ރާއްޖޭގައި އިންޑިވިޖުއަލް ހުނަރަށް ބަލާއިރު، ތަފާތު ކުޅުންތެރިން އަބަދުވެސް ފެނެ އެވެ، ރާއްޖެ އަންނަ ބިދޭސީ ކޯޗުން އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ ހުނަރުހުރި ޒުވާން ކުޅުންތެރިން އަވަހަށް ދެނެގަނެ، އެ ކުޅުންތެރިންނަށް ވަރަށް ޒުވާން އުމުރުގައި ޓްރެއިނިން ދޭން ފަށައިފިނަމަ ތަފާތު ދައްކާނެ ގިނަ ކުޅުންތެރިންތަކެއް އުފެއްދޭނެ ކަމެެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި އެކެޑަމީތަކުގެ މަސައްކަތް މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭ ވަރަށް ފުޅާވެއްޖެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ކުޅުން މިހާރު ބާއްވާ ޔޫތު މުބާރާތްތަކުގައި ވެސް ފެނެެ އެވެ. އޭގެ ތެރެއިން ފާހަގަވި އެއް ކުޅުންތެރިއަކީ، ނިމިދިޔަ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާ ޓީމަށް ކުޅުނު ފޯވާޑް، 13 އަހަރުގެ މުހައްމަދު އިލާން އިމްރާން އެވެ.
އިލާން ވަނީ 14 އަހަރުން ދަށުގެ ޔޫތު ލީގުގައި ކުޅުނު އަށް މެޗުން 35 ލަނޑު ޖަހައި، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހޯދައިފަ އެވެ. އަދި މުބާރާތުގެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.
"އަޅުގަނޑު ފުޓްބޯޅަ ކުޅެން ފެއްޓީ ހަތަރު އަހަރުން ފެށިގެން،" ފުޓްބޯޅަ ކުޅުން ފެށުނު ގޮތް އެހުމުން، އިލާން، "އަދަދު" އަށް ބުންޏެވެ.

ޔޫތު ލީގުގެ މެޗެއްގެ ތެެރެއިން ލަނޑު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އިލާން ވަނީ ވަރަށް ޒުވާން އުމުރުގައި މަންމަ އާއި ބައްޕަ އަދި އާއިލާގެ ސަޕޯޓާ އެކު ފުޓްބޯޅަ އެކެޑަމީތަކަށް ގޮސް، ކުޅުމުން ކުރިއަށް ދިއުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން، އިލާން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި ވެސް ގިނަ ތަޖުރިބާތަކެއް ހޯދައިފަ އެވެ. އޭނާ ގައުމީ ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވެ އެވެ.
"އަސްލު ވަރަށް ބޮޑަށް އިމްޕްރޫވް ކުރެވިއްޖެހެން ހީވަނީ، އެއީ މިހާތަނަށް އައިސް ވަރަށް މޮޅަށް ކުޅެވި، ވަރަށް ސަޅިކޮށް ގޭމް ގެންދެވި. އެއީ ވަރަށް މަސައްކަތުން ކުރި ކަމެއް،" މިހާތަނަށް ދެއްކުނު ކުޅުމާ މެދު ހިތްހަމަޖެހޭކަން ފާހަަގަކޮށް އިލާން ބުންޏެވެ.
"ގްރޭޑް ވަން އިން ފެށިގެން އެންމެން (ވެލެންސިއާ ޓީމުގައި މި ތިބި ކުޅުންތެރިން) އެއްކޮށް ކުޅެމުން މި ދަނީ. އެންމެންގެ އެ ހުންނަ ގުޅުން ވަރަށް ބޮޑުވެފައި. ވަރަށް ސަޅިވާނެ ކުޅެލާލެއް، މިހާ ހިސާބަށް މިއައީ ވަރަށް މަސައްކަތުން، ގްރޭޑް ވަން އިން ފެށިގެން (އެއްކޮށް) ކުޅެވުނީމަ މި އެންމެންނާ އެކު ވަރަށް އުފާވޭ،"
މިހާރު އޮތް ވެލެންސިއާގެ 14 އަހަރުން ދަށުގެ ޓީމު ވަނީ ހަ އަހަރުން ފެށިގެން އެއްކޮށް ޑިވެލޮޕްވުމުގެ މަސައްކަތް ފަަށައިފަ އެވެ. މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްގައި ވެސް ކުޅެ، ފަހުން ވެލެންސިއާ އަށް ބަދަލުވީ ވެސް އެކުގަ އެވެ.

