ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ވާދަވެރި ބޮޑީބިލްޑިން މުބާރާތް ކަމަށްވާ، 13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ޖުލައި މަހު ރާއްޖޭގައި ބާއްވަން ތާވަލްކޮށްފި އެވެ.
ސައުތު އޭޝިއާ ސަރަހައްދުގެ ބޮޑީބިލްޑިންގެ އެންމެ ފޯރިގަދަ މުބާރާތުގައި ސަރަހައްދީ އަށް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން، ބޫޓާން، އަދި އަފްގާނިސްތާން އެވެ.
ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް ރާއްޖޭގައި އަންނަ އަހަރު އޮންނާނީ ޖުލައި މަހުގެ 10 އިން 14 އަށް ކަމަށް އިއުލާނުކޮށްފައިވަނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދަތުކު ޕޯލް ޗުއާ އެވެ.
މި މުބާރާތް، 2019 ވަނަ އަހަރު އޮތީ ނޭޕާލްގަ އެވެ. އެ ފަހަރުގެ މުބާާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމުން ތިން ރަން މެޑައްޔާއި ތިން ލޯ މެޑަލް ހާސިލް ކުރި އެވެ.
އެ ފަހަރު ރާއްޖެ އަށް އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިދިނީ ސްޕޯޓްސް ފިޒީކްގެ 170 ސެންޓިމީޓަރު ކެޓަގަރީ އިންނެވެ. މުހައްމަދު މޫސާ، 55 ކިލޯގްރާމްގެ ބޮޑީބިލްޑިންގެ ކެޓަގަރީން ރަން މެޑަލް ހޯދައިދިންއިރު، ޖޫނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީ އިން ރަން މެޑަލް ހޯދައިދިނީ އަހުމަދު މާހިލް ސައީދު އެވެ.
އަންނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕަށް ފަހު އަންނަ އަހަރު ގައުމީ ބޮޑީބިލްޑިން ޓީމަށް އޮންނާނީ ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން ޗެމްޕިއަންޝިޕެވެ. މި މުބާރާތް އޮންނާނީ ނޭޕާލްގަ އެވެ. މި އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓްކުރީ ރާއްޖޭގަ އެވެ.
ރަން މެޑަލް ހިމެނޭ ގޮތަށް އެންމެ ގިނައިން ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި މެޑަލް ގެނައި ކުޅިވަރަކީ ބޮޑިބިލްޑިން އެވެ. ސާކް ސަރަހައްދުގެ އިތުރުން އޭޝިއާ ސަރަހައްދުގައިވެސް އަދި ދުނިޔޭގެ ލެވެލްގައިވެސް ދިވެހިރާއްޖެއިން ރަނގަޅު ވަނަތަކެއް ހޯދާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.












