މެންޗެސްޓާ (ނޮވެމްބަރު 18) - މަޝްހޫރު ޓީވީ ހޯސްޓް ޕިއާސް މޯގަންގެ "ޓޯކް ޓީވީ" ޝޯ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިއުއާ ގުޅޭ މައްސަލަ ބަލަން ފަށައި، އޭނާއާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ރަސްމީކޮށް ޔުނައިޓެޑުން މިއަދު ފަށައިފި އެވެ.
ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ޓޯކް ޓީވީން ދެއްކި ޕިއާސް މޯގަންގެ އަންސެންސާޑް ޝޯގައި، ރޮނާލްޑޯ، 37، ގެ އިންޓަވިއު ޖުމްލަ އެކު 90 މިނިޓަށް ދިގު ދެމިގެންދިޔަ އެވެ. އެ އިންޓަވިއުގެ ޓްރެއިލާތައް ފެންނަން ފެށުމާ އެކު މުޅި ދުނިޔޭގެ ކުޅިވަރު މީޑިއާގެ ނަޒަރު ހުއްޓުނީ އޭގައި ރޮނާލްޑޯ ދައްކާފައިވާ ވާހަކަތަކަށެވެ.
ޔުނައިޓެޑް ހިންގާ ގޮތަށް ފާޑުކިޔައި، ރޮނާލްޑޯ ވަނީ ޔުނައިޓެޑަކީ "މާކެޓް ކްލަބެއް" ކަމަށާއި އެ ކްލަބްގެ ވެރިން ކަމަަށްވާ ގްލޭޒާ އާއިލާ އިން ކްލަބަށް ރަނގަޅަކަށް ކުރާ ކަމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޔުނައިޓެޑުން ވަނީ އޭނާ އަށް އޮޅުވާލައި ބޭވަފާތެރިވެފައި ކަަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.
މިހާތަނަށް ރޮނާލްޑޯ ދިން އެންމެ ދިގު އިންޓަވިއުގެ ގޮތުގައި ފާހަގަކުރެވޭ މި އިންޓަވިއުގައި އޭނާ ވަނީ ޔުނައިޓެޑަށް އެންމެ ފަހުން އިރުޝާދުދިން ދެ ކޯޗުންގެ ތެރެއިން ރަލްފް ރަންގްނިކަކީ "ދަންނަ ކޯޗެއް" ނޫން ކަމަށް ބުނުމުގެ އިތުރުން، މިހާރު ޔުނައިޓެޑްގައި ހުރި ކޯޗު އެރިކް ޓެން ހާގަށް "އިހުތިރާމް ނުކުރާ" ކަމަށް ވެސް ބުނެފަ އެވެ. އެއީ އޭނާ އަށް ޓެން ހާގްގެ އިހުތިރާމް ވެސް ނުލިބޭތީ އެވެ.
ރޮނާލްޑޯގެ އިންޓަވިއު މައްސަލައިގައި ޔުނައިޓެޑުން އެންމެ ފުރަތަމަ ބުނީ ރައްދެއް ނުވަތަ ފިޔަވަޅެއް އަޅާނީ އިންޓަވިއުގެ ކަންކަން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަަމަށެވެ. ރޭގެ ނިޔަލަށް، ރޮނާލްޑޯގެ އިންޓަވިއު އެއްކޮށް ދައްކައި ނިންމާފައިވާއިރު، ޔުނައިޓެޑުން ރަސްމީކޮށް ރޮނާލްޑޯ އަށް ފިޔަވަޅު އެޅުމުގެ މަރުހަލާތައް ވަނީ ފަށައިފަ އެވެ.
އެކަން ޔުނައިޓެޑުން މިއަދު ނެރުނު ބަޔާނުގައި ވެސް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ރޮނާލްޑޯ އަށް އަންގާފައިވަނީ ވޯލްޑް ކަޕަށް ފަހު ޓީމަށް އެނބުރި ނާއުމަށާއި އޭނާއާ މެދު އަޅާފިޔަވަޅެއްގެ ކަންކަން ގާނޫނީ ގޮތުން ބަލާފައި ކުރިއަށްގެންދާނެ ކަމަށެވެ. ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ފުރަތަމަ ވިސްނުމަކީ ރޮނާލްޑޯގެ ކޮންޓްރެކްޓް ކެންސަލްކޮށްލުމެވެ.
ކޮންޓްރެކްޓް ބާތިލްކުރުމުގެ ކަންކަމުގައި ހައްލެއް ނުފެނި ބޭނުންވާ ގޮތަށް ކުރިއަށްދެވެން ނެތްނަމަ ރޮނާލްޑޯ ބޮޑު އަދަދަކުން ޖޫރިމަނާކޮށް، މުސާރައިގެ ބޮޑުބައެއް ނުލިބޭ ގޮތަށް ސަސްޕެންޑްކުރަން ވެސް ޔުނައިޓެޑް އޮތީ ތައްޔާރަށެވެ.
ޔުނައިޓެޑުން ވަނީ އެ ޓީމުގެ ދަނޑު ބޭރުގައި އިޝްތިހާރުކުރަން ޖަހާފައިވާ ބޯޑުގައި ރޮނާލްޑޯ ބޮޑުކޮށް ފެންނަން ހުރުމުން އެ ބޯޑު ވެސް ނަގައިފަ އެވެ.
އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ވޭން ރޫނީ އާއި ގެރީ ނެވިލް އަށް ވެސް ފާޑުކިޔައިފަ އެވެ.
ރޮނާލްޑޯ ބުނީ އޭނާ އަށް ރޫނީ އާއި ނެވިލް ފާޑުކިޔަނީ ސީދާ ކޮން ސަބަބެއް އޮތުމުން ކަމެއް ނޭނގޭ ކަމަށާއި ޔަގީނުން ވެސް އޭނާގެ ވާހަކަ ދައްކައިގެން ރޫނީ އާއި ނެވިލް އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ ކަމަށެވެ.
މިދިޔަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވުމާ ގާތަށް ދިޔަ ކަމަށް ބުނެ، ރޮނާލްޑޯ ވަނީ ޔުނައިޓެޑާ ގުޅުނީ އެ ޓީމުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އާއި ކުރީގެ ކުޅުންތެރިން އެދުމުގެ މަތިންނާއި ހިތް އެ ގޮތަށް އެދޭތީ ކަމަށެވެ. އެކަމަކު، ޔުނައިޓެޑަށް އައިސް ފެނުނު މަންޒަރަކީ ފާގަސަން ދިޔަ ފަހުން އެ ކްލަބް ކުރިއަށް ފިޔަވަޅެއް ވެސް އަޅާފައި ނެތް މަންޒަރު ކަމަށް ރޮނާލްޑޯގެ އިންޓަވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.












