(11 ވަނަބައި)
އެއީ ކާކުކަން ވަކިވާވަރެއް ނޫނެވެ. އޭނާގެ މޫނުވަނީ ފޮތިގަނޑަކުން ނިވާކޮށްފަ އެވެ. ހުސްގަޔާ ހުރިއިރު ލައިގެން ހުރީ ކުރުކުރު ސޯޓެކެވެ. އެގޮތް މިގޮތް ހަދައިގެން ނަމަވެސް އަހަރެން ބޭނުންވީ އެއީ ކާކުކަން ކަށަވަރު ކުރާށެވެ. އޭނާ އަހަރެންގެ އަތުގައި ހިފައި ނެގި އެވެ. އަހަރެން އުޅުނީ ދުރަށް ދެވޭތޯ އެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ. އެއަށްވުރެ އޭނާ މާ ހުޝިޔާރެވެ. އޭނާގެ ވަރުގަދަ މުލައްދަނޑީގެ ބާރު މާގަދަ އެވެ.
ކުއްލިއަކަށް އޭނާއާ ގާތަށް އަހަރެން ދަމައިގަތެވެ. އަހަންނަށް އިތުރު ގޮތެއް ނުހެދުނެވެ. ލިބުނު ކުއްލި ސިހުމާއެކު މޫނު ޖެހުނީ އޭނާގެ ތަނަވަސް ފުޅާ މޭމަތީގަ އެވެ. ތަރުތީބުވެފައިވާ އެ މޭމަތީގެ މަސްތަކަށް ކުޑަ ވެސް ގުޑުމެއްނާދެ އެވެ. އެއާއެކު އޭނާގެ ދެ އަތް އަހަރެން ބުރަކަށީގައި ވަށައިލި އެވެ. ބުރަކަށްޓަށް ބާރުކޮށްލަމުންނެވެ. އާއެކެވެ. އަހަރެންގެ ގައިގައި އޭނާ ބައްދާލި އެވެ. ލޯބިން ފުރިގެންވާ ގޮތަކަށެވެ.
އަހަރެންގެ މޫނުވަނީ އޭނާގެ މޭމަތީގައި ޖެހި ފިތިފަ އެވެ. ނޭފަތުގައި ހަރުލަމުން ދިޔައީ މަޑުމަޑު ފޮނިފޮނި ވަހެކެވެ. އޭނާގެ ގައިން ދުވަމުން ދިޔައީ ހިތްގައިމު ސެންޓެއްގެ ވަހެވެ. ހީވީ އެކަހަލަ ސެންޓުން ފެންވަރައިގެން ހުރިހެންނެވެ. އެ ފިރިހެންވަންތަ ހަށިގަނޑާ އެ ހިތްގައިމު ވަސް ވަރަށް ގުޅެ އެވެ.
އޭނާ އެންމެ ފަހުން އަހަރެންގެ ކަނދުރާގައި ދަތްދޮޅި ޖައްސައިލި އެވެ. ހީވީ ކަނދުރާއަށް ހިމަހިމަ ތިނޯސްތަކެއް ހަރައިލި ހެންނެވެ. ފާޑަކަށް ހީލިކަރުވާގަތެވެ. މުޅިގައިން އެ އިހުސާސްސް ކުރެވެން ފެށި އެވެ.

އަހަންނަށް އުނދަގޫ ގޮތެއް އިހުސާސްކުރެވެމުން ދިޔައީ އެއީ ކާކުކަން ޔަގީން ނުވާތީ އެވެ. ނަމަވެސް މިހާރު ކޮންމެ ވެސް ވަރަކަށް އެއީ ކާކުކަން އެބަ އަންދާޒާކޮށްލެވެ އެވެ. އެ ހިތްގައިމު ވަހުން އެއީ ކާކުކަން ހިއްސުތައް ދެނެގަނެ އެވެ. ތަނަވަސް ފުޅާ މޭމަތި އެއީ އަހަންނަށް ހިތްހަމަ ޖެހުން ގެނުވައިދިން އައްޑަނައެއްކަން ފަހުމުވެ އެވެ. ކަނދުރާމަތިން ކުރެވެމުން މިދާ އިހުސާސްތަކަކީ ކުރިން ވެސް އެތައް ފަހަރަކު އަހަންނަށް ކުރެވުނު އިހުސާސެކެވެ.
