ދޯހާ، ގަތަރު (ނޮވެމްބަރު 22) - މި ފަހަރުގެ ވޯލްޑް ކަަޕަކީ، އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް ކުރިން ވެސް އިއުލާނު ކޮށްފައިވާއިރު، މި ފަހަރުގެ މުބާރާުތުގައި ކުޅޭ ފުރަތަމަ މެޗަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެފި އެވެ.
މިއީ މެސީ، 35، ކުޅޭ ފަސް ވަނަ ފީފާ ވޯލްޑް ކަޕް އެވެ. މި ފަހަރުގެ މުބާރާތަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތުގައި މެސީ ފެންނަ ފަހު ފަހަރު ކަމަށްވާތީ އޭނާ އަށް މުބާރާތުގެ ތަށި ލިބެން ގިނަ ސަޕޯޓަރުން އެދެ އެވެ. މީގެ ކުރިން މެސީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމާ އެންމެ ގާތަށް ޖެހިލީ 2014 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އެ ފަަހަރު އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުން 1-0 އިންނެވެ.
މި ފަހަރު މެސީ، ފަހު ވޯލްޑް ކަޕަކާ ކުރިމަތިލާއިރު، ފުރަތަމަ ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި މެސީ ބުނީ އޭނާ އަށް ނުލިބި އޮތް ބޮޑު ކާމިޔާބީ އަކީ ޗެމްޕިއަންކަން ހޯދުން ކަަމަށާއި އެކަން ކުރަން ބޭނުންވާ ކަމަށެވެ.
"މި ހުރީ ޔަގީނުން ވެސް އަހަރެންގެ ފަހު ވޯލްޑް ކަޕް ކަމަށް ނިންމައިގެން އެ ހުވަފެނާ ދިމާލަށް ދާން އަހަރެން މި ހުރީ ވަރަށް ތައްޔާރަށް،" ވޯލްޑް ކަޕް ކާމިޔާބު ކުރުމާ މެދު ދެކޭގޮތް މެސީ ހިއްސާކުރި އެވެ.
"އަހަންނަށް މި ވަގުތު އުނދަގޫ މިއީ އަހަރެންގެ ކެރިއަރުގައި ކުޅުމަށް ބަލާއިރު އެންމެ އުފާވެރި ދުވަސްތަކެކޭ ބުނަން. އެކަމަކު، ޔަގީނުން ވެސް އަހަރެން މި ހުރީ އުމުރުން ދުވަސްވެފައި، އަހަންނަށް ގިނަ ކަންތައްތަކެއް ފެނި ދަސްވެއްޖެ. މިހާރު އަހަރެން ބޭނުންވަނީ އުފަލާ އެކު މިހެން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ކާމިޔާބު ހޯދަން މަސައްކަތް ކުރުން," މެސީ ބުންޏެވެ.
ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބުނީ ފަހަަކަށް އައިސް ބައެއް ދުވަސްތަކު ޓްރެއިނިންގައި ބައިވެރިނުވި އެއް ސަބަބަކީ އަނިޔާގެ ކުޑަ މައްސަލައެއް ދިމާވެފައިވުން ކަމަށެވެ. އެކަމަކު، މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެން ފިޓްކޮށް ހުރި ކަމަށް މެސީ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އާޖެންޓީނާ އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އެކަމަކު، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ އެ ރެކޯޑަކީ މާ ބޮޑު ކަމަކަށް ހަދައިގެން މި ފަހަރުގެ ވޯލްޑް ކަޕަށް ނުނިކުންނާނެ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ކޯޗަކަށް ހުރި ހާވް ރެނާޑް ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ގޮވައިގެން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށް ނުކުމެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ ގޮވައިގެން އާޖެންޓީނާއާ ކުޅެލަން ލިބުނު ފުރުސަތުގެ ބޭނުންހިފައި، ރަނގަޅު ނަތީޖާ އަކަށް އުންމީދު ކުރާ ކަމަށް ރެނާޑް ވަނީ ބުނެފަ އެވެ.
ސައުދީ އާއި އާޖެންޓީނާ ކުޅޭ މެޗު ފަށާނީ މިއަދު ތިނެއް ޖަހާއިރު އެވެ.












