އެފްއޭއެމުން ދާދި ފަހުން ނިންމާލި 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން، ކްލަބް ވެލެންސިއާ އިން ހޯދިއިރު، މި ޓީމުގައި ތިބި ކުޅުންތެރިންނަކީ މީގެ ކުރިން އެކި ޓީމުތަކުގައި ވެސް އެއް ކޯޗުންތަކަކާ އެކު މަސައްކަތް ކޮށްފައިވާ ކުޅުންތެރިންނެވެ. ޔޫތު ލީގުގައި ވާދަކުރި ނުވަ ޓީމުގެ ތެރެއިން ވެލެންސިއާ އެހާ ފަރަގު ބޮޑުކޮށް، މުބާރާތުގެ މެޗުތަކުގައި ފެނުނު އެއް ސަބަބަކީ އެ ޓީމުގެ ޓީމު ވޯކް އެވެ.
ވެލެންސިއާގެ އެ ޒުވާން ޓީމުގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އީތަން އިބްރާހިމް ޒަކީ އާއި ޔޫސުފް އަޔާން އާމިރު ދެކޭގޮތުގައި ވެލެންސިއާ މިހާރު އޮތް ޓީމު ވަރުގަދަކޮށް ފެންނަނީ އެއްކޮށް ކުރާ މަސައްކަތުންނެވެ.
"މި ބެޗް މިއީ ވަރަށް ތަފާތު ބެޗެއް. ވަރަށް ރަނގަޅު ބެޗެއް. ތެދަށް ބުނަންޏާ މި މީހުންނާ ނުލައި މިހާ ވަރަކަށް އަޅުގަނޑަކަށް ވެސް ނާދެވޭނެ،" މިހާރު އޮތް ވެލެންސިއާގެ ޓީމުގެ މުހިންމުކަން ފާހަގަކޮށް، އީތަން، "އަދަދު" އަށް ބުންޏެވެ.
"އަސްލު ވަރަށް މުހިންމު ކަމެއް ތަފާތު ކުޅުންތެރިންނާ އެކު ކުޅުމަކީ، ދެން (ވެލެންސިއާގެ) މި ގްރޫޕް އެއްކޮށް ކުޅުމަކީ ވެސް ވަރަށް މުހިންމު ކަމެއް،"

ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އީތަން އާއި ވެލެންސިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބްގެ އެކެޑަމީގައި ވެސް ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އާއި ޔޫސުފް އަޒީމް (ޔޫއްޓޭ)ގެ ކޯޗުކަމުގައި ކުޅެފަ އެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި އީތަން ދެކެނީ މި ޓީމު އެކުގައި ދަމަހައްޓައި، ކުރިއަރަން ފުރުސަތު ދިނުމެވެ.
"ސޮބާ ކޯޗު އާއި ޔޫއްޓެ ކޯޗާ އެކު ވަރަށް ކުރިން ފަށައިފިން، ދެން، އެ ނޫން ވެސް ވަރަށް ބައިވަރު ކޯޗުންތަކަކާ އެކު މަސައްކަތް ކުރިން. އެމީހުންނަށް ވެސް ވަރަށް ގްރޭޓްފުލްވަން. ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ އަސްލު މިހާތަނަށް ވެސް، ގިނަ މީހުންތަކަކާ ބައްދަލުވެ، ގިނަ ކުޅުންތެރިންނާ ދިމާވެ ކަންކަން ބަދަލުވަމުން އަންނަގޮތް ވެސް ވަރަށް ތަފާތު،" ކެރިއަރުގައި ކަންކަން ބަދަލުވަމުން އަންނައިރު، ދަސްވާ މުހިންމު ކަންކަމަށް އިޝާރާތްކޮށް އީތަން ބުންޏެވެ.
"އަޅުގަނޑު އަބަދުވެސް ކުޑައިރުއްސުރެން ވެސް ބޭނުންވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާން. ހަމަ އެ އަށް މި މަސައްކަތް ކުރަނީ،"

17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި އީތަން (ވ) މިޔަންމާގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްސީ
ދާދި ފަހުން ރާއްޖޭން 17 އަހަރުން ދަށުގެ ގައުމީ ޓީމުން ސައުދީ އަރަބިއްޔާގައި ކުޅުނު އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކަށް ގެންދިޔަ ޓީމުގައި 13 އަހަރުގެ އީތަން އަށް ވެސް ފުރުސަތު ދިނެވެ. އީތަންގެ އިތުރުން ވެލެންސިއާގެ އަޔާން ވެސް އެ ޓީމުގައި ހިމެނުނެވެ.
