ޔޫތު ފުޓްބޯޅައިގެ ހުވަފެނީ މަސައްކަތުގައި ސޮބާ އަދިވެސް ހުރީ ފަސްބެލުމެއް ނެތި

ވެލެންސިއާ ޔޫތު ޓީމާ އެކު ކުރެވެނީ ހުވަފެނީ މަސައްކަތެއް ކަމަށް ސޮބާ ވަނީ ބުނެފައި: ވެލެންސިއާގެ ޔޫތު ޓީމުގައި ސޮބާގެ އިތުރުން ޔޫއްޓޭގެ ދައުރު ބޮޑު.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ވެލެންސިއާ ޔޫތު ޓީމާ އެކު ކުރެވެނީ ހުވަފެނީ މަސައްކަތެއް ކަމަށް ސޮބާ ވަނީ ބުނެފައި: ވެލެންސިއާގެ ޔޫތު ޓީމުގައި ސޮބާގެ އިތުރުން ޔޫއްޓޭގެ ދައުރު ބޮޑު.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޔޫތު ފުޓްބޯޅަ ޑިވެލޮޕްކުރުމުގައި މިހާރު މުޅި ދުނިޔެ އަށް ބެލިޔަސް ގެންގުޅޭ ވައްޓަފާޅި އަކީ، ގްރޫޕެއް ނުވަތަ ޓީމެއް ޒުވާން އުމުރުން ފެށިގެން ކުރިއެރުވުމެވެ. އަހަރުން އަހަރަށް ބަލާއިރު، ކުޅުންތެރިންނަށް އަންނަ ބަދަލާއި ރަނގަޅު ކުރެވޭނެ ކަންތައްތައް ބުނެދީ، ދަސްކުރުމުގެ އިތުރުން ފިލާވަޅު ނަގައި، ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް ދިއުމެވެ. ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ޔޫތް ލެވަލުން ކުދިން ކުރިއަށް ގެންދަނީ މި އުސޫލުގެ ތެރެއިންނެވެ. އެއީ ގިނަ ގައުމުތަކުގެ ފުޓްބޯޅައިގެ ކާމިޔާބީގެ މަގު ޗާޓު އޮތްގޮތެވެ.

ރާއްޖޭހެ ގައުމީ ފުޓްބޯޅަ ޓީމުގެ ދިފާއީ ތަބެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ކުޅުމަށް ފަހު، އޭގެ ފަހުން ކޯޗިން އަށް ނުކުތް، ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ފުޓްބޯޅަ އަށް "ހާއްސަ" ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ސޮބާ 2015 ވަނަ އަހަރު ޒުވާން ކުދިންތަކެއް ގޮވައިގެން، ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޔޫސުފް އަޒީމް (ޔޫއްޓޭ)އާ އެކު މަސައްކަތް ފެށީ ދުރުރާސްތާ ވިސްނުމަކާ އެކީގަ އެެވެ.

"މިއީ ހަމަ އަޅުގަނޑު ވަރަށް ދުރާލާ އޭރުގަ ފެށި މަސައްކަތެއް. މެޖޯރިޓީ ކުދިންނަަކީ އަލީ ވަހީދު ނިއުގެ ޗެއާމަނަކަށް ހުރިއިރު 2015 ވަނަ އަހަރު ފެށި އެކެޑަމީގައި ތިބި ކުދިން، އީތަން މެން ވަރަށް ކުޑަވާނެ ހަނދާން ވަނީ ގްރޭޑް އެކެއް ނޫނިއްޔާ އެހާ ހިސާބުގައި، މިހާރު އެ ކުދިން އެ ތިބީ 13 އަހަރުގައި ނޫނީ 14 އަހަރުގައި ގިނަ ކުދިން،" މި ފަހަރުގެ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމުގެ މަސައްކަތް ފެށިގެން އައި ގޮތް ސޮބާ ކިޔައިދިނެވެ.

ޒުވާން ކުޅުންތެރިން ހިމެނޭ މި ގްރޫޕް ވަކިވެދިޔަ ނުދީ، ސޮބާ ވިސްނީ ފުރުސަތު އޮތްގޮތްގޮތް ހޯދައި، ކުޅުންތެރިންގެ ބެލެނިވެރިންނާ ވެސް ގާތްގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުމަށެވެ. މީގެ ތެރެއިން ތަނަވަސްވި ފުރުސަތެއްގައި، އޭރު، މި ކުޅުންތެރިން ޓްރެއިން ކުރުވަމުން އައި ޓީސީ ސްޕޯޓްސް ކްލަބްގެ އެކެޑަމީ ޓީމު ގޮވައިގެން ތައިލެންޑްގައި ބޭއްވި ޔޫތު މުބާރާތެއްގެ ތިން ވަނަ ވެސް ހޯދި އެވެ.