"ލަބީ؟" އަހަންނަށް ބުނެލެވުނެވެ.
އޭނާ ހޫނ އަޅުވާލި އެވެ. އެއާއެކު އޭނާގެ ހަރަކާތްތައް އަވަސްވި އެވެ. ހީވީ އަލިފާންގަނޑަކަށް އިތުރަށް ދަރު އަޅައިލިހެންނެވެ. ހުރިހާ ކަމެއް ވެސް ދިޔައީ އެހައި އަވަހަށް ނިމެމުން ނިމެމުންނެވެ. އެއް ހަރަކާތަށްފަހު އަނެއް ހަރަކާތެވެ. ލަބީބު ހުރީ ކެތްތެރިކަން ކޮޅުން ލައިފަ އެވެ.
"ތޭންކްސް ލަވް." ލަބީބު އަހަރެންގެ އިސްތަށިގަނޑާ ކުޅެމުން ކުޅެމުން ބުނެލި އެވެ.
އަހަރެން އޮތީ ލަބީބުގެ ތަނަވަސް މޭމަތީގައި ބޯ އަޅައިލައިގެންނެވެ. އޭނާގެ ހިމާޔަތުގެ ދަށުގަ އެވެ. އޭނާގެ ހޫނުކަން އިހުސާސް ކުރެވޭހެން ފިތިބާރުވެގެންނެވެ. އޭނާ އޮތީ ދާ ހިތްލާ ފޯވެފަ އެވެ. ދެމީހުން ވެސް ވަނީ ވަރުބަލިވެ މާނޭވާލެވޭ ވަރުވެފަ އެވެ.
"ހިތަށް އަރަނީ.."
އަހަރެން ސުވާލުކޮށްލަން އަނގަ ހުޅުވާލި އިރަށް ލަބީބު ޖަވާބު ދިނެވެ.
"އަހަރެން ކީއްވެބާއޭ ނިޒޫ ފަހަތުން ދުވުނީ ދޯ؟" ލަބީބު ހީނލި އެވެ. "ޖަވާބު ނުލިބޭތަ؟ އަސްދުއްވާ މީހުން ބުންވަރު ހުންނަންވާނެދޯ! މިހާރު އަހަރެންގެ ގައިގަ މާލެދާނެ ވަރު އެބަހުރިތަ؟ އެހެން ނޫނަސް ނިޒޫއެއްނު މީހުންނަށް ނުފެންނަ ހިސާބަކަށް ދާން ދުވަން ފެށީ ވެސް. އަހަރެން އެކްޓިވްކޮށްލައިފަ."
ލަބީބު އެ ބުނީ ތެދެކެވެ. އެރޭ ވެސް އަހަރުމެން ނުކުތީ އެހެން ރޭރެއެކޭ އެއްގޮތަށް ފިނިބުރެއް ޖަހައިލާށެވެ. ރަށުގެ މީހުން ދިރިނޫޅޭ ހިސާބަށް އާދެވުމާއެކު ލަބީބު ސައިކަލް މަޑުކޮށްލީ އެވެ. އޭނާގެ ހަރަކާތްތައް ހުރީ އެކަހަލަ އެކަނިވެރި ފަޅު ހިސާބެއްގައި ދެމީހަކު އެކަނިވުމުން ހަރަކާތްތައް ހުރެދާނެ ގޮތަކަށެވެ. އަހަންނަށް ކަމު ނުދިޔައީ ހަރަކާތެއް ނޫނެވެ. ތިބެވުނު ތަނެވެ. އެހެންވެ އިސްވެ ދުވަން ފެށުނީ އަހަންނަށެވެ. އޭރު ލަބީބުގެ ޓީޝާޓް އޮތީ އަހަރެންގެ އަތު ތެރޭގަ އެވެ.
