މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމާ ބެހޭ ގޮތުން ބާއްވާ ސަމިޓް "ކޮޕް27" ގައި ސްރީލަންކާ ތަމްސީލުކުރާ ވަފުދުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނުމުން ލަންކާގެ އިދިކޮޅު ފަރާތްތަަކުން ސަރުކާރަށް ފާޑުކިޔަން ފަށައިފި އެވެ.
ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި އެގައުމުގެ ޕާލަމެންޓްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން އެ މައްސަލައިގައި ނުރުހުމާ އެކު ސަރުކާރަށް ސުވާލުތައް ކުރެއްވި އެވެ. ލަންކާގެ ވަފުދުގައި ނަޝީދު ހިމެނުމުން އެކަމާ ސުވާލުކުރެއްވި އެއް މެމްބަރަކީ ނިލަން ބަންޑާރަ އެވެ.
"ކޮޕް 27 ގައި [ސްރީލަންކާ] ތަމްސީލުކުރައްވަން އެކަށީގެންވާ، ސަރުކާރުގެ އެމްޕީއަކު ނެތީތޯ؟ ސަރުކާރުގައި ގާބިލު ބޭފުޅަކު ނެތިއްޔާ ގާބިލު އެހެން ބޭފުޅެއް [ސަރުކާރުގައި ނުހިމެނުނަސް ލަންކާގެ އެހެން ބޭފުޅެއް] ވެސް ނެތީތޯ؟" ނިލަން ބަންޑާރަ ސުވާލުކުރެއްވި ކަމަށް ލަންކާގެ ޑެއިލީ އެފްޓީ ނޫހުން ބުންޏެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، ލީޑަރް އޮފް ދަ ހައުސް އޮފް ޕާލަމެންޓް، މިނިސްޓަރު ސުޝިލް ޕްރެމަޖަޔަންތަ ދެއްކެވީ ކޮޕް 27 ސަމިޓްގެ މުހިއްމުކަމުގެ ވާހަކަ އާއި އެ ސަމިޓަށް ގައުމުގެ ލީޑަރު ވަޑައިގެންނެވުން މުހިއްމުވާ ވާހަކަ ކަމަށާއި ސުވާލަށް ސާފު ޖަވާބެއް ނުދެއްވާ ކަމަށް ވެސް ޑެއިލީ އެފްޓީ ނޫހުން ބުންޏެވެ.
އެހެންވެ ނިލަން ބަންޑާރަ ދެވަނަ ފަހަރަށް ވެސް ސުވާލު ތަކުރާރުކުރެއްވި ކަމަށާއި އެހެން ނަމަވެސް މިނިސްޓަރު ޖަވާބެއް ނުދެއްވާ ކަމަށް ވެސް ނޫހުން ބުންޏެވެ.

ލަންކާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އެންޕީޕީގެ ލީޑަރު އަނޫރަ ކުމާރަ ޑިސަނަޔަކަ އެދިވަޑައިގެންނެވީ ކޮޕް 27 ސަމިޓަށް ވަޑައިގެންނެވުމުގެ ހަރަދުތައް ހަމަޖެއްސީ ކޮން ފަރާތަކުން ކަން ސަރުކާރުން ޕާލަމެންޓަށް ހާމަކުރާށެވެ.
ކޮޕް 27 ސަމިޓްގައި ލަންކާ ތަމްސީލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން ރާއްޖޭގެ ބައެއް ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް ވެސް ފާޑުވިދާޅުވަމުންވެ.