އޭގެ ފަހުން، ވެލެންސިއާގެ ނަމުގައި މި މަސައްކަތް ރަނގަޅު މިސްރާބަކަށް ގެންދިއުމަށް "ރަސްމީ" ސިފައިގައި ރަނގަޅަށް ހިންގަން ސޮބާ އަވަސްވެގަތީ "ޑިވެލޮޕްމަންޓް"ގެ މަސައްކަތް ކޮޅެއްގައި ޖެއްސޭނީ ރަނގަޅު އުސޫލަކުން ހުރިހާ ކަމެއް ގެންދެވިގެން ކަމަށް ވާތީ އެވެ.

"މިއީ ބުނެވިދާނެ އަޅުގަނޑުގެ ޑްރީމް (ހުވަފެނީ) މަސައްކަތެކޭ. އަޅުގަނޑު ގަބޫލުކުރީ ވަކި ގޮތަކަށް ކުޅުންތެރިންގެ ޓްރެއިނިންއާ އެއްޗެހި ބައްޓަންކޮށްގެން ގެންގުޅެވިއްޖިއްޔާ ދިވެހި ކުދިންނަށް ވެސް ބޯޅަ ކުޅެވިދާނެކަން، އަޅުގަނޑު ބޭނުންވީ އެކަން ދައްކަން. ﷲ އިރާދަކުރެއްވިއްޔާ އެކަން ކުރެވޭތީ ވަރަށް އުފާކުރަން،" ސޮބާ ބުންޏެވެ.

"އަސްލު ހަގީގަތުގައި ލިބޭ ލާރިއަކަށް ނޫން، ވަރަށް ކެތްތެރިކަމާ އެކު ގިނަ ދުވަސްތަކެއް ވަންދެކަށް އެއްކޮށް މި ކުދިން ގެންގުޅެވުނީމަ ނަތީޖާ ބަލާލާ މީހަކަށް އެނގޭނެ، އެ މީހުންނަށް (ކުދިންނަށް) ގޭމް އަންޑަސްޓޭންޑްވާ މިންވަރު، މިހާ ކުޑަކުދިންތަކެއް ކުޑައޭ މި ކިޔަނީ 13 ނޫނީ 14 އަހަރުގެ ކުދިންތަކެއް ވަރަށް މެޗުއާކޮށް ވަރަށް އަންޑަސްޓޭންޑިން ރީތި ފުޓްބޯޅައެއް ހަގީގަތުގައި އެ ކުޅެނީ. އަޅުގަނޑު ބުނާނީ މިއީ ކެތްތެރިކަމާ އެކީ ކުރި މަސައްކަތް،"

މި ފަހަރުގެ އެފްއޭއެމް ޔޫތު ލީގުގައި ވެލެންސިއާ އިން ވަނީ ޖުމްލަ އަށް މެޗު ކުޅުނުއިރު، ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. އެ އަށް މެޗުގައި 79 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މިއީ ޔޫތު ފުޓްބޯޅައިގައި އެންމެ "ފަރަގު ބޮޑުކޮށް" ނިމުނު މުބާރާތެވެ. އެ ފެންވަރުގެ ފަރަގެއް ހަގީގަތުގައި ނުކުތް ސަބަބަކީ ވެލެންސިއާ ޓީމުން ކުޅެމުންދިޔަ ފުޓްބޯޅައިގެ "ތަފާތު" ކަމެވެ.

"މީގެ ފަހަތުގައި ވަރަށް ބައިވަރު ބައެއްގެ އެހީ އެބައޮތް ހާއްސަކޮށް ޕޭރަންޓުން ވަރަށް ކޮމިޓަޑް، ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ދެވޭ ކުދިން ބޭރަށް ގެންގޮސް ބޭރު ގައުމުތަކުގައި ޓްރެއިނިން ދީ ހަދަނީ، ދެން މި ހުރިހާ ކުޅުންތެރިންނަކީ ވަރަށް ގަޑިއަށް ކަމޭހިތާ ކުޅެގެން މޮޅުވާން ބޭނުންވާ ކުދިންތަކެއް،" ސޮބާ ބުންޏެވެ.

