މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރު ގަތަރުގެ ކުޅިވަރު ކޮމިއުނިޓީއާ ބައިވެރިވާން ނިންމީ، ރަނގަޅު ޕްރޮގްރާމްތަކެއް ހިފައިގެން، އެންމެ މަތީ ފެންވަރުގެ ކުޅިވަރު އެތުލީޓުން ޑިވެލޮޕް ކުރުމުގެ ވިސްނުމާ އެކު، ފެށި އެސްޕަޔާ އެެެކެޑަމީންނެވެ. ކުޅިވަރު އެތުލީޓުން ޑިވެލޮޕް ކުރުމުގެ އެންމެ މަތީ ފާސް ލިބިފައިވާ ކޯޗުންނާ އެކު އެސްޕަޔާ އެކެޑަމީގެ މަސައްކަތް ފެށިއިރު، އޭގެ ތެރެއިން ހުރިހާ ކުޅިވަރު އެތުލީޓުން ތަމްރީން ކުރުން ވެސް ކުރިއަށް ދިޔަ އެވެ.
އެސްޕަޔާ އެކެޑަމީގެ ލެވަލް މައްޗަށް ޖައްސާލަން ގެނައި އެއް ކޯޗަކީ ބާސެލޯނާގެ ޔޫތު ފުޓްބޯޅަ ސިސްޓަމްގެ ތެރެއިން އައި ކޯޗެއް ކަމަށްވާ، ފީލިކްސް ސަންޗޭޒް އެވެ. އޭނާ އަކީ މިހާރު ގަތަރުގެ ގައުމީ ޓީމުގެ ހެޑް ކޯޗެވެ.
ސަންޗޭޒް، އެންމެ ފުރަތަަމަ ގަތަރަށް އައީ 2006 ވަނަ އަހަރު ގަތަރުގެ އެސްޕަޔާ އެކެޑަމީ އަށެވެ. އެ އެކެޑަމީގައި ޔޫތު ސެޓަޕެއް ގާއިމްކޮށް، 2013 ވަނަ އަހަރާ ހަމައަށް އެ ތަނުގައި މަސައްކަތް ކުރި އެވެ.
އޭގެ ފަހުން، ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން ފެށި ޕްރޮޖެކްޓެއްގެ މޭސްތިރިއެއްގެ ގޮތުގައި ފީލިކްސް ހަމަޖައްސައި، 2013 ވަނަ އަހަރު ފީލިކްސް އަށް ދިނީ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކޮށް، އޭގެ ފަހުން އިތުރު ތިން އަހަރު ގަތަރުގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް މަސައްކަތް ކުރި ސީނިއާ ޓީމުގެ ކޯޗުގެ ޒިންމާއާ އެކު އެވެ.
ފީލިކްސްގެ ކޯޗުކަމުގައި ޔޫތު ކުޅުންތެރިން ޑިވެލޮޕްވުމާއި ކުރިއެރުން ފެންނާތީ، ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ގަތަރު ސީނިއާ ޓީމުގެ ކޯޗުކަން އޭނާއާ ދާއިމީ ކޮންޓްރެކްޓެއްގައި ހަވާލުކުރާށެެވެ. އެ ޒިންމާއާ ފީލިކްސް ހަވާލުވެ، މިހާތަނަށް ވެސް ޓީމަށް މުހިންމު ބަދަލުތަކެއް ގެނެސްފަ އެވެ.
ގަތަރުން، 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލުގައި ޖަޕާން ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލިއިރު، އޭރު އޮތް ގަތަރު ޓީމުގެ 70 ޕަސެންޓަކީ އެސްޕަޔާ އެކެޑަމީގެ ގްރެޖުއޭޓުންނެވެ. އެ ކުޅުންތެރިން ގައުމީ ސީނިއާ ޓީމާ ހަމައަށް އައީ ގަތަރުގެ ޔޫތު ލެވަލްގެ ހުރިހާ އުމުރުފުރާ ގައުމީ ޓީމުތަކަކަށް ކުޅުމަށް ފަހު އެވެ.
