ލަންޑަން (ނޮވެމްބަރު 16) - ޗެލްސީ އާއި އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ގެރީ ކޭހިލް ކުޅުން ހުއްޓާލައިފި އެވެ.
ކޭހިލް ،36، ޗެލްސީގައި ހޭދަކުރި ހަތް އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
އެސްޓަން ވިލާގައި ކެރިއަރު ފެށުމަށް ފަހު ކޭހިލް ވަނީ ބޯލްޓަން، ކްރިސްޓަލް ޕެލަސް އަދި ބޯންމައުތަށް ވެސް ކުޅެފައެވެ. ބޯންމައުތާ އެކު ހަދާފައިވާ ކޮންޓުރެކްޓް މިދިޔަ ސީޒަނަށް ފަހު ހަމަވުމުން، ކޭހިލް ހުރީ އެއްވެސް ޓީމަކާ ނުގުޅި އެވެ.
"ކުޅުން ހުއްޓާލަން ނިންމިއިރު، އަހަންނަށް ބުނެވެން އެބައޮތް ފުޓްބޯޅަ ކެރިއަރުގައި އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެވުނުކަން. ކެރިއަރުގައި ހާސިލްކުރަން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ހެދުނު،" ކޭހިލް ބުންޏެވެ.
އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ފަސް ފަހަރު އަޅާފައިވާ ކޭހިލް ވަނީ ގައުމީ ޓީމާ އެކު 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ކުޅެފަ އެވެ.












