ލަންޑަން (ނޮވެމްބަރު 18) - ގަތަރުގައި އަންނަ އާދިއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދައިފިނަމަ "ރިޓަޔާކުރާނެ" ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މަޝްހޫރު ޓީވީ ހޯސްޓް ޕިއަސް މޯގަންގެ "ޓޯކްޓީވީ" އަށް ރޮނާލްޑޯ ދިން އެކްސްލޫސިވް އިންޓަވިއުގެ ދެ ވަނަ ބައިގައި ރޮނާލްޑޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
އިންޓަވިއުގެ ފުރަތަމަ ބައިގައި ރޮނާލްޑޯ، 37، ވާހަކަ ދައްކާފައިވަނީ އޭނާ މިދިޔަ އަހަރު އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް އައުމާ މިހާތަނަށް އެ ޓީމުގައި ހޭދަކޮށްފައިވާ ދުވަސްތަކާ ގުޅޭ ވާހަކަތަކެވެ. އިންޓަވިއުގެ ފުރަތަމަ ބައިގައި ޔުނައިޓެޑްގެ ގިނަ ކަންކަމަށް ފާޑުކިޔާފައިވާއިރު، މީޑިއާގައި އޭނާ ބަދުނާމުކޮށްގެން ގިނަ ބަޔަކު މަޝްހޫރުކަން ހޯދާކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
އިންޓަވިއުގެ ދެ ވަނަ ބައިގައި ޕިއާސް މޯގަން ކުރި ސުވާލުތަކަކަށް ޖަވާބު ދިންއިރު، ރޮނާލްޑޯ ވަނީ މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ފީފާ ވޯލްޑް ކަޕަށް ކަމަށް ބުނެފަ އެވެ.
"އަހަރެން މި ވަގުތު ހުރިހާ ފޯކަސް އެއް މި ހުރީ ވޯލްޑް ކަޕަށް. މި ވެދާނެ އަހަރެންގެ ފަހު ވޯލްޑް ކަޕަށް، މިއީ ޔަގީނުން ވެސް އަހަރެންގެ ފަސް ވަނަ ވޯލްޑް ކަޕް. އަހަރެން އަބަދުވެސް ގަބޫލުކުރަން، ހިތުގައި އޮންނަ އެއްޗެއް އެއީ، ސަޕޯޓަރުން އަހަންނަށް އަބަދުވެސް ހިތްވަރުދޭނެކަން،" ރޮނާލްޑޯ ބުންޏެވެ.
"މި ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދައިފިއްޔާ އަހަރެން ރިޓަޔާކުރާނެތޯ؟ ޔަގީން 100 ޕަސެންޓް"
ޕޯޗުގަލްގެ ކިބައިގައި މި ފަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދޭނެ ފެންވަރު އެބަހުރި ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. އަދި ޕޯޗުގަލް ބަލިކޮށްފައި، ވޯލްޑް ކަޕް ކާމިޔާބު ކުރެވިދާނެ ޓީމުތަކުގެ ތެރޭގައި ރޮނާލްޑޯ ފާހަގަކޮށްފައިވަނީ ފްރާންސް، ސްޕެއިން، ޖަރުމަނު، އާޖެންޓީނާ އަދި ބްރެޒިލް އެވެ.
ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައިވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. ރޮނާލްޑޯ ބުނީ މެސީއާ އެކު އެންމެ މަތީ ލެވަލްގައި 16 އަހަރު ހޭދަކުރެވުމަކީ ހާއްސަ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެެވެ.
ވޯލްޑް ކަޕަށް ތައްޔާރުވާން ޕޯޗުގަލް އިން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުން ނައިޖީރިއާ އަތުން 4-0 އިން މޮޅުވިއިރު، މި މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ.
ޕޯޗުގަލްގެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް، މެޗުގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޮނާލްޑޯ ނުކުޅެނީ އިންޓަވިއު މައްސަލައިގައި ނޫން ކަމަށާއި "ބަނޑުގައި ރިއްސާތީ، އަރާމްކުރަން ބޭނުންވެގެން" ކަމަށެެވެ.
ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
އެކަމަކު، ރޮނާލްޑޯ ހުއްޓައި، ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް އެންމެ ދުރަށް ދެވުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ޕޯޗުގަލް ސެމީ ފައިނަލުގައި ކުޅެ، ބަލިވީ ފްރާންސް އަތުންނެވެ. އޭގެ ފަހުން, 2010 ގައި ގަދަ 16 ބުރުން ސްޕެއިން އަތުން ކެޓިއިރު, 2014 ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އެންމެ ފަހުން, 2018 ވަަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި, ގަދަ 16 ބުރުން އުރުގުއޭ އަތުންނެެވެ.












