އަހަރުމެން ދިރިއުޅެމުން މިދާ ގަރުނަކީ ދުނިޔޭގެ ތާރީހުގައި ވެސް ޓެކްނޮލޮޖީގެ އެންމެ ބޮޑެތި ބަދަލުތަކެއް ދެކެމުން އަންނަ ގަރުނެވެ. މި އީޖާދީ ބަދަލުތަކުގެ ތެރެއަށް މިފަހަރު އިތުރު މިވީ އަނެއްކާވެސް މުޅިން ތަފާތު އުފެއްދުމެކެވެ. ވީޑިއޯ ގޭމު ކުޅެން ބޭނުންކުރާ ދުނިޔޭގެ އެންމެ ފުރަތަމަ ވީއާރު ހެޑްސެޓު، އޮކިއުލަސް ވިއާރުގެ ބާނީ، ޕާމާ ލަކީގެ މިފަހަރުގެ އުފެއްދުމަކީ އޯކިއުޕީއެންވީޖީގެ ނަމުން ނަން ދީފާވާ، މީހަކު މަރާލުމުގެ ގާބިލުކަން ލިބިފައިވާ ވީއާރު ހެޑްސެޓެކެވެ. މިއީ މިކަހަލަ ފީޗާއެއް އެކުލެވޭ މިބާވަތުގެ ފުރަތަމަ އުފެއްދުމެވެ.

ލަކީގެ ހެޑްސެޓް
ގޭމު އޯވާވެއްޖެ ނަމަ ކުޅުނު މީހާ މަރާލާނެ
ލަކީ މިފަހަރު އީޖާދުކުރި ވީއާރު ހެޑްސެޓަކީ ގޭމުގައިވާ ކަންކަމާއި އަސްލު ދުނިޔެއާ ގުޅުވާލަދޭ އުފެއްދުމެކެވެ. މި ހެޑްސެޓު ބޭނުންކޮށްގެން ގޭމު ކުޅެމުންދަނިކޮށް ވާޗުއަލް އެވެޓާ ނުވަތަ ގޭމުގައި އުޅޭ ކެރެކްޓާ މަރުވެއްޖެ ނަމަ، ގޭމު ކުޅުނު މީހާ ވެސް މި ހެޑްސެޓުން މަރާލާނެ އެވެ.
ގޭމް އޯވާވުމުން އަރާ ރަތްކުލައިގެ ސްކްރީނާއެކު މި ހެޑްސެޓުގެ އެތެރޭގައި ހަރުކޮށްފައި ހުންނަ ތިން އެކްސްޕުލޯސިވް ގޮވައި ގޭމު ކުޅެން އިން މީހާގެ ސިކުނޑި ގޮއްވާލާނެ އެވެ. ލަކީ ބުނީ އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތައް ވެސް މި ހެޑްސެޓުގައި ހިމަނާނެ ކަމަށެވެ.