"މީގެ ހުރިހާ އެއްޗެއްގެ އަޑީގައި މި ހުރީ ޔޫއްޓޭ. ޔޫއްޓޭ އަކީ ފެށުނުއިރުއްސުރެން، ބައެއް ކުދިން އެލްކޭޖީ ނޫނީ ޔޫކޭޖީން ފެށިގެން ގެންގުޅޭ ކުދިން،"

ޔޫއްޓޭ އަކީ ހަގީގަތުގައި މި ކުޅުންތެރިންގެ ހުނަރު ޑިވެލޮޕްވަމުން އައި ގޮތް ބަލައި، ކުރިއަށްދިއުމުގައި ކޯޗުކަމާ އެއްވަރަށް މުދައްރިސެއްގެ ރޯލު ވެސް ކުޅުނު ފަރާތެވެ.

ވެލެންސިއާގައި މިހާރު މި އޮތީ ޔޫތު ފުޓްބޯޅަ ޓީމެއް ޑިވެލޮޕްކުރުމުގެ "މިސާލެއް"

މީގެ ކުރިއަށް ބަލާއިރު، ގްރޭޑް އެކެއްގައި އުޅޭ ކުދިންތަކަކާ ހަމައިން ޓީމެއް ބިނާކުރަން މަސައްކަތް ފަށައިގެން އައި ޓީމެއް އަދި ފެނިފައި ނެެތެވެ. އެކަމަކު، ވެލެންސިއާގައި މިހާރު މި އޮތް ޓީމުގައި ތިބި ކުޅުންތެރިންނަކީ އެއްކޮށް އެއް ޓީމެއްގައި ކުޅެ، ވަރަށް ބަދަހިކޮށް ތިބި ކުޅުންތެރިންތަކެކެވެ. މި ކުދިން ފުޓްބޯޅައިގެ ތެރެއިން ޑިވެލޮޕްވަމުން އަންނައިރު، ކުޅިވަރުގެ ގިނަ ކަންކަން ދަސްކުރަނީ އެކުގަ އެވެ.

މީގެއިން ހޯދޭ އަނެއް މަންފާ އަކީ ކުޅުންތެރިޔާގެ ހުނަރު ތަރައްގީވާއިރު، ބޭނުންވާ "ޓީމްވޯކް" އަށް ވެސް އޮންނާނީ މަސައްކަތް ކުރެވިފައި ކަމަށް ވުމެވެ.

"މި ދައްކަނީ އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތެއްގެ ވާހަކަ. އެއީ ކަންނޭނގެ ޔޫތު ޑިވެލޮޕްމަންޓްގެ ޕްރޮސަސް އިންނަންޖެހޭނެ ގޮތަކީ، ދުރާލާ ހައެއްކަ އަށެއްކަ އަހަރުން ކުރާ މަސައްކަތުން ކަންނޭނގެ އެއްޗެއް ޕްރޮޑަކްޓެއް ނެރެވޭނީ، އެ ގޮތުން އަޅުގަނޑު އުފާކުރަން، މީގެއިން ގިނަ ކުދިންތަކަކީ، މީގެއިން މެޖޯރިޓީ ކުދިންނަކީ ނެޝަނަލް ޓީމަށް އަރާކުދިން. އެ ގޮތުން އަޅުގަނޑު ވަަރަށް އުފާކުރަން،" ދާދި ފަހުން ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމަށް އެރި ވެލެންސިއާގެ ކުޅުންތެރިންނަށް އިޝާރާތްކޮށް ސޮބާ ބުންޏެވެ.

ސޮބާ (މ) އާއި ޔޫއްޓޭ ލީގުގެ ފަހު މެޗުގެ ތެރެއިން ޓީމު ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު އިޔާން/ އަދަދު

ރާއްޖޭގައި އެކެޑަމީތަކުގެ ފުޓްބޯޅައިގެ ވާދަވެރިކަން ނުހަނު ބޮޑެވެ. ސޮބާ ބުނީ ވެލެންސިއާގެ ރަނގަޅު ވާހަކަ ދައްކަނީ އެހެން އެކެޑަމީތަކަށް "ޗެލެންޖް" ކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި އެހެން އެެކެޑަމީތައް ވެސް ވަރުގަދަކޮށް ފެންނަން އެދޭތީ ކަމަށެވެ.

