ދޯހާ (ނޮވެމްބަރު 26) - ފީފާ ވޯލްޑް ކަޕްގައި ކުރިއަށް ދިއުމަށް މޮޅުވާން މަޖުބޫރު މެޗަކަށް އޮސްޓްރޭލިއާއާ ދެކޮޅަށް ޓިއުނީޝިއާ ނުކުންނައިރު، "ރިސްކް" ނަގަން ޓިއުނީޝިއާގެ ޓީމުން ޖެހިލުން ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޖަލެލް ކަދްރީ ބުނެފި އެވެ.
ގުރޫޕް ޑީގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ޓިއުނީޝިއާ ނުކުންނައިރު، އެ ޓީމު އޮތީ އެއް ޕޮއިންޓާ އެކު އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ ވަނީ ޑެންމާކާ އެކު ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
އޮސްޓްރޭލިއާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ.
މި ގުރޫޕްގައި އޮތް ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮތްއިރު، ކަދްރީ ބުނީ ފުރަތަމަ މެޗުގައި ޓިއުނީޝިއާ އިން ތަންކޮޅެއް ބަލައިގެން ކުޅުނު ނަމަވެސް، މިއަދު މެޗުގައި މޮޅުވާން "ރިސްކް" ނަގާނެ ކަމަށެވެ.
"ފުރަތަމަ މެޗުގައި އަހަރަމެންނަށް ޗާންސްތައް ލިބުނު. އެކަމަކު ބޭނުން ނުހިފުނީ. އަހަރެންގެ ޓީމުގައި ތިބި ފޯވަޑުންގެ ފެންވަރު އަހަންނަށް އެނގޭ. އެމީހުންނަށް އިދިކޮޅު ޓީމަށް އުނދަގޫ ކުރެވޭނެ. މިއަދު ރިސްކް ނަގާނެ،" ކަދްރީ ބުންޏެވެ.
ކަދްރީ ބުނީ ފްރާންސްއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު މެޗު ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާގައި ވަރަށް ބުންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިއްބަސް، އެ ޓީމުގެ ބަލިފައި ޓިއުނީޝިއާ އަށް އެނގޭ ކަމަށެވެ.
"އޮސްޓްރޭލިއާގެ ބަލިފައިތަކެއް އެބަހުރި. އަހަރަމެން ބަލާނީ އެކަންތައްތަކުގެ ފައިދާ ނެގޭތޯ،" ކަދްރީ ބުންޏެވެ.
އޮސްޓްރޭލިއާ އާޢި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު 15:00ގަ އެވެ.












