ޓްވިޓާގެ އޮފީސް އިމާރާތްތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމިކަން މުވައްޒަފުންނަށް އަންގައިފި އެވެ.
މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ކުންފުނިން ބުނީ އޮފީސް އިމާރާތްތައް އަލުން ހުޅުވާނީ ނޮވެމްބަރު 21 ވާ ހޯމަ ދުވަހު ކަމަށެވެ.
އެގޮތަށް ނިންމި ސަބަބު ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، އެކަން އިއުލާން ކުރީ ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނިން އިސްތިއުފާ ދޭން ނިންމި ފަހުންނެވެ.
އެތައް ސަތޭކަ މުވައްޒަފުން އިސްތިއުފާ ދޭން ނިންމީ ގިނަ ވަގުތު ބުރަކޮށް މަސައްކަތް ނުކުރެވޭ ނަމަ އިސްތިއުފާ ދިނުމަށް އަންގައި، ކުންފުނީގެ ވެރިޔާ އެލޮން މަސްކް ފޮނުވި އީމެއިލްއަކާ ގުޅިގެންނެވެ.
މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެ، ކުންފުނި ހިންގުމާ ހަވާލުވި އިރު، 7500 އަށް ވުރެ ގިނަ މުވައްޒަފުން ތިއްބެވެ. އޭގެ ފަހުން އޭނާ ވަނީ 50 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ.
ކުންފުންޏަށް ގެންނަން ފެށި ބަދަލުތަކާ ދެކޮޅު ގިނަ އިސްވެރިންތަކެއް ވެސް މިދިޔަ ހަފުތާގައި އިސްތިއުފާ ދިނެވެ. ބެލެވޭ ގޮތުގައި ޓްވިޓާގެ ޖުމްލަ މުވައްޒަފުންގެ އަދަދު މިހާރު 2000 އަށް ވުރެ މަދުވާނެ އެވެ.
ކުއްލިއަކަށް އެހާ ގިނަ އަދަަދެއްގެ މުވައްޒަފުން ކުންފުނިން ވަކިވުމުން، ޓްވިޓާ ހިންގަން ދަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ޓްވިޓާގެ ކުރީގެ ނައިބު ރައީސް ބްރޫސް ޑެއިސްލީ ބީބީސީއަށް ބުނީ އެ ޕްލެޓްފޯމްގެ ބައެއް ފީޗާތައް ހިންގުމަށް އޮފީހުގައި އިންޖިނިއަރުން ތިބުން މުހިއްމު ކަމަށެވެ.
އެހެންކަމުން، އޮފީހުގައި އިންޖިނިއަރުން ނެތް ނަމަ، ޓްވިޓާ ހުއްޓުމުގެ ބިރު އެބަ އޮތް ކަމަށް ބުންޏެވެ. އެހެންވެ، ޓްވިޓާގެ ނިމުން އައީ ކަމަށް ބުނެ އެ ޕްލެޓްފޯމްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.








