ދޯހާ (ނޮވެމްބަރު 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މި ފަހަރުގެ މުބާރާތް ބާއްވާ ހޯސްޓް، ގަތަރު އަތުން ފުރަތަމަ މެޗުގައި އިކުއެޑޯ ފަސޭހަކަމާ އެކު 2-0 އިން މޮޅުވެއްޖެ އެވެ.
ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ބަލިވި ފުރަތަމަ ޓީމެވެ.
މިރޭ އަލް ބައިތު ސްޓޭޑިއަމްގައި މި ފަހަރުގެ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ކުރިއަށްދިޔައިރު، ގަތަރާއި އިކުއެޑޯގެ މެޗު ފަށައިގެން ގަތަރު ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ތަނެވެ.
މެޗުގެ ތިން ވަނަ މިނިޓްގައި އިކުއެޑޯގެ ފޯވާޑް އެނާ ވެލެންސިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި މުޅިން އަލަށް ބޭނުންކުރާ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީގެ އެހީގައި، މެޗުގެ ރެފްރީ އިޓަލީގެ މެސިމޯ އިރާޓީ ނިންމި ނިންމުމެކެވެ.
އިކުއެޑޯ އިން ޖެހި ފުރަތަމަ ގޯލު ބަަލައިނުގަތް ނަމަވެސް ފަހަތަށް ނުޖެހުނެވެ. މެޗުގެ 16 ވަނަ މިިނިޓްގައި އިކުއެޑޯ އިން ލީޑުނެގީ ވެލެންސިއާ ޖެހި ޕެނަލްޓީންނެވެ. މިއީ ވެލެންސިއާ އަށް ގަތަރުގެ ކީޕަރު، ސާދް އަލް ޝީބް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ގޯލާ އެކު ލިބުނު އިތުބާރާ އެކު ކުޅެ، އިކުއެޑޯ އިން 32 ވަނަ މިނިޓްގައި ދެ ވަނަ ގޯލެއް ޖެހި އެވެ. މިއީ އޭރިއާތެރެއަށް އިކުއެޑޯގެ އަންޖެލޯ ޕްރެސިއާޑޯ ނެގި ހުރަހަކުން ވެލެންސިއާ ބޮލުން ޖެހި ގޯލެކެވެ.

ގަތަރުގެ އަލް މޮއޭޒް (ކ) ކައިރިން ބޯޅަ ފޮނުވާލަން ސައެސޭޑޯ މަސައްކަތް ކުރަނީ.--
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގަތަރުން މެޗުގެ ތެރެއަށް ވަދެ، ކޮންމެ ވެސް ވަރަކަށް ކުޅެން މަސައްކަތްކުރި އެެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ގަތަރުގެ އެންމެ ކުރިއަށް ކުޅޭ އަލް މޮއޭޒް އަލީ އަށެވެ. އަލް މޮއޭޒް އޭރިއާތެރެއަށް ހުސްކޮށް އަރައި، ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ގަތަރުން ދެ ވަނަ ހާފް ފަށައިގެން ވެސް ކުޅުން ރަނގަޅުކުރި އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ގަތަރުން ވަނީ އިކުއެޑޯ ކުޅެން ލިބޭ ޖާގަތަށް މަދުކޮށްފަ އެވެ.
ބަދަލަކަށް ކުޅެން އަރައި، އިކުއޭޑޯގެ ޖެރެމީ ސަމިއެންޓޭ ވަނީ އެ ޓީމަށް އިތުރު ގޯލެއް ޖަހައިދެވޭތޯ އެޓޭކްތަކުގައި ރަނގަޅަށް ބައިވެރިވިފަ އެވެ. އެކަމަކު، ސަމިއެންޓޯ ދިން ބޯޅަ އެ ޓީމުގެ ކުރިއަށް ކުޅޭ މައިކަލް އެސްޓްރާޑާ އަށް ނުލިބި ފުރުސަތު ގެއްލުނީ އެވެ.
ދެ ވަނަ ހާފްގައި ގަތަރުން ބަދަލަކަށް ކުޅެން އެރި ފޯވާޑް މުހައްމަދު މުންޓާރީ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެކުއެޑޯގެ ފަހަތަށް މަތިން ކުޅުނު ބޯޅައެއް ހޯދައި، މުންޓާރީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުން މޮޅާ އެކު، އިކުއެޑޯ އަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ބައިކޮޅަށް ގޯލެއް ނުވަދެ ނިންމައިލެވުމެވެ. އަނެއްކޮޅުން، އިކުއެޑޯ އަށް މި މެޗުގައި ދެ ގޯލު ޖަހައިިދިން، ވެލެންސިއާ އަކީ އެންމެ ފަހުން ވޯލްޑް ކަޕްގައި އެ ގައުމުން ޖެހި ފަސް ގޯލު ވެސް ޖެހި ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕްގައި މާދަމާ ތިން މެޗެއް ކުޅޭނެ އެވެ. އިރުއޮއްސި ހައެއް ޖަހާއިރު، ކުޅޭ މެޗުގައި އިންގްލެންޑް ކުޅޭނީ އީރާނާ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ 21:00 ޖަހާއިރު، ގްރޫޕް ބީގެ ދެ ވަނަ މެޗުގައި ނެދަލެންޑްސް ކުޅޭނީ ސެނެގާލާ އެވެ، މާދަމާރޭ 00:00 ގައި ފަށާނީ އެެމެރިކާ އާއި ވޭލްސް އެވެ.












