ދޯހާ، ގަތަރު (ނޮވެމްބަރު 18) - އަނިޔާއާ ހެދި އާޖެންޓީނާ ގައުމީ ޓީމުން ފަހު ވަގުތު ސްކޮޑަށް ދެ ބަދަލެއް ގެންނަން ޖެހުނުއިރު، އަލަށް ނެގި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ 18 އަހަރުގެ އަލެހަންދްރޯ ގާނާޗޯ އަށް ފުރުސަތު ގެއްލިއްޖެ އެެެވެ.
ފަހަކަށް އައިސް ޔުނައިޓެޑް ޓީމުގައި ގާނާޗޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އާޖެންޓީނާ އިން ވޯލްޑް ކަޕްގައި ކުޅެން ރަޖިސްޓްރީކުރި 55 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އޭނާ ހިމެނި އެވެ. އެކަމަކު، އާޖެންޓީނާ އިން ވޯލްޑް ކަަޕަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެންނަން ޖެހުނުއިރު ވެސް ގާނާޗޯ އަށް ފުރުސަތެއް ނުލިބުނެވެ.
ސްޕެއިންގެ 18 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ގާނާޗޯ، މި އަހަރު މާޗް މަހު އާޖެންޓީނާގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި ސީނިއާ ޓީމުގެ ކުޅުންތެރިންނާ އެކު، ޓްރެއިނިން ކުރިއަށްގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭށެވެ. އެކަމަކު، އެ ފަަހަރު ވެސް އޭނާ ސްކޮޑަށް ނާރަ އެވެ. އޭގެ ފަހުން ގާނާޗޯ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެން ފަށައި، 20 އަހަރުން ދަށަށް ހާއްސަ މޯރީސް ރެވޭލޯ މުބާރާތުގައި ކުޅެފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ގާނާޗޯ އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވުނީ ފަހަކަށް އައިސް ޔުނައިޓެޑްގައި އޭނާ ދައްކަމުން އަންނަ ރަނގަޅު ކުޅުމުގެ ސަބަބުންނެވެ. އެކަމަކު، އާޖެންޓީނާ ޓީމުން އިއްޔެ އަނިޔާގެ ސަބަބުން ގެނައި ދެ ބަދަލުން ވެސް ގާނާޗޯ އަށް ފުރުސަތު ނުދޭން ނިންމީ ސިނިއާ ލެވަލްގެ ތަޖުރިބާ މަދުވުމުން ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. .

އާޖެންޓީނާ ޓީމުގައި ހިމެނި އަންހެލް ކޮރޭއާ (ކ) އާއި ތިއާގޯ އަލްމާޑާ.
އަނިޔާގެ ސަބަބުން އާޖެންޓީނާ ޓީމުން ބާކީކުރަން ޖެހުނު ފިއޮރެންޓީނާގެ ނީކޯ ގޮންޒާލޭޒް އާއި އިންޓަ މިލާންގެ ޔަކީން ކޮރޭއާގެ ބަދަލުގައި އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ޓީމުން ފުރުސަތު ދިނީ އެތުލެޓިކޯ މެޑްރިޑްގެ އަންހެލް ކޮރޭއާ އާއި އެމެެރިކާ ލީގުގައި އެޓަލަންޓާ ޔުނައިޓެޑަށް ކުޅޭ ތިއާގޯ އަލްމާޑާ އަށެވެ.
އަންހެލް ކޮރޭއާ، 27، އަކީ މިދިޔަ އަހަރު ކޮޕަ އެމެރިކާ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ. މި ސީޒަނުގައި އެތުލެޓިކޯ މެޑްރިޑްގެ 21 މެޗުގައި ކުޅެފައިވާ ކޮރޭއާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.
އަލްމާޑާ ވަނީ އެމެރިކާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަނުގައި 29 މެޗުން ހަ ގޯލު ޖަހައި، 12 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި އެމެރިކާ ލީގަށް އަލަށް އައިސް އެންމެ މޮޅަށް ކުޅުނު ކުޅުންތެރިއަކަށް ހޮވުނު އަލްމާޑާ، އަކީ އެ ލީގުގައި ކުޅެމުން އާޖެންޓީނާ ގައުމީ ޓީމަށް ބޮޑު މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވާން އާޖެންޓީނާ އިން ވަނީ ޔޫއޭއީއާ އެއްކޮށް ކުޅުނު މެޗުން 5-0 އިން މޮޅުވެފަ އެވެ.
ގަތަރުގައި އަންނަ އާދިއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނޭ ގްރޫޕްގައި ސައުދީ އަރަބިއްޔާގެ އިތުރުން ދެން އޮތީ ޕޮލެންޑާއި މެކްސިކޯ އެވެ.












