ދޯހާ (ނޮވެމްބަރު 24) - ފީފާ ވޯލްޑް ކަޕްގައި މިރޭ ބްރެޒިލްއާ ދެކޮޅަށް ސާބިއާ ނުކުންނައިރު، ސާބިއާގެ ޓީމުން ޖެހިލުންވާ އެއްވެސް ޓީމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޑްރަގާން ސްޓޮޖްކޮވިޗް ބުނެފި އެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ސްޓޮޖްކޮވިޗް ބުނީ ބްރެޒިލް އަކީ މޮޅު ޓީމަކަށް ވިޔަސް، ސާބިއާ އިން ޖެހިލުންވާ ޓީމެއް މުޅި ދުނިޔޭގައި ވެސް ނެތް ކަމަށެވެ.
"އަހަރަމެން ޖެހިލުންވާ އެއްވެސް ޓީމެއް ނެތް މުޅި ދުނިޔޭގައި ވެސް. ބްރެޒިލް ދެކެ ވެސް ޖެހިލުމެއް ނުވޭ. ޖެހިލުންވުމުގެ ބޭނުމެއް ނެތް،" ސްޓޮޖްކޮވިޗް ބުންޏެވެ.
ސްޓޮޖްކޮވިޗް ބުނީ ބްރެޒިލް އަކީ ތާރީހާއި ރެކޯޑްތަކާއި މި ވަގުތުގެ ފޯމަށް ބަލާއިރު ވެސް މޮޅު ޓީމެއް ކަމަށެވެ. އެކަމަކު، ސާބިއާ އިން ބަލާނީ ވާދަވެރި މެޗެއް ކުޅެން ކަމަށާއި އިދިކޮޅު ޓީމަށް އުނދަގޫތައް ކުރަންޖެހޭ ކަމަށެވެ.
"ބްރެޒިލް އަކީ ވަރަށް މޮޅު ޓީމެއް. އަހަރެން ބުނާނީ ބްރެޒިލްގެ ރަން ޖީލެކޭ މިހާރު ވެސް އެ އޮތީ. އެކަމަކު، އަހަރަމެން މަސައްކަތްކުރާނީ ވާދަވެރި މެޗެއް ކުޅެން," ސްޓޮޖްކޮވިޗް ބުންޏެވެ.

ސާބިއާގެ ކޯޗު ޑްރަގާން ސްޓޮޖްކޮވިޗް: ޓީމާ މެދު އިތުބާރު ބޮޑު ކަމަށް ވަނީ ބުނެފައި.
މި މެޗަށް ސާބިއާ ނުކުންނައިރު ޔުވެންޓަސްގެ ވިންގް، ފިލިޕް ކޮސްޓިކްގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައިވާ ކަމަށް ސްޓޮޖްކޮވިޗް ބުންޏެވެ. އެކަމަކު، ރަނގަޅު ފޯމެއްގައި ހުރި ފުލަމްގެ ފޯވަޑް އެލެކްޒަންޑާ މިޓްރޮވިޗް މިރޭގެ މެޗަށް ފިޓުވާނެ ކަމުގެ އުންމީދު ސްޓޮޖްކޮވިޗް އަށް ބޮޑެވެ.
މިޓްރޮވިޗް ވަނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ނުވަ ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ސާބިއާގެ ތަފާތަކަށް ވި އެއް ކުޅުންތެރިއަކީ މިޓްރޮވިޗް އެވެ.
ބްރެޒިލް އަކީ މި މުބާރާތުގެ ފޭވަރިޓެކެވެ. އެކަމަކު، މުބާރާތުގައި މިހާތަނަށް ނިކުމެފައިވާ ހައިރާންކުރަނިވި ނަތީޖާތަކަށް ބަލާއިރު، ބްރެޒިލް އަށް ވެސް އެއްވެސް މެޗެއް ފަސޭހަކުރެވެން ނެތެވެ.
ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ޕްރެޝަރެއް ކުރިމަތިނުވެ، މި ވަރުގެ މުބާރާތެއްގައި ވާދަނުކުރެވޭނެ ކަމަށެެވެ. އަދި އެއީ ބްރެޒިލްގެ ކުޅުންތެރިންނަށް އާކަމަކަށް ނުވާނެ ކަމަށެވެ.
"ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބެއް އޮތީ ބްރެޒިލްގައި. އެހެންވީމަ ޕްރެޝަރަކީ އާކަމެއް ނޫން،" ޓީޓޭ ބުންޏެވެ.
ބްރެޒިލް އާއި ސާބިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00؛00 ގަ އެވެ.












