ދޯހާ، ގަތަރު (ނޮވެމްބަރު 22) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ސައުދީ އަރަބިއްޔާ އިން ފަހަތުން އަރައި 2-1 އިން އާޖެންޓީނާ ބަލިކޮށް، ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފި އެވެ.
މި މެޗަށް އައިއިރު، އާޖެންޓީނާ ވަނީ ބަލިނުވެ ޖެހިޖެހިގެން 36 މެޗު ހަމަކޮށްފަ އެވެ. ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައި އޮތް އިޓަލީގެ ރެކޯޑަކީ 37 މެޗެވެ. އާޖެންޓީނާގެ ރެކޯޑް ނިމުނީ އިޓަލީއާ ހަމަ ކުރަން އެއް މެޗު އޮއްވަ އެވެ. މި މެޗުގެ ކުރިން އާޖެންޓީނާ އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުންނެވެ.
އާޖެންޓީނާ އަތުން ސައުދީ އަރަބިއްޔާ މޮޅުވިއިރު، މިއީ ވޯލްޑް ކަޕްގައި އެ ޓީމުން ހޯދި ހަތަރު ވަނަ މޮޅެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި އޮތް ޓީމެއް އަތުން ސައުދީ އަރަބިއްޔާ މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ ވޯލްޑް ކަޕްގައި މޮޅުވީ 1994 ވަނަ އަހަރުގެ މުބާާރާތުގައި މޮރޮކޯ އާއި ބެލްޖިއަމް އަތުންނެވެ. އަދި އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި މިސްރު އަތުންނެވެ.
މިއަދުގެ މެޗު ފަށައިގެން މާ ގިނައިރެއްނުވެ އާޖެންޓީނާގެ މެސީ ޖެހި ބޯޅައެއް ސައުދީގެ ކީޕަރު މުހައްމަދު ހަލީލް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 10 ވަނަ މިނިޓްގައި މެސީ ވަނީ ޕެނަލްޓީ އަކުން އާޖެންޓީނާ އަށް ލީޑުނަގައިދީފަ އެވެ. މިއީ ކޯނަރެއްގައި އާޖެންޓީނާގެ ކުޅުންތެރިއަކު ގައިގައި ސައުދީ ޑިފެންޑަރު، ހަސަން އަލްތަމްބަކްތީ ހިފެހެއްޓުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމި ނިންމުމެކެވެ.

އާުޖެންޓީނާގެ މެސީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ މެސީ ވޯލްޑް ކަޕްގައި ޖެހި ހަތް ވަނަ ގޯލު.
މި ގޯލާ އެކު މެސީ ވެފައިވަނީ އާޖެންޓީނާގެ ތާރީހުގައި ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ވޯލްޑް ކަޕް ތާރީހަށް ބަލާއިރު، ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ކުޅުންތެރިންނަކީ ބްރެޒިލްގެ ޕެލޭ، ޖަރުމަނުގެ އުވީ ސީލާ އާއި ތޯމަސް މުލާ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ލީޑުނެގުމަށް ފަހު އާޖެންޓީނާ އިން ފުރަތަމަ ހާފުގައި އިތުރު ތިން ގޯލު ޖެހިއިރު، ތިން ލަނޑު ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މި ލަނޑުތައް ޖެހީ މެސީގެ އިތުރުން ލަޓާރޯ މާޓީނޭޒް ދެ ގޯލެވެ. މާޓީނޭޒް ޖެހި އެއް ގޯލަށް އާޖެންޓީނާ އިން ވަނީ އުފާވެސް ފާޅުކޮށްފަ އެވެ. އެކަމަކު، މެޗުގެ ރެފްރީ ނިންމީ ވީއޭއާރްގެ ނިންމުމާ އެއްގޮތަށް ގޯލެއް ކަމަށް ބަލައިނުގަންނާށެވެ.
ދެ ވަނަ ހާފް ފަށައިގެން ސައުދީ އަރަބިއްޔާ އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ގިނަ ބަޔަކު ހައިރާންކުރަނިިވި ގޮތަކަށް މެޗުގެ ނަތީޖާ އަނބުރާލި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ސައުދީ އަރަބިއްޔާ އަށް އެއްވަރުކޮށްދިނީ ސާލިހު އަލް ޝެހްރީ ޖެހި ގޯލުންނެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އަލް ޝެހްރީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލިއިރު، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ނަތީޖާ ހަމަހަމަކުރުމަށް ފަހު ވެސް ސައުދީ އަރަބިއްޔާ އިން ފަހަތަށް ނުޖެހި ކުޅެ، ދެން ކުރި ރަނގަޅު އެޓޭކުގައި ގޯލެއް ޖަހައި ނަތީޖާ އަނބުރާލި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި އާޖެންޓީނާ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއިން ސައުދީ އަރަބިއްޔާގެ ކެޕްޓަން، ސާލެމް އަލް ދައުސާރީ ވަނީ ގޯލުގެ މަތީ ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
އާޖެންޓީނާ އިން ބަދަލުތަކެއް ގެނެސްގެން އެޓޭކް ކުރެވޭތޯ ކުރި މަސައްކަތުގައި އެ ޓީމަށް ކާމިޔާބުވިޔަ ނުދޭން ސައުދީ އަަރަބިއްޔާގެ ކީޕަރު ހަލީލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހުކޮޅުގައި އޭރިއާތެރެއިން މެސީ ބޮލުން ޖެހި ބޯޅަ ވެސް ކީޕަރު ހަލީލް ވަނީ އަަތަށް ނަގައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް ބޮލުން ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު ހަލީލް އަތަށެވެ.












