ދޯހާ، ގަތަރު (ނޮވެމްބަރު 18) - އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އަށް ސްޓޭޑިއަމްގައި ބަނގުރާ ވިއްކުން މަނާކުރަން ފީފާ އާއި ގަތަރުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މީގެ ކުރިން އުސޫލުތަކެއްގެ ތެރެއިން ގަތަރު ވޯލްޑް ކަޕް ސްޓޭޑިއަމްތަކުގައި ވެސް ބަނގުރާ (ބިޔަރު) ވިއްކަން އޮތީ ހުއްދަ ދޭ ގޮތަށެވެ. އެކަމަކު، ވޯލްޑް ކަޕް ފެށެން 48 ގަޑިއިރަށްވެފައި އޮއްވައި، ފީފާ އާއި ގަތަރުން މިއަދު އިއުލާނުކުރީ ދަނޑުތަކުގައި ބަނގުރާ ނުވިއްކޭނެ ކަމަށެވެ.
ފީފާއިން މި ގޮތަށް ނިންމާފައިވަނީ ގަތަރު ވޯލްޑް ކަޕް ކޮމިޓީ އަށް އެ ގައުމުގެ ޝާހީ އާއިލާގެ ޕްރެޝަރު ބޮޑުވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފީފާއާ އެކު ޒަމާނުއްސުރެ މަަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ބިޔަރު ވިއްކާ ބްރޭންޑްތައް ވެސް ހިމެނެ އެވެ. އެ ގޮތުން، މި ފަހަރުގެ ވޯލްޑް ކަޕުގެ ވެސް ޕާޓްނަރެއް ކަމަށްވާ ބިޔަރު އުފައްދާ މަޝްހޫރު ކުންފުނި، ބާޑްވައިޒާ އަށް ފީފާ އާއި ގަތަރު ފުޓްބޯޅައިގެ މި ނިންމުމުގެ އަސަރުކުރާނެ އެވެ.
ޔޫރަޕްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގަތަރާއި ފީފާއިން ވަނީ މި ކަމުގައި ބާޑްވައިޒާގެ ލަފާ ވެސް ހޯދައިފަ އެވެ.
ސްޓޭޑިއަމް ކައިރީގައި ޓެންޓް ޖަހައިގެން ސަޕޯޓަރުންނަށް ބަނގުރާ ގަނެވޭނެ އުސޫލުތަކެއްގެ ތެެރެއިން އަމަލުކުރަން ތައްޔާރުވަމުން އަންނަނިކޮށް، ފީފާ އާއި ގަތަރުގެ މި ނިންމުމާ އެކު އެ ޓެންޓްތައް ބޭނުންކުރާނީ އެހެން ކަންކަމުގަ އެވެ.
ގަތަރާއި ފީފާ އިން އެއްބަސްވި، އާ އުސޫލުތަކުގެ ތެރެއިން ދަނޑުގައި ހަމައެކަނި ބަނގުރާ ލިބޭނީ ވީއައިޕީ ބޮކްސްތަކުގަ އެވެ.
މީގެ ކުރިން ވެސް ގަތަރު ސަރުކާރުން ވަނީ އެ ގައުމުން ގެންގުޅޭ އިސްލާމީ ރިވެތި އުސޫލުތައް ހަނދާން ނައްތާލައި، ވޯލްޑް ކަޕަށް ހާއްސަ ހުއްދަތަކެއް ދެވެން ނެތް ކަމަށް އަންގައިފަ އެވެ. އެއްޖިންސުން ގުޅުން ހިންގުންފަދަ އިސްލާމް ދީނުގައި ހަރާމް ކަންކަން ޕްރޮމޯޓްކުރާ، އެލްޖީބީޓީ ކޮމިއުނީޓީގެ ހަރަކާތްތައް ގަތަރުގައި ކުރިއަށް ނުގެންދެވޭނެކަން އެންގުމާ އެކު، ގަތަރު ވޯލްޑް ކަޕް ބޮއިކޮޓްކުރަން ގޮވާލާ ޔޫރަޕްގެ ގައުމުތައް އަންނަނީ އިތުރުވަމުންނެވެ.












