ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން، ވަގުތީގޮތުން އެ މަގާމު، އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދާ ހަވާލުކޮށްފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާދަމައިން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ފަނޑިޔާރު ޝަހީދާ ހަވާލު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުންނެވެ. ހާތިފް އެ މަގާމުން ރިޓަޔާކުރެއްވީ ދެ އަހަރު ދުވަހު އެ މަގާމު ފުރުއްވުމަށްފަހު އެވެ. ނަމަވެސް އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.
އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ހަވާލުކުރި ޝަހީދު ގެންދަވަނީ 2018 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންނެވެ. އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ފުރުއްވާފަ އެވެ.