"ވަކި ގޮތަކަށް ޓްރެއިން ކޮށްގެން ވަކި ގޮތަކަށް ގެންގުޅެވިއްޖެ ކަމަށް ވަންޏާމު، އަސްލު ބޯޅަ ކުޅެވިދާނެކަން މި ފެންނަނީ. އަޅުގަނޑުމެން ދިވެހިން، ކަނޑު މަސް ކައިގެން އުޅުނަސް، އަޅުގަނޑުމެންގެ ކުދިންނަކީ ވަރަށް އިންޓެލިޖަންޓް ބައެއް،" ސޮބާ ބުންޏެވެ.

"އަޅުގަނޑުމެން ކޯޗުންގެ ޒިންމާއެއް ކަންނޭނގެ އެއީ، ކުދިންނަށް ނޭނގޭ އެއްޗެހި އެ މީހުންނަށް އެޑިއުކޭޓް ކޮށްދިނުން. ކޮންމެ ދުވަހަކު ކޯޗުން އައިސް އެ މީހުންނާ ދިމާލަށް ހަޅޭލަވައި، އެ މީހުން ބްލޭމްކުރުމެއް ނޫން ކަންނޭނގެ، އެހެންވީމަ އެބަ ބޭނުންވޭ މީގެ ތެރޭގައި ތަންކޮޅެއް ސީރިއަސްކޮށް ފުޓްބޯޅައިގެ ރަނގަޅު އެޑިއުކޭޝަން ލިބިފައި ތިބި މީހުން ވެސް މަސައްކަތް ކުރަން،"

ވެލެންސިއާގެ ޔޫތު ޓީމު މިހާރު އޮތް ލެވަލްގެ ވާހަކަ ދައްކައިގެން ސޮބާ ބޭނުންވަނީ އޭނާ އަކީ އެންމެ މޮޅު މީހާކަން ސާބިތުކޮށްދޭކަށެއް ނޫނެވެ. ސޮބާ ބުނީ ފުޓްބޯޅަ ކެރިއަރުގައި 15 އަހަރު އޭނާ އަށް ދަސްވި ކަންތައްތަކާއި ކޯޗިންގައި ކިޔަވަން ބާސެލޯނާ އަށް ގޮސް އުނގެނުނު ފުޓްބޯޅައިގެ ފިލާވަޅުތަކުން ވެސް ގިނަގުނަ ބޭނުންހުރި މައުލޫމާތު ލިބިގެންދިޔަ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް ފުޓްބޯޅައިގެ ތައުލީމު ހާސިލްކުރަން ކޯސްތަކުގައި ބައިވެރިވުމުގެ އަޒުމުގައި ހުރި ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"އަދިވެސް އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުގެ ޓާގެޓަކީ އަދިވެސް ކޯޗިން ރިފްރެޝާ ކޯސް ހެދުން. އެ ނޫން ކަމަށްވަންޏާ ވަރަށް އުނދަގޫ ކަމެއް މިއީ. ޔޫތު ޑިވެލޮޕްމަންޓަކީ ހަގީގަތުގައި އެންމެ ރަނގަޅު އެންމެ ޑީޓެއިލް އިނގޭ ކޯޗުން އައިސް މަސައްކަތް ކުރަން ޖެހޭ ހިސާބެއް. އޭތި ނުކުރެވިއްޖިއްޔާ އެންޑް އޮފް ދި ޑޭ، ކުއްޖާ 14 ނޫނީ 15 އަހަރުވާއިރުގައި އަޅުގަނޑުމެންނަށް ރަނގަޅު ކުދިންތަކެއް ނުނެރެވޭ،" ކޯޗުންގެ އެޑިއުކޭޝަނަކީ ޔޫތު ޑިވެލޮޕްމަންޓްގެ މުހިންމު ބައެއްކަން ފާހަގަކޮށް ސޮބާ ބުންޏެވެ.

ސޮބާ "އަދަދު" އަށް އިންޓަވިއު ދެނީ: ސޮބާ ދެކޭގޮތުގައި ޔޫތު ޑިވެލޮޕްމަންޓަށް ވީ އެންމެ ރަނގަޅަށް އަހައްމިއްޔަތުކަން ދިނުން މުހިންމު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޒަމާނުއްސުރެ ކަންކަން ހިނގާފައިވާގޮތަށް ބަލާއިރު، ރާއްޖޭގައި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު، ހުނަރުވެރި އެތައް ކުޅުންތެރިއަކު ނެގޭނެ އެވެ. އެކަމަކު، ފުޓްބޯޅަ އަކީ "ޓީމު ގޭމް" އަކަށް ވާތީ، އޭގެ އަސްލު މާނައިގައި ކަންކުރާއިރު، ޑިވެލޮޕްވާން ޖެހޭނީ ޓީމެއްގެ ސިފައިގައި ކަމަށް ސޮބާ ވެސް ގަބޫލުކުރެ އެވެ.