އޭޝިއާގެ ގަދަބާރުތަކުގެ ޔޫތު ޓީމުތަކާ ކުޅެލަން އެ ލިބުނު ފުރުސަތުތައް މުހިންމު ކަމަށް އީތަން ވަނީ ބުނެފަ އެވެ.
"އަސްލު ވަރަށް ރަނގަޅު އެކްޕީރިއަންސެއް، ވަރަށް ބައިވަރު އާ އެއްޗެހި ދަސްވި. އަސްލު ވަރަށް ގްރޭޓްފުލް މި ކަހަލަ ޓީމަކާ އެކު ގޮސްފައި އެ ކަހަލަ އެކްސްޕީރިއަންސެއް ކުރެވުނީތީ. އަނެއްހެން، ފުރަތަމަ ކުޅެން ފެއްޓުނުތަނާ ވަރަށް ހާސްވި، އެކަމަކު، ގޭމަށް ވަންތަނާ އެހާ ހާހެއްނުވޭ. އެންމެން ވެސް ވަރަށް ރަނގަޅަށް ކުޅުނު،"
"އަސްލު ވަރަށް މުހިންމު ކަމެއް ގިނަ ގިނައިން މެޗު ކުޅުން މިއީ. އަޅުގަނޑަށް ހީވާގޮތުގައި ގައުމީ ޓީމާ އެކު މި ޓޯނަމެންޓަށް ދިއުމުގެ ކުރިން ވެސް ގިނައިން މެޗު ކުޅެވުނު ނަމަ ރަނގަޅަށް ޕާފޯމް ކުރެވުނީސް،"
ޒުވާން އުމުރުގައި އީތަން ވަނީ މިހާތަނަށް އާއިލާގެ އެހީތެރިކަމާ އެކު ރާއްޖޭން ބޭރުގެ ގިނަ ގައުމުތަކެއްގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ.
އޭގެ އިތުރުން ގައުމީ ޔޫތު ޓީމާ އެކު (13 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން) އީތަން ވަނީ 2019 ވަނަ އަހަރު ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް މުބާރާުތުގައި ދުނިޔޭގެ މަޝްހޫރު ކްލަބްތަކުގެ ޔޫތު ޓީމާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ.
ވެލެންސިއާގެ ޔޫތު ޓީމު "ޓީމެއް"ގެ ސިފައިގައި ކުރިއެރުން މުހިންމު
ވެލެންސިއާ އިން 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ތަށި އުފުލާލިއިރު، ޓީމުގެ ކެޕްޓަން އަކީ އަޔާން އެވެ.
ޔޫތު ލީގުގެ ޑްރީމް ޓީމުގައި ވެލެންސިއާ ހަތަރު ކުުޅުންތެރިން ހިމެނުނެވެ. އެއީ ވެލެންސިއާގެ ކާމިޔާބީގައި މޮޅު ކުޅުމެއް ދެއްކި، އީތަން އާއި އަޔާންގެ އިތުރުން މުހައްމަދު އިލާން އާމިރު، އަހުމަދު ކައިން އަދި އަހުމަދު މިފްޒާލް އެވެ. މީގެ އިތުރުން ވެސް ވެލެންސިއާ ޓީމުގައި މުޅި މުބާރާތަށް ބަލާއިރު، އެއް ލެވަލެއްގައި ކުޅުނު ގިނަ ކުޅުންތެރިން އެބަތިބި އެެވެ.
"ވަރަށް ދުވަސްވެއްޖެ، މި ހުރިހާ ކުދިން އެއްކޮށް މަސައްކަތް ކުރާތާ، ދެން. އެ ހުރިހާ ޕްރެކްޓިހަކަށް ބަލާއިރު ވެސް ޓީމު ވޯކް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި މި އިނީ. އެއް ކޯޗުންތަކަކާ އެކު އެއް ޓީމެއް ގޮތަށް މަސައްކަތް ކުރުމަކީ ޓީމެއްގެ ގޮތުގައި ބޮންޑްވާނެ ކަމެއް،" އަޔާން، "އަދަދު" އަށް ބުންޏެވެ.