ލަބީބަކީ އަހަރެން ހިތުގެ އަމީރެވެ. މޭގެ ފިނިކަމެވެ. އޭނާގެ ކޮންމެ ހަރަކާތަކީ އަހަންނަށް އުފާވެރިކަން ގެނުވައިދޭ ހަރަކާތެކެވެ. އޭނާގެ ކޮންމެ އިޝާރާތަކަށް އަހަންނަށް ބޭއިޚުތިޔާރުގައި ޤަބޫލުވެވެ އެވެ. މި ވީހާތަނަށް އަހަންނަށް ފެނުނީ ލަބީބުގެ ރަނގަޅުކަމެވެ. އޭނާގެ ލޮލުން ލޯބި ނޫން މަންޒަރެއް އަހަންނަށް ސިފައެއް ނުކުރެވެ އެވެ. އޭނާގެ ހަރަކާތްތަކުން ލޭފައިގެ ކުލަ ނޫން ކުލައެއް ފާހަގައެއް ނުކުރެވެ އެވެ.
ލަބީބަކީ އަހަރުމެންގެ ރަށަށް އަރާ ހުރި ބީރައްޓެއްސެކެވެ. ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ފޮނުވާފައި ހުރި އިސްވާރެކެވެ. އޭނާ ފައިބެ ހުރީ އަހަރުމެންގެ ގެއަށެވެ. ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކަށްވީތީ އެވެ. ލަބީބު ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އޭނާއަށް އަހަންނަށް ހިތްކިޔުނެވެ. އޭނާގެ ފިރިހެންވަންތަ ސިފަތައް އަހަންނަށް ގުނެންފެށުނެވެ. ރީތި ފުރިހަމަ ހަށިގަނޑެވެ. ބައްޓަމާ ގުޅޭ އިސްކޮޅެވެ. ތެދު ހަށިގަނޑެވެ. މޫނުގެ ބަށްޓަމެވެ. އަބަދުމެ އެއްވަރެއްގައި ހުންނަ ނަލަނަލަ ތުނބުޅި އެވެ. ނަލަނަލަ ކޮލެވެ. ފުން ދެލޮލެވެ. ހީނލުމެވެ. ލަދުވެތިކަމެވެ. ބަރު އަޑެވެ.
ލަބީބުގެ ކަންކަން ބެލެހެއްޓުމާއި އޭނާއަށް މެޚްމާންދާރީ އަދާކުރުމުގެ ޒިންމާ އަހަންނަށް ހަވާލުކުރީ ސީދާ މަންމަ އެވެ. އެކަމަށް ފަރުވާ ކުޑަ ނުކުރުމަށް ނަސޭހަތްދެމުންނެވެ. ލަބީބަކީ ކާކުކަން ވަރަށް ރަނގަޅަށް ބުނެދީފަ އެވެ. ލަބީބަކީ މީހެއްގެ ފިރިއެއްކަން އަހަންނަށް ބުނެދިނީ ވެސް މަންމަ އެވެ. އެކަމަކުން އަހަރެންގެ ހިތުގައި ކުރެހެމުން ދިޔަ ލަބީބުގެ ސޫރައަށް އުނިކަމެއް ނުލިބެ އެވެ.
