ދޯހާ، ގަތަރު (ނޮވެމްބަރު 26) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ކެޓި ފުރަތަމަ ޓީމަކީ ގަތަރު ކަމުގައި ވިޔަސް އެ ގައުމާއި، އެ ގައުމުގެ ފުޓްބޯޅައާ މެދު މީހުން އުފާކުރާ ކަންތައްތަކެއް ހުންނާނެ ކަމަށް ގަތަރުގެ ކޯޗު ސްޕެއިންގެ ފީލިކްސް ސަންޗޭޒް ބުނެފި އެވެ.
ގްރޫޕް އޭގައި ވާދަކުރާ ގަތަރު ކުޅުނު ފުރަތަމަ މެޗުން ވަނީ 2-0 އިން އިކުއެޑޯ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރޭ ސެނެގާލް އަތުން 3-1 އިން ބަލިވިއިރު، ރޭ ނެދަލެންޑްސް އާއި އިކުއެޑޯގެ މެޗު 1-1 އިން އެއްވަރުވުމާ އެކު ފަހު މެޗުގައި ގަތަރުން ނެދަލެންޑްސްއާ ބައްދަލުކުރުމުގެ ކުރިން ވެސް އޮތީ ދެ ވަނަ ބުރުގެ ދޮރު ބަންދުވެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ގަތަރު ބަލިވިއިރު، އެ ޓީމަކީ ހޯސްޓެއްގެ ގޮތުގައި ވާދަކޮށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ޓީމެވެ. އަދި ގްރޫޕް ސްޓޭޖުން ކެޓުމާ އެކު ގަތަރުވެފައި ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ދެކުނު އެފްރިކާއާ އެކު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނު ދެ ވަނަ ޓީމަށެވެ.
ވޯލްޑް ކަޕްގެ މި ހުރިހާ ދަށް ރެކޯޑްތަކަކާ ގަތަރު ފުޓްބޯޅަ ގުޅިފައި އޮތް ނަމަވެސް އެ ޓީމުގެ ކޯޗު ފީލިކްސް ސަންޗޭޒް ބުނީ ޕޮޒިޓިވް ނަަޒަރަކުން ވިސްނަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށެވެ.
"ވޯލްޑް ކަޕް ވެސް ނިމޭނެ. އެކަމަކު، ގަތަރު ވޯލްޑް ކަޕް ހަނދާން ކުރާނެ މީހުން ތިބޭނެ. އެއީ ރަނގަޅު ވިސްނުމަކުން މި ވޯލްޑް ކަޕާ މެދު ދެކޭ މީހުން. އޭގެ ތެރޭގައި ގަތަރު ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް މަސައްކަތް ކުރާ މީހުން ވެސް ތިބޭނެ. އެއީ މި ގައުމުގެ ފުޓްބޯޅަ ކުރިއަށްދާނެ ސަަބަބު،" 2006 ވަނަ އަހަރުން ފެށިގެން ގަތަރު ފުޓްބޯޅައިގެ އެކި މަސައްކަތްތައް ކުރަމުން އަންނަ ފީލިކްސް ސަންޗޭޒް ބުންޏެވެ.
ގަތަރަށް 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ޗެމްޕިއަންކަން ހޯދައިދިން ފީލިކްސް ސަންޗޭޒް ބުނީ އަންނަ އަންގާރަ ދުވަހު ގަތަރުން ގްރޫޕްގެ ފަހު މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގައި މި މުބާރާތުގެ ވިސްނުމަށް ބަލާއިރު، ގަތަރަށް ހާސިލްކުރެވޭނެ އެއްޗެއް ނެތް ކަމަށެވެ.
އެކަމަކު، ޖުމްލަކޮށް މުޅި ގަތަރުގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ވިސްނާނަމަ ނެދަލެންޑްސް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅެެގެން ކަމެއް ހާސިލްކުރުމަކީ ގަތަރުގެ ފުޓްބޯޅައާ މެދު މި ވަގުތު ނުރަނގަޅު ވިސްނުމެއްގައި ތިބި މީހުންނަށް ވެސް އުންމީދެއް ދެވޭނެ ކަމެއް ކަމުގައި ފީލިކްސް ސަންޗޭޒް ގަބޫލުކުރެ އެވެ.












