ދޯހާ، ގަތަރު (ނޮވެމްބަރު 25) - މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ފޯވާޑް ނޭމާ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގައި އެ ޓީމު ބާކީ ކުޅެން އޮތް ދެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ކުޅުނީ ސާބިއާއާ ދެކޮޅަަށެވެ. އެ މެޗު 2-0 އިން ބްރެޒިލް ކާމިޔާބުކުރިއިރު، ނޭމާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ 80 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ނޭމާ ބަދަލުކުރަން ޖެހުނުއިރު، އޭގެ ފަހުން ފެނުނު މަންޒަރަށް ބަލާއިރު އޭނާގެ ކުޑަ ހުޅަށް ފުދޭވަރަކަށް ބޮޑު އަނިޔާއެއްވި ކަމަށް ބެލެވުނެވެ. 80 މިނެޓުގެ ކުރިން ނޭމާގެ ފަޔަށް އެންމެ ބޮޑަށް ތަދުވީ ސާބިއާގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް ކުރި ފައުލެއްގެ ސަބަބުންނެވެ. މި މެޗުގައި ނޭމާ އަށް ނުވަ ފައުލެއް ސާބިއާގެ ކުޅުންތެރިން ކުރިއިރު، ނޭމާ އަކީ އެއް މެޗެއްގައި މިހާތަނަށް އެންމެ ގިނައިން ފައުލް ކުރަން ޖެހުނު ކުޅުންތެރިޔާ އެވެ.
މެޗަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކަށް ބަލާއިރު ނޭމާގެ ކަނާތު ފައިގެ ކުޑަހުޅު އޮތީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަނެއްކޮޅުން އޭނާ ޗޭންޖިންރޫމަށް ދިޔައީ ވެސް ބްރެޒިލްގެ މެޑިކަލް ޓީމްގެ އޮފިޝަލާކާ އެކުގަ އެވެ.
ނޭމާ، 30، އަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން ބްރެޒިލްގެ ޑޮކްޓަރު ބުނީ ނޭމާ ފައިގެ ކުޑަ ހުޅުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަދުވެގެން ހަފްތާއެއްހާ ދުވަސް ރެސްޓް ބޭނުންވާ ކަމަށެވެ. އޭގެ ފަހުން ނޭމާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަސް ބުނަން އިނގޭނީ ކޮންމެ ދުވަހަކުވެސް އަނިޔާގެ ހާލަތު އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށެވެ.
ނޭމާ އަށް މި ލިބުނު އަނިޔާގެ ސަބަބުން މިމަހުގެ 28 ވަނަ ދުވަހު ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗާއި ޑިސެމްބަރު 3 ވަނަ ދުވަހު ކެމަރޫންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
ނޭމާގެ އިތުރުން ބްރެޒިލްގެ ކަނާތް ފަޅިން ފަހަތަށް ކުޅުނު ޑެނީލޯގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުންވެސް ގްރޫޕްގައި ބާކީ އޮތް ދެ މެޗުގައި ނުކުޅެވޭނެ އެވެ.
އޭނާގެ ބަދަލުގައި ކޯޗު ޓިޓޭ ފުރުސަތު ދިނުން ގާތީ އެޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ 39 އަހަރުގެ ޑެނިއެލް އަލްވޭސް އެވެ.
ނޭމާ އަކީ އަނިޔާގެ ސަބަބުން މުހިންމު މުބާރާތްތަކުގައި މީގެ ކުރިންވެސް ބަދު ނަސީބާ ކުރިމަތިލާން ޖެހުނު ކުޅުންތެރިއެކެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ކޮލަމްބިޔާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ނޭމާ އަށް އަނިޔާވެ އެ މުބާރާތުގައި ބާކީ ހުރި މެޗުތަކުގައި ނުކުޅެވުނެވެ. މީގެ ތިން އަހަރު ކުރިން، 2019ގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައިވެސް ނޭމާ އަށް ނުކުޅެވުނުއިރު، 2021ގައި ވެސް އޭނާގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ.
ނޭމާ މިހާރު ކުޅެމުން އަންނަ ކުލަބު ޕީއެސްޖީއަށްވެސް ކުޅުނުއިރު އޭނާއަށް އެންމެ ގިނައިން އަނިޔާ ލިބުނީ ކަނާތު ފައިގެ ކުޑަހުޅަށެވެ.