އެއީ ލަބީބު ގެއަށް އައިތާ ހަފުތާއެއް ފުރުނު ދުވަހެވެ. އާއްމުކޮށް އޭނާ އުޅެނީ މަސައްކަތުގަ އެވެ. ސައިޓުގަ އެވެ. ގެއަށް އަންނާނީ މެންދުރު ކެއުމަށެވެ. ބާރައިން އެކަކަށެވެ. ދެން ހަވީރު ހައެއް ޖެހީމަ އެވެ. އަންނަ ގޮތަށް އޭނާ ކޮޓަރިން ނިކުންނާނީ ނުވައެއް ޖަހަންވީމަ އެވެ. އެވެސް ކެއުމަށް ދެފަހަރަކު ޓަކި ޖަހައިލީމަ އެވެ. އަހަންނަށް އޭނާގެ ތާވަލު ހިތު ދަހެވެ. ބޭރަށް ދިޔުމަކީ ލަބީބު ކުރާ ކަމެއް ނޫނެވެ. ބޭރުން ފެންނަ ލަބީބާއި ގެއިން ފެންނަ ލަބީބު ހާސްބައި ތަފާތެވެ. ބޭރަށް ދާއިރު އޭނާ ދާނީ ނުހަނު ސްމާޓްކޮށެވެ. ކުންފުނީގެ ކިޓްގަ އެވެ. ގޭތެރޭގައި އޭނާ އުޅޭނީ ކުރު ސޯޓާއި ކޮނޑު ކެނޑީގަ އެވެ.
ލަބީބަށް ކާން ހަދައިގެން ތަށިމަތި ބަލަހައްޓަން އަހަރެން ދުރުގައި ހުންނަ އިރު ބެލެނީ އޭނާގެ ރީތި ހަށިގަނޑަށެވެ. ކަސްރަތީ އެ އަތްދަނޑިއަށެވެ. ބާރުގަދަ އެ މުލައްދަނޑިއަށެވެ. އޭނާގެ ލޯބިލޯބި މޫނަށެވެ. ކާން އިށީނުމަށްފަހު ލަބީބު ބަލައި ވެސް ނުލައި ކައި ނިންމައިގެން ތެދުވެ އަތްދޮންނަން ދެން އަހަންނަށް ހުރެވެނީ އޭނާއަށް ބަލާށެވެ.
"ދަރިފުޅާ! ތިވަރަށް ބަލަން ހަދައިގެން އެ މީހާއަށް ހިތް ކިޔައިފާނެ."
މަންމައަށް އަހަރެންގެ ހިތް ފެނުނީ ހެއްޔެވެ؟ ނޫނީ މަންމައަށް ކަމެއް ދޭހަވީ ހެއްޔެވެ؟ އެހެން ބުނާނީ ކޮންމެ ވެސް ކަމެއްވީމައޭ ހިތަށް އެރި އެވެ.
"މައްސަލައެއް ނޫނެއްނު، ދެ އަނބިން ވެސް ހުއްދައެއްނު." އަހަރެން ލާނެތް ރާގެއްގައި ބުނެލީމެވެ.
މަންމަ ޖަހައިލީ ހިނިގަނޑެކެވެ. މާނައެއް ނެތް އެ ހިނިގަނޑު އަހަންނަށް ތަރުޖަމާ ކުރެވުނީ މުޅީން އެހެން ގޮތަކަށެވެ. މަންމަ ވެސް އެކަމާ އެއްބަސްވީ ކަމަށް ވިސްނުނެވެ.
"މަންމައަށް އެނގެނީ ރިހަ ނުކައެއް ރިހައިގެ ރަހައެއް ނޭނގޭނެ ކަން." އެހެން ބުނުމަށްފަހު މަންމަ ނުކުމެގެން ދިޔައީ އެވެ.
އަހަންނަށް ވިސްނޭން ފެށުނީ ލަބީބާ މެދުގަ އެވެ. އޭނާއާ މެދު ފިކުރު ކުރެވޭކަން ޚުދު އަހަންނަށް ވެސް އިހުސާސްކުރެވެން ފެށުނެވެ. އޭނާގެ ހަރަކާތްތަކަށް ފާރަވެރިވެވޭކަން ގަބޫލުކުރެވެން ފެށުނެވެ.
"އަހަންނަށް މި ވެވެނީ ލޯބިތަ؟ އަޅެ ނޫން! ނޫން،" ކޮޓަރިއަށް ވަދެވުމާއެކު ހިތުގައި އޮތް ޖުމުލަތައް ބޭރުކޮށްލެވުނީ އިޚްތިޔާރުން ބޭރުގަ އެވެ. "އާނ! ލޯބިލޯބި. އެ ރީތި މީހާދެކެ. އެ ލޯބި މޫނުގައި ބޮސްދޭން..."
