޅަ ގޯލަށް ވަނީ ޖަޕާނުގެ ކީޕަރު، ޝުއީޗީ ގޮންޑާ އަތުގައި ޖެހިފަ އެވެ. ކީޕަރު ގޮންޑާ ކުރިއަށް އަރައި ހުރި ވަގުތު، ފުލާ ޖެހި ބޯޅަ ގޯލަށް ވަނީ ގޮންޑާ އަތުގައި ޖެހިފަ އެވެ.

ޖަޕާނުން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތް ހުއްޓުވީ ކޮސްޓަ ރިކާގެ ގޯލުކީޕަރު އަދި އެ ޓީމުގެ ކެޕްޓަން، ކޭލޯ ނަވާސް އެވެ. ނަވާސް ވަނީ ޖަޕާންގެ ކުޅުންތެރިން އޭރިއާތެރެއަށް ނެގި ހުރަސްތައް ހުއްޓުވުމުގައި ވެސް ތަފާތު ދައްކައިފަ އެވެ.
މިއީ ކޮސްޓަ ރިކާ އިން ބައިނަލްއަގުވާމީ މެޗެއްގައި ޖަޕާން ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮސްޓަ ރިކާ އާއި ޖަޕާން ކުޅުނު ހަތަރު މެޗަކީ ވެސް އެކުވެރިކަމުގެ މެޗުތަކެވެ. އެ މެޗުތަކުން ޖަޕާން ތިން ފަހަރު މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކޮސްޓަ ރިކާ އިން މި ވަނީ ރަސްމީ މުބާރާތެއްގެ ފުރަތަމަ މެޗުން ޖަޕާން ބަލިކޮށްފަ އެވެ.
އަނެއްކޮޅުން މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޗައިނާ އަތުން މޮޅުވި މެޗަށް ފަހު ކޮސްޓަ ރިކާ އިން ވޯލްޑް ކަޕެއްގައި އޭޝިއާގެ ގައުމެއް އަތުން ހޯދި ފުރަތަމަ މޮޅެވެ.
ކޮސްޓަ ރިކާގެ މި މޮޅާ އެކު ގްރޫޕް އީގެ ތިން ޓީމަކަށް ތިން ޕޮއިންޓް ލިބުނީ އެވެ. އެއް ވަނައިގައި އޮތް ސްޕެއިނާއި ދެ ވަނައިގައި އޮތް ޖަޕާން އަދި ތިން ވަނައިގައި އޮތް ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ޖަރުމަނެވެ. ޖަރުމަނު ކުޅޭ ދެ ވަނަ މެޗުގައި މިރޭ ސްޕެއިނާ ބައްދަލުކުރާނެ އެވެ.












