ދޯހާ (ނޮވެމްބަރު 26) - ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ މޮޅުވިޔަސް، ސައުދީ އަށް ކަމެއް ހާސިލްކުރި ކަމަށް ވާނީ ދެ ވަނަ ބުރުގެ ޖާގައެއް ލިބިގެން ކަމަށް އެ ޓީމުގެ ކޯޗު ހާވް ރެނާޑް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސީގައި ސައުދީ އަރަބިއްޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ފަހަތުން އަރައި އާޖެންޓީނާ އަތުން 2-1 އިން މޮޅުވެފަ އެވެ.
ފީފާ ރޭންކިންގައި 51 ވަނައިގައި އޮތް ސައުދީ އަރަބިއްޔާ މި އަަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ދަށް ރޭންކިންގައި އޮތް ޓީމެވެ. އެކަަމަކު، މުބާރާތުގައި މިއަދު ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުން ސައުދީ މޮޅުވެއްޖެނަމަ، އެ ޓީމަށް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގައެއް ލިބޭނެ އެވެ.
މިއަދުގެ މެޗު ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެނާޑް ބުނީ އާޖެންޓީނާ ބަލިކުރިޔަސް، ސައުދީ އަރަބިއްޔާގެ ފެންވަރު އެ ޓީމަށް ނޯޅޭ ކަމަށެވެ. އަދި ސައުދީ އަށް ކަމެއް ހާސިލްވި ކަމަށް ވާނީ ދެ ވަނަ ބުރުން ޖާގައެއް ލިބިގެން ކަމަށް ރެނާޑް ވަނީ ބުނެފަ އެވެ.
"ކޮންމެ ގޮތެއްވިޔަސް އެންމެ މުހިންމު ކަމަކީ ދެވަނަ ބުރުން ޖާގައެއް ހޯދުން. އަހަރަމެންގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާދޭ. ފީފާ ރޭންކިން އާއި ތަޖުރިބާ އަށް ބަލާއިރު މި ގުރޫޕްގައި އޮތް އެންމެ ދަށް ޓީމަކީ ސައުދީ،" ރެނާޑް ބުންޏެވެ.
"ސައުދީގެ ފެންވަރު ސައުދީ އަށް އެނގޭނީ. އެކަން ދަނެގެން މި މެޗަށް ވެސް މި ކުރިމަތިލަނީ."
ސައުދީ ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާ 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި އެ ޓީމުން ދެ ވަނަ ބުރުގެ ޖާގައެއް ހޯދިއެވެ. އެކަމަކު، އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ފަހަރު ވެސް، އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑް ވަނީ މެކްސިކޯއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެެވެ. އެހެންކަމުން، މިއަދުގެ މެޗުން މޮޅެއް ޕޮލެންޑަށް ވެސް މުހިންމެވެ.
ސައުދީ އަރަބިއްޔާ އާއި ޕޯލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިއަދު 18:00ގަ އެވެ.