އަހަންނަށް ދެއަތަށް ބާރުކޮށްލަމުން މުއްކަވާލެވުނެވެ. ކަމެއް ކާމިޔާބުވުމުން ހަދައިލެވޭ ގޮތަށް އަތަށް ހަދައިލެވުނެވެ. މޫނާއި ލޮލަށް ބާރުކޮށްލެވުނެވެ. އުފާވެރިކަމުގެ އިހުސާސްތައް ހިތުގައި ފެވެމުން ދިޔަ އެވެ. އެ އިހުސާސްތަކާއެކު ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ކަންނެތް ނަގައި މޭމަތީގައި ބާއްވާލެވުނެވެ. ލޯމަރައިލެވުނެވެ. ބޭނުންވީ ކަންނޭލުގައި ބާރަށް ބައްދާލާށެވެ. އިހުސާސް ކުރެވެމުން ދިޔައީ އެއީ ލަބީބުކަމެވެ. އެހެންވެ ބާރުބާރަށް ކަންނޭލުގައި ބައްދާލެވުނެވެ.
މީހަކު ދޮރުގައި ޖަހައިލިހެން ހީވުމުން ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ. ދެތިން ފަހަރަކު ޖަހައިލި އެވެ. އަވަސްއަވަހަށް ދޮރުހުޅުވާލީމެވެ.
"ލަބީބު އެބަ އުޅޭ ސެންޓުފުޅިއެއް ތަޅައިގެން ގޮސްގެން. އޭނާ އުޅުނީ މޮޕްލާން. މަންމަ ކިޔައިފިން ދަރިފުޅު އެކަން ކޮށްދޭނޭ. ދޭބަލަ އެ ސެންޓްގެ ވަސް ބަލައިލަން." ލާނެތް ރާގެއްގައި މަންމަ ބުނެލި އެވެ.
މަންމަގެ އެ ޖުމުލަވީ އަނެއްކާ ވެސް އަހަންނަށް ކުރެވެމުން ދިޔަ އިހުސާސްތައް އިތުރު ހަރުފަތަކަށް ގެންދެވެން ލިބުނު ހިތްވަރަކަށެވެ.
ކޮޓަރީގައި ޓަކި ޖަހައިލުމާއެކު ދޮރު ހުޅުވާލީ ލަބީބެވެ. އޭނާ ހުރީ ހުސްގަޔާ އެވެ.
"އޯޚް ސޮރީ." ލަބީބު ލަދުން ފަހަތަށް އެނބުރިލި އެވެ.
އަހަރެން އަތުގައި އޮތް މޮޕް ފެނުމުން އައީ ކޮން ބޭނުމެއްގައި ކަން އޭނާއަށް އެނގުނެވެ.
"ގެނޭ އަހަރެން ކޮށްލާނަން." ލަބީބު އުނުގައި އޮތް ސޯޓު ރަނގަޅު ކޮށްލަމުން އެހުރި ގޮތަށް ހުރެ އަތްދިއްކޮށްލަމުން ބުނެލި އެވެ.
"ޝަރުޠެއްގެ މަތިން!" އަހަރެން ލާނެތް ރާގެއްގައި ބުނެލީމެވެ.
"ކޮބާ؟" ލަބީބު އަވަސް އަވަހަށް އަހައިލި އެވެ.
"ތީނަގެ ކޮނޑަށް އަރުވައިގެން އެނދާ ހަމައަށް ގެންދަންޏާ." އަހަންނަށް ބުނެވުނީ ބުނަން އުޅުނު ވާހަކައެއް ނޫނެވެ.
ލަބީބު އެނބުރިލި އެވެ. އޭނާ ދެ ލޯ ބޮޑުކޮށްލި އެވެ. އަހަންނަށް ދިމާއަށް ފުން ނަޒަރަކުން ބަލައިލި އެވެ.
(ނުނިމޭ)







