މެންޗެސްޓާ (ނޮވެމްބަރު 16) - ކްރިސްޓިއާނޯ ރޮނާލްޑޯ ދީފައިވާ އިންޓަވިއުއެއްގެ މައްސަލަ ހޫނުވެފައިވާއިރު، އޭނާ ދޫކޮށްލަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ލަފާދީފައިވާ ކަމަށް އީއެސްޕީއެން އިން ރިޕޯޓްކޮށްފި އެވެ.
މަޝްހޫރު ޓީވީ ހޯސްޓް، ޕިއަސް މޯގަން، ޝޯ ޓޯކްޓީވީ އަށް ރޮނާލްޑޯ ދިން އެކްސްލޫސިވް އިންޓަވިއުގައި ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ކޯޗު ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށް ބުނެފަ އެވެ. އެއީ އޭނާ އަށް ޓެން ހާގް ވެސް އިހުތިރާމް ނުކުރާތީ ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
ރޮނާލްޑޯ، 37، ގެ މި އިންޓަވިއު މައްސަލައިގައި ރަސްމީ ހައިސިއްޔަތަކުން ޔުނައިޓެޑުން މިހާތަނަށް ބުނެފައިވާ ބަހަކީ، އެ އިންޓަވިއު އެއްކޮށް ބަލައި، ދެނެގަންނަން ޖެހޭ ކަންކަން ހޯދައި، ކްލަބުން ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ރޮނާލްޑޯ ދިން އެ އިންޓަވިއު އެއްކޮށް ދައްކަން ނިންމާފައިވަނީ މިރެ އާއި މާދަމާރޭ އެވެ.
އީއެސްޕީއެން އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯގެ އިންޓަވިއުގައި މިހާތަނަށް ފެނިފައިވާ ބައިތަކަށް ބަލާފައި ވެސް އެ ޓީމުގެ ކޯޗު ޓެން ހާގް ނިންމާފައިވަނީ ދެން ރޮނާލްޑޯ ލައިގެން ޔުނައިޓެޑުން މެޗެއް ނުކުޅޭ ގޮތަށެވެ. އަދި އެކަން ޔުނައިޓެޑްގެ ބޯޑަށް އަންގައި، ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ ދޫކޮށްލަން ވެސް ވަނީ ބުނެފަ އެވެ.
ރޮނާލްޑޯ، ޔުނައިޓެޑްގައި ހުރީ މި ސީޒަނުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިނުވާތީ އޭނާ އަށް ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. ޕިއަސް މޯގަން އަށް ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނެފައިވަނީ ޕްރީ ސީޒަންގައި އޭނާ އަށް ބައިވެރިނުވެވުނީ އެންމެ ފަހުން ލިބުނު ދަރި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށާއި އެެހެން ނަމަވެސް ޔުނައިޓެޑުން ދެކުނީ އެއީ "ބަހަނާ" އެއްގެ ގޮތުގައި ކަމަށެވެ.
ފަހުން ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިވާން ފަށައި، ޔުނައިޓެޑުން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ރޮނާލްޑޯ ދަނޑުން ދިޔަ މައްސަލައިގައި ވެސް އޭނާ އާއި ޓެން ހާގް މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ.
ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހުކޮޅުގައި ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. އެ މެޗަށް ފަހު ޓެން ހާގް ބުނީ، "ރޮނާލްޑޯ މެޗަށް އަރަން ދެކޮޅު ހެދި" ކަމަށެވެ.
އެހެންވެ، ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށް އަދަބު ދިނެވެ. ޔުނައިޓެޑުން މި މަހު ހަ ވަނަ ދުވަހު އެސްޓަން ވިލާ އަތުން 3-1 އިން ބަލިވި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަންކަން ކުރީ ރޮނާލްޑޯ އެވެ. އެއީ ޔުނައިޓެޑް ޖޯޒީގައި ރޮނާލްޑޯ އެންމެ ފަހުން ފެނުނު މެޗެވެ.
ރޮނާލްޑޯ ބަޔާން އަށް: ރިޕޯޓް
މި ސީޒަން ފެށުމުގެ ކުރިން މީޑިއާގައި އެންމެ ބޮޑަށް ރޮނާލްޑޯ ކްލަބް ބަދަލުކުރަން އުޅޭ ވާހަކަތައް ދެކެވުނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކަށް އޭނާ ދާން އުޅޭ ކަމަށް ބުނެ އެވެ. އެކަމަކު، އެ ފުރުސަތު ނުލިބި އެންމެ ފަހުން ރޮނާލްޑޯ މަޑުކުރަން ޖެހުނީ ޔުނައިޓެޑްގައި ޔޫރޮޕާ ލީގުގަ ކުޅޭށެވެ.
ސީޒަން ފެށުނުއިރު، ބަޔާން މިއުނިކުން ރޮނާލްޑޯ ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ބަޔާންގެ ސީނިއާ އޮފިޝަލުން ވަނީ މީޑިއާގައި ރަސްމީކޮށް ދޮގުކޮށްފަ އެވެ. އޭރު، ބަޔާންގެ އޮފިޝަލުން ބުނަމުން އައީ ރޮނާލްޑޯ އަކީ އެ ކްލަބުން ދާން މަސައްކަތްކުރާ މިސްރާބަށް ބަލާއިރު، އެ ޓީމަށް ބޭނުންވާ ވަރަށް ވުރެން "ދުވަސްވީ" ކުޅުންތެރިއެއް ކަމަށެެވެ.
އެކަމަކު، ފާއިތުވި ދެ ދުވަހު ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯގެ އޭޖެންޓް، ޖޯޖް މެންޑޭސް ވަނީ ބަޔާންގެ އޮފިޝަލުންނާ އެކު ރޮނާލްޑޯއާ ގުޅޭ މަޝްވަރާތަކެއް މިދިޔަ ހަފްތާގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓް އުވާލައިފިނަމަ، އޭނާ ހުރީ ހިލޭ ޓްރާންސްފާއެއްގައި ބަޔާނަށް ބަދަލުވާން ތައްޔާރަށް ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި ރިޕޯޓްތަކާ ބެހޭގޮތުން ބަޔާނުން އަދި ރަސްމީކޮށް މީޑިއާގައި ބަހެއް ބުނެފައިނުވެ އެވެ.












