ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހޭ ވަރަށް އިއްޔެ އެ ބިލުގެ މަސައްކަތް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމައިލި އިރު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު އިއުލާނު ކުރެއްވީ ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް އެހޭ ވަރަށް ޖަލްސާގެ ކޯރަމް ހަމަނުވާތީ ވޯޓަށް އެހެން ނެތް ކަމަށެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެެއް މެމްބަރުން އެކަމާ އިހުތިޖާޖުކުރެއްވި އިރު އިއްޔެގެ ޖަލްސާ ނިންމައިލީ ގަވައިދާ ހިލާފަށް ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ ވޯޓުގެ ރަނގަބީލު ނުޖައްސަވައި، ކޯރަމް ހަމަނުވާތީ ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެ އަފީފު ޖަލްސާ ނިންމަވައިލެއްވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން އެ މައްސަަލަ ނެންގެވުމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ އިއްޔެ ނިންމައިލީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށާއި ވޯޓަށް އެެހުމުގެ އެއްވެސް ކަމެއް އިއްޔެ ނުހިނގާ ކަމަށެވެ.

"ވޯޓަށް އެހުން މި އޮންނަނީ ތިން ވަނަ ކިއުން ކިއުމަށް ފަހުގައި. އެ ބަހުސް ނިންމާފައި ތިންވަނަ ކިއުމެއް ނުކިޔޭ. އެހެންވީމާ އަޅުގަނޑު މި ދެކެނީ އެ މައްސަލައިގެ ބަހުސް އަދި ނިންމަން ޖެހޭ ކަމަށް. ނިންމުމަށް ފަހުގައި ތިން ވަނަ ކިއުން ކިޔާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ބިލުގެ ބަހުސް ނިންމުމަށް ފަހު ތިން ވަނަ ކިއުން ކިޔައި ވޯޓުގެ ރަނގަަބީލު ޖަހާނެ ކަމަށެވެ.
ޓެކްސް ބޮޑުކުރާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓިން ދިރާސާކޮށް ފާސްކޮށްފައި އޮތީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރާށެވެ. އެގޮތަށް ނިންމައި އެކުލަވައިލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން އަފީފު އިއްޔެ ހުޅުއްވައިލެއްވި ނަމަވެސް ބަހުސްކުރައްވަން އެއްވެސް މެމްބަރަކު އެވަގުތު އެދިވަޑައެއް ނުގަންނަވަ އެވެ.
އެ ބިލަށް ވޯޓަށް އައްސަވާނެ ކަމަށް އޭނާ ވިދާޅުވީ އެހިސާބުންނެވެ.
"އަދި މި ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ވެސް ނެތް،" ބިލަށް ބަހުސްކުރަން އެދިވަޑައިގަންނަވާ މެމްބަރަކު ނެތްކަން އިއުލާނުކުރެއްވުމަށް ފަހު އަފީފު ވިދާޅުވި އެވެ.













