މިއުނިކް (ނޮވެމްބަރު 13) - ޖަރުމަނު ލީގުގައި ރޭ ޝާލްކާ ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށް، ލީގުގައި ބަޔާން މިއުނިކުން އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ފީފާ ވޯލްޑް ކަޕް ބްރޭކަށް މެދުކަނޑާލާއިރު، ބަޔާނަށް ލީގުގެ އެއް ވަނައިގައި ހަމަޖެހިލެވޭނެ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 15 މެޗުން 28 ޕޮއިންޓާ އެކު އާރްބީ ލައިޕްޒިގު އެވެ. ވާޑާ ބްރެމެން ދަނޑުގައި ރޭ ލައިޕްޒިގު ވަނީ 2-1 އިން މޮޅުވެފަ އެވެ.
ރޭގެ މެޗުގައި ލަނޑެއް ޖަހަން ބަޔާނުން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ޖަމާލް މުސިއާލާ ދިން ބޯޅަ ސާޖް ގްނާބްރީ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބަޔާނުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި މުސިއާލާ ދިން ބޯޅަ އަކުން އެރިކް މެކްސިމް ޗުޕޯ-މޯޓިން އެވެ. އޭނާ އޭރިއާތެރެއިން ގޯލަށް ބޯޅަ ފޮނުވާލީ ޝާލްކާ ކީޕަރު އަލެކްސަންޑަ ޝްވޯލޯ ފައިގައި ޖައްސައިފަ އެވެ.
ބަޔާނަށް މި މެޗުގައި ތިން ވަނަ ލަނޑެއް ޖަހައިދޭން އޭރިއާތެރެއިން މުސިއާލާ ޖެހި ބޯޅަ ޝާލްކާ ކީޕަރު ޝްވޯލޯ ވަނީ މަތަކޮށްފަ އެވެ.
ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގުގެ ކުޅުން ފައްޓާނީ އަންނަ މަހު 20 ވަަނަ ދުވަހު އެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ބަޔާން ރަނގަޅު ފޯމެއްގައި އޮވެ ލީގު މެދުކަނޑާލާއިރު، އޭނާ އަށް އޮތް ބޮލުގެ ރިހުމަކީ ވޯލްޑް ކަޕަށް ފަހު ބަޔާންގެ ކުޅުންތެރިން އެނބުރި އަންނައިރު ތިބޭނެ ހާލަތު ވަޒަންކޮށްލަން އުނދަގޫވުން ކަމަށެވެ.
"އަހަރެން އުންމީދު ކުރަން މި ކުޅުންތެރިން ވޯލްޑް ކަޕްގައި ވެސް މޮޅަށް ކުޅެފައި، ސީޒަނުގެ ފަހު ހާފަށް އަންނާނެ ކަމަށް،" ނާގަލްސްމަން ބުންޏެވެ.
ނާގަލްސްމަން ވަނީ މި ފަހަރު ޖަރުމަނު ގައުމީ ޓީމުގައި 19 އަހަރުގެ މުސިއާލާގެ މޮޅު ކުޅުން ފެންނާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށް ބުނެފަ އެވެ.