ފީލިކްސް ގަބޫލުކުރާގޮތުގައި އެސްޕަޔާ އެކެޑަމީން ގަތަރުގެ ފުޓްބޯޅަ އަށް ގެނައި ތަފާތު ތާރީހުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ސަބަބަކީ، އޭޝިއާގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ގަތަރުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅޭ ޓީމުގައި ވެސް ޑޮމިނޭޓް ކުރަނީ އެސްޕަޔާ އެކެޑަމީން ފެށިގެން އައި ކުޅުންތެރިންނަށް ކަމަށްވާތީ އެވެ.
އެސްޕަޔާ އެކެޑަމީގެ ކާމިޔާބީގެ އެންމެ ބޮޑު އުސްއައްޔަކީ އެ އެކަޑަމީން ކުޅުންތެރިން ތަމްރީންކުރަން ގާއިމްވެފައި ހުރި ވަސީލަތްތަކެވެ. ޔޫރަޕްގެ މަތީ ފެންވަރުގެ ކޮންސަލްޓަންޓުންގެ ލަފަޔާ އެކު ކޮންމެ އަހަރަކު، އެސްޕަޔާ އެކެޑަމީގެ އިންފްރާސްޓްރަކްޗާ އަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެ އެވެ.
އެސްޕަޔާ އެކެޑަމީން ފުޓްބޯޅަ ކުޅުންތެރިން ޑިވެލޮޕް ކުރާ ގޮތް
ފުޓްބޯޅަ އަށް ހާއްސަކޮށް އެސްޕަޔާ އެކެޑަމީގައި އެންމެ ފުޅާ ދާއިރާއެއްގައި އޮތީ 12 އަހަރުން މަތީގެ އެކި އުމުރުފުރާ ކުޅުންތެރިންނަށް ހާއްސަ "އެލީޓް" ޕްރޮގްރާމެކެވެ. އެސްޕަޔާ އެކެޑަމީގެ ސްކައުޓުން އެކި ގައުމުތަކުގައި ބަހައްޓައި ރަނގަޅު ނެޓްވޯކެއްގެ ތެރެއިން، 6-11 އަހަރުގެ މޮޅެތި ކުޅުންތެރިން ހޯދައި، ގަތަރުގައި އެ ކުޅުންތެރިންނަށް ތަމްރީން ދެވޭނެ ގޮތުގެ އުސޫލުތަކެއް ކަނޑައެޅި އެވެ.
އެ ގޮތުން، އެފްރިކާ ބައްރުންނާއި، ދެކުނު އެމެރިކާ ސަރަަހައްދުން ވެސް ގަތަރުގެ އެސްޕަޔާ އެކެޑަމީ އަށް ހުނަރުވެރި ކުޅުންތެރިން ހޯދަން ފެށި އެވެ.
އެސްޕަޔާ އެކެޑަމީގެ މަސައްކަތަކީ "ލޯންގް ޓާމް ޕްރޮޖެކްޓް - ދުރުރާސްތާ ޕްލޭން" އެކެވެ. އެ ގޮތުން އެންމެ ފުރަތަމަ އެސްޕަޔާގެ ޔޫތު ޕްރޮގްރާމްގައި ބައިވެރިކުރާ 6 އަހަރުން ފެށިގެން 11 އަހަރާ ދޭތެރޭގެ ކުޅުންތެރިންގެ ކަންކަން ވެސް ރޭވިފައިވަނީ ޑިވެލޮޕްމަންޓަށް ފަސޭހަ ގޮތަށެވެ. އެ ގޮތުން 5-8 އަހަރު ކުދިންނަށް ދަސްކޮށްދެނީ ޓްރެއިިނިން ދިނުމުގެ އިތުރުން ފުޓްބޯޅައިގެ މާހައުލެއްގައި ހިތްހަމަޖެހިގެން ތަމްރީން ކުރުމުގެ ކަންތައްތަކެވެ. އޭގެ ފަހުން، 9-11 އަހަރުގެ ކުދިން "ފީޑާ ޓީމްސް" ގެ ނަމުގައި ކުރިއަށްގެންދާ ޓްރެއިނިންތަކުން، ކުޅުންތެރިންގެ ހުނަރު ޑިވެލޮޕްކުރުމުގެ ލެވަލް މަތިކޮށް، ކުޅުންތެރިން ސިސްޓަމެއްގެ ތެރެއިން ކުޅުވަން ފަށަ އެވެ. މި މަރުހަލާ ކަޑަތުކުރާއިރު، ކުޅުންތެރިން ތިބޭނީ، އެސްޕަޔާގެ އެލީޓް ޕްރޮގްރާމަށް ހޭނެވޭ ވަރަށް ތަމްރީންވެފަ އެވެ.
