ދޯހާ، ގަތަރު (ނޮވެމްބަރު 25) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ބާއްވާ ގަތަރުން ކުުޅުނު ދެ ވަނަ މެޗުން، އެފްރިކާގެ ޗެމްޕިއަން ސެނެގާލް އަތުން 3-1 އިން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ގްރޫޕް އޭގައި މިރޭ ނެދަލެންޑްސް އާއި އިކުއެޑޯ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ޓީމަކީ ގަތަރަށް ވުމުގެ ފުރުސަތު އެބައޮތެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ގަތަރު ވަނީ 2-0 އިން އިކުއެޑޯ އަތުން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު ގަތަރަށް ލިބުނު ދަށް ރެކޯޑަކީ މުބާރާތް ބާއްވާ ގައުމުގެ ތެރެއިން ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ޓީމެވެ.
މިއަދުގެ މެޗުގައި ގަތަރު ކޮޅަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި ސެނެގާލަށް ލީޑުނަގައިދިނީ ބުލާއޭ ޑިޔާ އެވެ. މިއީ ގަތަރުގެ ޑިފެންޑަރު ބޫލެމް ކޫކީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ޑިއާ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ސެނެގާލުން ލީޑުުފުޅާކުރީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ފަމާރާ ދިއޭދޫ ބޮލުން ޖެހި ގޯލަކުންނެވެ.
ބަދަލުތަކެއް ގެނެސްގެން ގަތަރުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގައި މުހައްމަދު މުންތާރީ ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ ދޮޅު މިނިޓް ތެރޭ މުންތާރީ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ގޯލެއް ޖަހައި، ގަަތަރުން އެއްވަރުކުރަން މަސައްކަތްކުރި ނަމަވެސް ސެނެގާލުން ވަނީ 84 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް އެރި ދެ ކުޅުންތެރިންގެ ކޮމްބިނޭޝަނުންނެވެ. ލިމަން އެންޑިއާޔޭ އޭރިއާތެރެއަށް ދިން ބޯޅަ ބަމްބާ ޑިއެންގް ވަނީ ތިރިިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ މެޗުން ސެނެގާލް ވަނީ ނެދަލެންޑްސް އަތުން ބަލިވެފަ އެވެ. އެކަމަކު، ގަތަރު އަތުން ހޯދި މޮޅާ އެކު ދެ ވަނަ ބުރަށް ދިއުމަށް ސެނެގާލަށް ވަނީ އަމިއްލަ ބާރު ލިބިފަ އެވެ. ފަހު މެޗުގައި އިކުއެޑޯ ކައިރިން ނަތީޖާ ނެރެގެން 2002 ވަނަ އަހަރަށް ފަހު ސެނެގާލަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ދެ ވަނަ ބުރަށް ދަތުރުކުރެވޭނެ އެވެ.












