ކޮޕް 27 ސަމިޓުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލުކުރައްވަން ވަޑައިގެންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ބަލައިނުގަންނަން އެކޯޓުގެ ރެެޖިސްޓްރާ ރައުފާ ހައިދަރު ނިންމަވައިފި އެވެ.
ނަޝީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަތު ތޯލިބެވެ. އެ މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާ ނިންމެވި ނިންމެވުން ބިނާކުރެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި އެފަދަ އެހެން ބައެއް ގަޒިއްޔާ ތަކަށެވެ.
"...މި މައްސަލައިގެ ދައުވާ ބިނާކުރި ސަބަބުތަކަށް ބެލި އިރު، މި މައްސަލައަކީ ގާނޫނު ނަމްބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުނުގެ 11 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޑޮކްޓާ މުހައްމަދު ޖަމީލު އަހުމަދު ވ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ (ދިވެހި ދައުލަތް) 2021 ގަޒިއްޔާއާއި އަލީ ޝާހު ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް (2021) ގަޒިއްޔާ އަދި މުހައްމަދު ހަލީމު، އަސްއަދު ޝަރީފު ވ. ޔައުގޫބު އަބްދުﷲ (2020) ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ، ބަލައިގަނެވޭނެ މައްސަލައަކަށް ނުވާތީ މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެންގީމެވެ،" ސުޕްރީމް ކޯޓްގެ ރެޖިސްޓްރާގެ ނިންމެވުމުގައި ވެ އެވެ.
މައްސަލަ ހުށަހެޅުއްވި ވަކީލު ތޯލިބު މިރޭ "އަދަދު" އަށް ވިދާޅުވީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، އެ އެ ގްރައުންޑްގައި ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރެއްވިދާނެ ކަަމަށެވެ. އެހެން ނަމަވެސް, އެގޮތަށް ހުށަހަޅުއްވާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން އިސްތިއުނާފު ކުރަން 14 ދުވަހުގެ މުހުލަތެއް އޮވެ އެވެ.

ކޮޕް 27 ސަމިޓްގައި ސްރީލަންކާ ތަމްސީލުކުރައްވަން ނަޝީދު ވަޑައިގެންނެވުމުން ރާއްޖެއާއި ލަންކާގެ ބައެެއް ފަރާްތްތަކުން ވެސް ވަނީ އެމަނިކުފާނަށް ފާޑުކިޔައިފަ އެވެ.