ވޯލްޑް ކަޕް ސްކޮޑުގައި ވެސް އެސްޕަޔާގެ ބޮޑު ހިއްސާއެއް
މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަަތަމަ މެޗުގައި މިރޭ އިކުއެޑޯއާ ދެކޮޅަށް ގަތަރު ނުކުންނައިރު، އެ ޓީމުގެ ކޯޗު، ފީލިކްސް އަށް އޮތް އެންމެ ބޮޑު އުފަލަކީ، އެންމެ ކުޑައިރުން ފެށިގެން ވެސް އޭނާ އަށް ފެނިފައިވާ ގިނަ ކުޅުންތެރިންތަކެއް ގަތަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ތިބުމެވެ.
ގަތަރުގެ އެކި އުމުރުފުރާ ގައުމީ ޓީމުތަކުގައި މޮޅަށް ކުޅުނު ކުޅުންތެރިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މޮޅަށް ކުޅޭނެ ކަމުގެ ޔަގީންކަން ފީލިކްސް އަށް އެބައޮތެވެ.
"އަހަރެން މި ގައުމަށް ގެނައީ އެސްޕަޔާ އެކެޑަމީގެ މަސައްކަތަަށް، އަހަރެން އެތަނުގައި ވެސް މަސައްކަތްކުރީ މުޅި ގަތަރުގެ ފުޓްބޯޅަ އަށް ރަނގަޅަށް. ގަތަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅޭއިރު، ކޯޗަކަށް އަހަރެން މި ހުރީ، އެހެންވީމަ، އަހަންނަށް އުފަލާ އެކު ބުނަންކެރޭނެ، މި ގައުމުގެ ފުޓްބޯޅަ އަށް ހިދުމަތް ކޮށްދޭން ފުރަތަމަ ދުވަހު ވެސް ހުރި ގޮތަށް ކަން މިހާރު ވެސް މި ހުރީ،" ފީލިކްސް ބުންޏެވެ.
ގަތަރު ޓީމުގައި މި ފަހަރު އެންމެ ތަފާތު ދައްކާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރާނެ ކުޅުންތެރިއަކީ، ފޯވާޑް، އަލް މޮއޭޒް އަލީ އެވެ. ސޫދާން އާއިލާ އަކަށް އުފަން، އަލް މޮއޭޒް، އަކީ އެސްޕަޔާ އެކެޑަމީން ޑިވެލޮޕްވި ކުޅުންތެރިއެކެވެ. އެންމެ ފަހުން، 2019 ވަނަ އަހަރު ގަތަރުން އޭޝިއަން ކަޕް ކާމިޔާބު ކުރިއިރު، އަލް މޮއޭޒް ވަނީ ނުވަ ގޯލު ޖަހައި، އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ހޯދައިފަ އެވެ.
އެސްޕަޔާ އެކެޑަމީ އަކީ ގަތަރުގެ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އެކެޑަމީ އެކެވެ. އެ ގޮތުން ބަލާއިރު، މިދިޔަ އަހަރު އޮލިމްޕިކްސްގެ ހައި ޖަމްޕުން ރަން މެޑަލް ހޯދި މުތާޒް އީސާ ބާރްޝިމް، ތަމްރީން ހެދީ ވެސް އެސްޕަޔާ އެކެޑަމީންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފަށާނީ ގަތަރާއި އިކުއެޑޯ ކުޅޭ މެޗުންނެވެ. އެއީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.