ލަނޑު ޖެހުމަށް ފަހު އިލާން ވެލެންސިއާގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިލާން ބުނީ 14 އަހަރުން ދަށުގެ ޔޫތު ލީގާ ކުރިމަތިލިއިރު ވެސް ޔަގީންކަން އޮތް ކަމަށެވެ.
"އަންޑަ 14 ޔޫތު ލީގު މި ކުޅުނީ މޮޅުވާން. މޮޅުވާނެ ކަމުގެ ޔަގީންކަން އޮންނާތީ، ވަރަށް ގިނަ އަހަރުގެ މަސައްކަތާ އެއްކޮށް މި މުބާރާތަށް ތައްޔާރުވީ،" އިލާން ބުންޏެވެ.
"އެންމެ ފުރަތަމަ ފެށީ ފޯވާޑަކަށް، އަންޑަ 12 ޔޫތު ލީގުގައި މިޑްފީލްޑަރަކަށް ކުޅެލިން. އެޓޭކިން މިޑްފީލްޑަރަކަށް، އެކަމަކު، އިލާން މިއީ ހަމަ ސްޓްރައިކަރެއް،"
އިލާން ބުނީ ފުޓްބޯޅައިން މިހާތަނަށް އޭނާ އަށް ދަސްވި އެންމެ ބޮޑު ކަމަކީ ކުރިއަރަން ބުރަ މަސައްކަތް ނުކޮށްފިނަަމަ ހުނަރު ހުއްޓަސް ވާނެ ފައިދާއެއް ނެތްކަން ކަމަށެވެ.
"އެންމެ ބޮޑަށް ދަސްވީ ހާޑް ވޯކް. ޓެލެންޓް (ހުނަރު) ހުރިޔަސް ހާޑް ވޯކް އެއީ ވަރަށް މުހިންމު އެއްޗެއް، ދެން ހާޑް ވޯކް ނުލައި ނުއެއް ކުޅެވޭނެ ޓެލެންޓް ހުއްޓަސް،" ބުރަކޮށް މަސައްކަތް ކުރުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށް އިލާން ބުންޏެވެ.
"ރާއްޖޭގެ ލެވަލްގައި ބޭނުން ވަނީ ނެޝަަނަލް ޓީމުގައި މޮޅު ކުޅުންތެރިއަކަށް ވާން. ދެން، ރާއްޖޭން ބޭރަށް ދެވެންޏާ ރާއްޖޭން ބޭރަށް ވެސް ދާނަން ކޮންމެ ގޮތެއް ހަދާފައި ވެސް،"
ސޮބާހު މުހައްމަދު (ސޮބާ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ)ގެ ކޯޗުކަމުގައި ގިނަ ކަންތައްތަކެއް ދަސްވިކަން ފާހަގަކޮށް އިލާން ބުނީ ފުޓްބޯޅައިގެ ކަންކަން އޭނާ އަށް ގިނަ ބަޔެއްގެ ފަރާތުން އަންނަނީ ދަސްވަމުން ކަމަށެވެ. އެހެންވެ، އޭނާގެ ކުރިއެރުމުގައި ހިއްސާވާ އެންމެނަށް އޭނާ ޝުކުރު އަދާކުރަނީ ކުރިއަށް އޮތްތާ ދެެވެން އޮތް އެންމެ ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ.