"އިންޑިވިޖުއަލީ ވަރަށް މޮޅު ކުދިން. އެކަމަކު ޓީމެއްގެ ސިފައިގައި ނެރެ، ބައްޓަންކުރާއިރު، ވަރަށް ބައިވަރު ޗެލެންޖެސް ހުރޭ. މިއީ އެންމެ ދުވަހެއް ނޫން އެންމެ ހަފްތާއެއް ނޫން. އެތައް ގަޑިއިރެއްގެ މަސައްކަތް މިއީ. އޭގެ ނަތީޖާ ވަރަށް ފޮނި، މިއަދު ހަމަ ވަރަށް އުފާކުރަން މި ކަހަލަ ގްރޫޕެއް ޑިވެލޮޕްކުރެވުނީތީ، އެންމެ ޕާފެކްޓެކޭއެއް ނޫން، މި ބުނަނީ މީތި ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެ، ނެޝަނަލް ޓީމަށް ފައިދާތަކެއް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މި ފަހަރު 14 އަހަރުން ދަށުގެ ލީގުގެ މޮޅު ކޯޗުގެ މަގާމު ހޯދި ސޮބާ ބުންޏެވެ.

މިހާރު އޮތް ވެލެންސިއާ ޔޫތާ އެކު މަސައްކަތްކުރާއިރު، ސޮބާ އަށް އޮތް އަނެއް ހިތްހަމަޖެހުމަކީ ޑިސިޕްލިން އަށް ބަލާއިރު، ރަނގަޅު ކުދިންތަކެއް ތިބުމެވެ. ބޮޑުވަމުން އަންނަ ކުދިން ފުޓްބޯޅަ އަށް ނެރޭއިރު، އެ ކުދިންގެ "އެޓިޓިއުޑް (މިޒާޖު)" ރަނގަޅުކޮށް، ކުޅިވަރުގެ ވާދަވެރިކަން ބޮޑު މާހައުލަށް ހޭނިގެންދާއިރު ހަމަމަގުން ގެންދިއުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ސޮބާ ވަނީ ފާހަގަކޮށްފަ އެވެ.

"އަސްލުގައި ބޯޅަ އަކީ ޕްރޮފެޝަނަލް ލެވަލަށް އަންނައިރު، ޔޫތުގައި ވަރަށް ބައިވަރު ކަންތައްތަކެއް ދަސްކުރަން ޖެހޭ. އެ ނޫން ކަމަށްވަންޏާ 17 އަހަރު ނޫނީ 19 އަހަރު ވާއިރު ބައެއް ކުދިންނަށް ނޭނގޭނެ ޓެކްޓިކަލީ ހުންނަން ވާނެ ތަނެއް ވެސް. އަދި އެ ޑިސިޕްލިން އާއި ކަންކަމަށް ތައްޔާރުވުމާ އެ ވެލިޔުސް ވެސް. އަސްލު މުޅި ޕްރޮސަސް އެ އަންނަނީ ވަރަށް ކުޑައިރުއްސުރެން،" ސޮބާ ބުންޏެވެ.

ކޮންމެ ކަމެއް ކުރާއިރު ވެސް އެއް ކަންތައް ހާސިލްކުރެވުމުން އަބަދުވެސް އަނެއް ލެވަލަށް ދާން ޓާގެޓް މައްޗަށް ޖައްސަން ޖެހޭނެ އެވެ. މި އަހަރު ވެލެންސިއާ ގޮވައިގެން 14 އަހަރުން ދަށުގެ ޔޫތު ލީގު ކާމިޔާބު ކުރެވުމުން ސޮބާ ހުރީ އަންނަ އަހަރު މި ކުދިން ގޮވައިގެން 16 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރަން އަތުކުރި އޮޅާލައިގެންނެވެ. އެކަން ކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން ފުރުސަތު ލިބިއްޖެނަމަ މި ޒުވާން ޓީމަށް ތައިލެންޑު ނޫނީ މެލޭޝިއާ އިން ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދިނުމަކީ ވެސް ވިސްނުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox