ދޯހާ، ގަތަރު (ނޮވެމްބަރު 20) - ފީފާ ވޯލްޑް ކަޕް 2022ގެ ފުރަތަމަ މެޗުގައި މިރޭ އިކުއެޑޯ އަތުން ގަތަރު 2-0 އިން ބަލިވި މެޗުގައި، ގަތަރުގެ ކުޅުންތެރިން އުޅުނީ ވޯލްޑް ކަޕަށް "މާ އާވެގެން" ކަމަށް އެ ޓީމުގެ ކޯޗު ފީލިކްސް ސަންޗޭޒް ބުނެފި އެވެ.
މިއީ ގަތަރު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ގަތަރަކީ ވޯލްޑް ކަޕްގައި ކުޅެން ފުރުސަތު ލިބުނު 80 ވަނަ ގައުމެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ރޭ ގަތަރު ބަލިވުމާ އެކު އެ ޓީމަށް ވަނީ ވޯލްޑް ކަޕް ތާރީހުގައި ދަށް ރެކޯޑެއް ލިބިފަ އެވެ. ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕް ހޯސްޓްކުރި ގައުމުތަކުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވި ހަމައެކަނި ޓީމެވެ.
އިކުއެޑޯ މޮޅުވީ މިރޭގެ މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭ ޖެހި ދެ ގޯލުންނެވެ. ދެ ލަނޑު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ އެވެ. އިކުއެޑޯ އެންމެ ފަހުން ވޯލްޑް ކަޕްގައި ޖެހި ފަސް ގޯލު ވެސް ޖެހީ ވެލެންސިއާ އެވެ.
މެޗަށް ފަހު ގަތަރުގެ ކޯޗު ފީލިކްސް ބުނީ ފެނުނީ ބޭނުންވި ކުޅުމެއް ނޫން ކަމަށާއި އެންމެ ބޮޑު މައްސަލަ އަކީ މެޗު ފަށައިގެން އައިއިރު، ކުޅުންތެރިންގެ "ސިކުނޑި" މެޗަށް ތައްޔާރުވާން ޖެހޭ މިންވަރަށް ނުވެ އޮތުން ކަމަށެވެ.
"މެޗު ފަށައިގެން އައިއިރު އަހަރެމެން އުޅުނީ އާ ވެގެން މި ލެވަލަށް (ވޯލްޑް ކަޕަށް). ވަރަށް ގޯސް ފެށުމެއް އަހަރެމެންގެ ފަރާތުން އައީ، ދެން، މެޗުގެ ތެރެއަށް ވަންނަން ބެލިއިރު، އަމިއްްލަ އަށް ހެދި ގޯސްތަކެއްގެ ސަބަބުން ދެ ގޯލު ވަދެފި، ދެން އަލުން މެޗަށް ވަނުން ވީ ވަރަށް ބޮޑު ޗެލެންޖަކަށް،" ފީލިކްސް ބުންޏެވެ.
ގަތަރަށް ދެން މި ގްރޫޕްގައި އޮތް ދެ މެޗަކީ ނެދަލެންޑްސް އާްއި ސެނެގާލް މެޗެވެ. އެ މެޗުތަކުން ނަތީޖާ ނުނެރެވި، ގަތަރު ކަޓައިފިނަަމަ، އެ ޓީމުގެ ފުޓްބޯޅަ ތާރީހުގައި އިތުރު ދަށް ރެކޯޑެއް ލިޔެވޭނެ އެވެ. މިހާތަނަށް ވޯލްޑް ކަޕް ހޯސްޓްކުރި ޓީމެއް، ފުރަތަމަ ބުރުން ކެޓީ 2010 ވަނަ އަހަރުގެ ހޯސްޓް، ދެކުނު އެފްރިކާ އެވެ.
އެކުއެޑޯ، މިރޭގެ މެޗުން މޮޅުވިއިރު، އެ ޓީމަށް ވަނީ ބައިކޮޅަށް ގޯލެއް ނުވަދެ، ހަތް މެޗު ފުރިހަމަކުރެވިފަ އެވެ. މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށްޓަކައި، އިކުއެޑޯގެ ފޯމަށް ބަލާއިރު، ރަނގަޅު ރެކޯޑެކެވެ.