ވެލެންސިއާ އިން ޔޫތު ލީގު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އަޔާން ބުނީ، އޭނާ، ސޮބާ ކޯޗާ އެކު، ފަރިތަކުރުންތައް ކުރިއަށްގެންދާތާ މިހާތަނަށް ވީ ތިން އަހަރު ތެރޭގައި ވެސް ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ވެލެންސިއާ އިން މި ފަހަރުގެ ޔޫތު ލީގުގައި ކުޅުނީ އެޓޭކިން އަށް ބަލާއިރު ވަރަށް މޮޅު ފުޓްބޯޅައެކެވެ. ޖުމްލަ އަށް މެޗުން 79 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަނީ ދެ ގޯލެވެ. ވެލެންސިއާގެ އެޓޭކިން ފުޓްބޯޅަ ރަނގަޅުކަން ފާހަގަކުރާއިރު، އެ ޓީމުން ޑިފެންސް ކުރުމުގައި ކުރި މަސައްކަތް ވެސް އަޔާން ފާހަގަކުރެ އެވެ.
"ޑިފެންސިވްކޮށް ވެސް ފާހަގަކޮށްލަން ޖެހޭ އެއް ޕްލޭޔަރު ނޯއާ (ފިންލެންޑް ކުޅުންތެރިޔާ). ފިޒިކަލީ ސްޓްރޯންގް ވަރަށް ބެލެންސް ޕްލޭޔަރެއް. ފުޓްބޯޅަ އަކީ ހަމައެކަނި އެޓޭކިން ސްޕޯޓެއް ނޫން. އެއީ ވަރަށް ބެލެންސް ސްޕޯޓެއް، ޑިފެންސިން އާއި އެޓޭކިން ވެސް މުހިންމު،" އަޔާން ބުންޏެވެ.
"މި ޓީމު (ވެލެންސިއާ)ގައި އެބަތިބި، އަދި އެ ކުއްޖެއްގެ ޕޮޓެންޝިއަލް މެކްސް ކުރެވޭ ވަރުގެ ބައިވަރު ކުދިން. ނޭޝަނަލް ލެވަލަކަށް ދާއިރު، ވަރަށް ގިނަ ކުުޅުންތެރިން ހީވޭ ގައުމީ ޓީމަށް ހޮވޭނެހެން،"

އެސޯސިއޭޝަން ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ ރިލޭ އިވެންޓްގައި އަޔާން ދުވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އީތަން އެކޭ އެއްގޮތަށް އަޔާން، 13، ވެސް ވަނީ ދާދި ފަހުން 17 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން ސައުދީގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގައި ވެސް އަޔާން ރަނގަޅަށް ކުޅުނެވެ.
އަޔާންގެ އާއިލާ އަކީ ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކުން ވެސް ނަން މަޝްހޫރު ލެޖެންޑުން ނިސްބަތްވާ އާއިލާ އެކެވެ. އެއީ ވެލެންސިއާގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް ، މަޝްހޫރު ކޯޗު، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެވެ. އާއިލާގެ އެ މެމްބަރުންނެކޭ އެއްގޮތަށް އަޔާން ވެސް އެތުލެޓިކްސް އަށް ޝައުގުވެރިކަން ހުރެ އެވެ.
އެ ގޮތުން، މި އަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު އަޔާން ދެކޭ ގޮތުގައި ޒުވާން ކުޅުންތެރިންނަށް މުބާރާތް ބޭއްވުން ވަރަށް މުހިންމެވެ.
"ހުރިހާ ޔަންގް އެތުލީޓްސް އަށް ވެސް ވަރަށް މުހިންމު ކަމެއް އެއީ ޓޯނަމަންޓްސްތަކުގައި ބައިވެރިވުން. އިންޓަނޭޝަނަލް ލެވަލަކަށް ދާއިރު އެއްވެސް ޕްރެޝަރެއް ފީލް ނުވާނެ އޭރުން،" އަޔާން ބުންޏެވެ.
މިހާތަނަށް އައިއިރު، އަޔާން އަށް ހާސިލްކުރެވުނު ކަންކަމުގައި އޭނާ އަށް އާއިލާ އިން ދިން ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.
މަންމަ އާއި ބައްޕަ އަދި އާއިލާގެ ހުރިހާ މެމްބަރުން ދޭ އެއްބާރުލުމުގެ އިތުރުން، އޭނާގެ ބޭބެ، އިސްމާއިލް ޒާން އާމިރު ކުރިއަށްގެންދާ "އާ ޖީލަކަށް" ޕްރޮގްރާމުން ވެސް ބޮޑު ފައިދާތަކެއް ކުރާ ކަމަށް އަޔާން ވަނީ ބުނެފަ އެވެ. "އާ ޖީލަކަށް" ޕްރޮގްރާމުން ގިނަ ޒުވާން ކުޅުންތެރިންތަކެއް ރަނގަޅު ޓްރެކުގައި ޓްރެއިން ކޮށްދެ އެވެ.













