ލަންޑަން (ނޮވެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާނަގައި، އާސެނަލުން ވުލްވްސް 2-0 އިން ބަލިކޮށް، ލީގުގެ އެއް ވަނައިގައި ލީޑެއް ނެގިއިރު، 1-0 އިން ނިއުކާސަލް ޔުނައިޓެޑްގެ އަތްދަށުވެ، ޗެލްސީ ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެއްޖެ އެވެ.
ވޯލްޑް ކަޕަށް މެދުކަނޑާލާއިރު، އާސެނަލް ލީގުގެ އެއް ވަނައިގައި އޮންނާނީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ 14 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވަނީ 15 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން، ލީގުގެ ފުރަތަމަ 15 މެޗު ނިމުނުއިރު، ނިއުކާސަލް ޗެމްޕިއަންސް ލީގުގެ މަގާމެއްގައި އޮތް ފުރަތަމަ ފަހަރެވެ.
ލީގުގެ ފުލުގައި އޮތް ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ދެ ލަނޑު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. އޭރިއާތެރެއިން ލިބުނު ފުރަތަމަ ފުރުސަތުގައި ވެސް އޮޑެގާޑް ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އޭނާ ފުރަތަމަ ގޯލު ޖެހީ ފަބިއޯ ވިއޭރާ ދިން ބޯޅައަކަށް ގޯލު ކުރިމައްޗަށް ހުސްކޮށް އަރަ އެވެ. އޮޑެގާޑްގެ ދެ ވަނަ ގޯލަކީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނޭ އުފާފާޅުކުރަނީ: ޓޯނޭ އަށް މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ނެތް ކަމަށް ކަނޑައެޅުމުން އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓަށް ފާޑުކިޔުން އަމާޒުވި.
ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިދާލީ އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުލިބުނު އައިވަން ޓޯނޭ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ޓޯނޭ ފުރަތަމަ ގޯލު ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިލް ފޯޑެން ވަނީ ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ.
ޓޯނޭ، ބްރެންޓްފޯޑް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގައި ޑަ ސިލްވާ އޭރިއާތެރެއަށް ހުރަސްކުރި ބޯޅައަކުންނެވެ.
ނިއުކާސަލް ދަނޑުގައި އެ ޓީމުން ޗެލްސީ ބަލިކުރިއިރު، ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އޭރިއާ ރޮނގުކައިރިން ޖޯ ވިލޮކް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި މެޗުން ޗެލްސީ ބަލިވިއިރު، އެންމެ ފަހުން އެ ޓީމަށް މޮޅެއް ނުލިބި ފަސް މެޗު ނިންމާލަން ޖެހުނީ 2012 ވަނަ އަހަރު އެވެ.
ފާއިތުވި މެޗުތަކުގެ ނަތީޖާ ދަށްވެ، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް ވަނީ ދަށް ރެކޯޑާ އެކު ޕްރެޝަރު ބޮޑުވެފަ އެވެ.
ޗެލްސީ މި މެޗުން ބަލިވިއިރު، އެ ޓީމު ވަނީ ލީގުގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. ލީގުގެ ހަތަރު ވަނަ އަށް ޖެހިލީ މިރޭ ލީޑްސް ޔުނައިޓެޑް އަތުން ފަހަތުން އަރައި، 4-3 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 15 މެޗުން 29 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތީ 13 މެޗުން 23 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އެވެ.
ހަ ވަނައިގައި އޮތީ މިރޭ ސައުތެމްޓަން އަތުން 3-1 އިން މޮޅުވެ، 14 މެޗުން 22 ޕޮއިންޓް ހޯދި ލިވަޕޫލް އެވެ.
ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުން ލިވަޕޫލުން ލީޑުނެގިތާ މާގިނައިރެއް ނުވެ، ޗޭ އެޑަމްސް ވަނީ ސައުތެމްޓަން އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑާވިން ނޫނޭޒް ވަނީ ދެ ގޯލު ޖަހައި، ލިވަޕޫލް މެޗުން މޮޅުކޮށްދީފަ އެވެ. މި މެޗުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.
ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓުން 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ ވަނީ މޮޅުވެފަ އެވެ. އަދި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ އެވަޓަން އަތުން އަމިއްލަ ދަނޑުގައި ކުޅުނު ބޯންމައުތު މޮޅުވީ 3-0 އިންނެވެ.












