ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހި ސަރުކާރުގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެއްޖެ ކަމަށާއި އަވަހަށް ޓެކްސް ބޮޑު ކުރުމަކީ މާނަވީ ގޮތެއްގައި އާމްދަނީ އިތުރު ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް ހަދާދް ޒާވޯސް ވިދާޅުވެއްޖެ އެވެ.
ސަރުކާރެއްގެ ފިސްކަލް ޕޮޒިޝަނަކީ އެ ސަރުކާރަކުން ނަގާ ޓެކުހާއި ކުރާ ހޭދައިގެ ސަބަބުން އެތެރޭގެ އުފެއްދުންތަކުގެ ޑިމާންޑާއި އުފެއްދުމުގެ ކޮލިޓީ އާއި މިންވަރަށް ކުރާ އަސަރެވެ. ބެލެންސް އޮފް ޕޭމަންޓަކީ ގައުމަށް ވަންނަ ފައިސާ އާއި ބޭރުވާ ފައިސާ ގުނައި ނެރޭ ހިސާބެކެވެ.
"ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުގެ ސަބަބުން ރާއްޖޭގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެއްޖެ. އަވަހަށް ޓެކްސް ބޮޑު ކުރުމަކީ މާނަވީ ގޮތެއްގައި އާމްދަނީ އިތުރު ކުރަން އެޅޭނެ ފިޔަވަޅެއް،" ފާރިސް މިއަދު ސޯޝަލް މީޑިއާގައި ލިޔުއްވާފަައިވެ އެވެ.
ޓެކްސް އިތުރު ކުރުން ރަނގަޅު ކަމަށް ވޯލްޑް ބޭންކުން ބުނެފައިި މި ވަނީ ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ބޭނުން ވަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމާއެކު ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އިތުރު ކުރުމަށެވެ.
މަޖިލީހުގައި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސުޕާ މެޖޯރިޓީއެއް އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުން އަންނަ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ދަނީ އެކި އުކުޅުތައް ބޭނުންކޮށް، ޓެކްސް ބިލު ފާސްނުކޮށް މަޑުޖައްސާލަމުންނެވެ.












