މެޑްރިޑް (ނޮވެމްބަރު 9) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމުގެ ރޮބަޓް ލެވަންޑޯސްކީ އާއި ޖެރާޑް ޕީކޭ އަށް ރަތް ކާޑު ދެއްކިއިރު، ފަހަތުން އަރަައި 2-1 އިން އޮސަސޫނާ ބަލިކޮށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ރޭ ރެއާލް ވަޔޮޑޮލިޑް އަތުން 3-0 އިން މޮޅުވެ، އެތުލެޓިކް ބިލްބާއޯ ވަނީ އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ލަނޑުގެ ތަފާތުން ތިން ވަނަ އަށް އަރައިފަ އެވެ. އެތުލެޓިކް ބިލްބާއޯ އާއި އެތުލެޓިކޯ މެޑްރިޑަށް ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ބިލްބާއޯ ވަނީ އެތުލެޓިކޯ މެޑްރިޑަށް ވުރެން އެއް މެޗު އިތުރަށް ކުޅެފަ އެވެ.
އޮސަސޫނާ އިން ރޭގެ މެޗުގައި ލީޑުނެގީ ހަ ވަނަ މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޑޭވިޑް ގާސިއާ ބޮލުން ޖެހި ގޯލުންނެވެ. ބާސެލޯނާ އެއް ގޯލު ފަހަތުގައި އޮއްވައި، އެ ޓީމުގެ ތަރި ލެވަންޑޯސްކީ އަށް ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ފެރާން ޓޮރޭޒް ގޯލެއް ޖެހި ނަމަވެސް އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ރޭގެ މެޗުގައި ޕީކޭ އަށް ރަތް ކާޑެއް ދެއްކީ މެޗުގެ ކުރީކޮޅުގައި ބާސެލޯނާގެ ލެވަންޑޯސްކީ އަށް ރަތް ކާޑު ދެއްކި ސަބަބެއް އޮޅުން ފިލުވަން އުޅުމުން.
ޕީކޭ އަށް ރަތް ކާޑު ދެއްކީ ފުރަތަަމަ ހާފު ނިމުނު ފަހުން ބެންޗުގައި އިންދަ އެވެ. މިއީ ބާސެލޯނާ އަށް ޕީކޭ ކުޅެދިން ފަހު މެޗެވެ. ޕީކޭ އަށް ރަތް ކާޑު ދެއްކީ ލެވަންޑޯސްކީ އަށް ރަތް ކާޑު ދެއްކި މައްސަަލައިގައި ރެފްރީ އަށް އެޕީލްކުރިއިރު، ބުނި އެއްޗެއްގެ ސަބަބުންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ބާސެލޯނާ އިން އެއްވަރުކުރި އެވެ. އޮސަސޫނާ އޭރިއާތެރެެއިން ލިބުނު ފުރުސަތަކުން ޕެޑްރީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. ބާސެލޯނާ މޮޅުވި ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ހުއްޓައި، ރަފީނިއާ ޖެހި ގޯލުންނެވެ. މިއީ ފްރެންކީ ޑި ޔޯން މަތިން ޖައްސާލި ބޯޅައަކުން ރަފީނިއާ ބޮލުން ޖެހި ގޯލެކެވެ.
ޕީކޭ މި މެޗުގައި ރަތް ކާޑު ހޯދިއިރު، މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ އޭނާ ވިސްނައިގެން ހުރީ ދެ ވަނަ ހާފުގައި ޕީކޭ ކުޅެން އެރުވުމަށް ކަމަށެވެ.
ރޭގެ ރަތް ކާޑަކީ ބާސެލޯނާގައި ޕީކޭ ހޯދި 11 ވަނަ ރަތް ކާޑެވެ. މިއާ އެކު އޭނާ ބާސެލޯނާގައި ކެރިއަރު ނިންމާލީ އެންމެ ގިނަ ރަތް ކާޑު ހޯދައިގެން މީގެ ކުރިން އޮތް ރިސްޓޯ ސްޓޮއިކޯފްގެ ރެކޯޑާ ހަމަކޮށްގެންނެވެ.