[ވިސްނުން އެބަހުރި] މި ހެޑްސެޓު ހަލާކުކޮށްލައިގެން ނުވަތަ އެޅުމަށްފަހު ނުނެގޭނެ ގޮތަށް ހަލާކުކޮށްނުލެވޭ ކަހަލަ މެކޭނިޒަމްއެއް ހިމަނަން،" ލަކީ ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި، ގޭމު ކުޅޭ މީހާއަށް އަސްލު ދޭންވާވަރުގެ އަހަންމިއްޔަތު ކަމެއް ދީގެން ގޭމު ކުޅެވޭނީ، ވާންޖެހޭ ވަރަށް ސީރިއަސް ވެގެންނެވެ. އެ ގޭމުގެ ސަބަބުން ނުރައްކާތަކަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އޭނާއަށް ހީވުމުން ނޫނީ، ގޭމު ކުޅޭ މީހާއާއި އޭނާއާއި އެކު ގޭމު ކުޅޭ މީހުންނަށް އަސްލު އިހުސާސް ނުކުރުވޭނެ އެވެ.
ކުރިން ފޭސްބުކް [މިހާރުގެ މެޓަ] އިން އޮކިއުލަސް ވީއާރު ގަތެވެ. އޭގެފަހުން 2017، ވަނަ އަހަރު އެކުންފުނިން ލަކީ ބޭރުކޮށްލި އެވެ. އެއަށްފަހު ދެން އޭނާ އުފެއްދީ އަސްކަރީ ހަތިޔާރާއި ތަފާތު ދިފާއީ ނިޒާމުތައް އުފެއްދުމަށް ހާއްސަ ކުންފުންޏެކެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާއާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު ތަފާތު ކޮންޓުރެކްޓްތަކުގެ ދަށުން އެ ކުންފުނިން މަސައްކަތް ކުރެ އެވެ. އެ މަސައްކަތުގެ ތެރެއިން، އެދާއިރާއިން ލަކީއަށް ލިބުނު ތަޖުރިބާގެ އެހީގައި އޭނާ ބޭނުންވީ މީގެ ކުރިންވެސް އޭނާ ގެންގުޅެމުން އައި ހިޔާލު ހަގީގަތަކަށް ހެދުމަށެވެ.
ވާޗުއަލް އެވެޓާއާއި ހަގީގީ ދުނިޔެއާ ގުޅުވާލައި ގަތާލުމުގެ ވިސްނުމަކީ އަހަރެން އަބަދުވެސް ވަރަށް ގަޔާވާ ހިޔާލެއް" ލަކީ ބުންޏެވެ.
ގޭމު ކުޅެގެން، އެ ކުޅޭ މީހާއަށް ޖިސްމާނީ އަސަރުތަކެއް ކުރުވާ ފަދަ ގޭމުތަކެއް އުފެއްދުމަކީ މީގެ ކުރިން ވެސް ލަކީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމެކެވެ.
އަސްލަކީ ގޭމަރުންގެ ސިކުނޑިތައް ގޮއްވާލާ ނާވް ގިއާ ހެލްމެޓު
މިއީ، ކުރިމަގުގައި އޯގްމެންޓެޑް ރިއާލިޓީއާއި ވީއާރު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ހޯދާނެ ކުރިއެރުން އަންދާޒާކޮށް، 2002، ވަނަ އަހަރު ޖަޕާނުގެ ލިޔުންތެރިޔާ، ރެކީ ކަވަހާރާ ލިޔެ ނެރެންފެށި ވެބް ސީރީޒް، ސްވޯޑްސް އާޓު އޮންލައިން ގައި ކަންހިނގާ ގޮތެވެ. އެ ސީރީޒްގައި ވާގޮތުން، ސައިންޓިސްޓަކު އެތައްހާސް އޮންލައިން ގޭމަރުން "ޑެތު ގޭމް" އެއްގެ ތެރޭގައި ބަންދު ކުރެއެވެ. އެ ގޭމުން ނުކުމެވެނީ ހަމައެކަނި އެ ގޭމު ފުރިހަމަ ކުރާ މީހުންނަށެވެ. އެ ގޭމު ކުޅޭ މީހުން ތިބެނީ "ނާވް ގިއާ" ކިޔާ ވީއާރު ހެލްމެޓެއް އަޅައިގެންނެވެ.
އެ ހެލްމެޓު އަޅައިގެން ގޭމު ކުޅެން ފެށުމާ އެކު މީހާ ގެންގޮސްދެނީ އެއިންކުރެޑް ކިޔާ ޖައްވުގައިވާ ގަނޑުވަރަކަށެވެ. އެ ސީރީޒްގައި، ގޭމު ތެރޭގައި އެވެޓާ މަރުވެއްޖެނަމަ، ނާވް ގިއާ ހެލްމެޓު މެދުވެރިކޮށް ސިކުނޑިއަށް ފޮނުވާ ބާރުގަދަ މައިކުރޯވޭވު ތަކަކުން ގޭމު ކުޅެން އިންނަ މީހާ މަރާލަ އެވެ. ގޭމު ނުނިންމާ އެ ހެލްމެޓު ނަގައިފި ނަމަ ނުވަތަ ހަލާކުކޮށްލަން އުޅެފިނަމަ ވެސް ކަންވަނީ މިހެންނެވެ.

ސްވޯޑް އާޓު އޮންލައިންގެ ނޮވެލްގެ މައްޗަށް ބިނާކޮށް އުފެއްދި އެނިމޭގައި ބޭނުން ކުރާ ނާވްގިއާ
ނާވް ގިއާ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ވީއާރު ހެޑްސެޓު އަދި މިހާތަނަށް އެއްވެސް މީހަކު ބޭނުންކޮށްފަ އެއް ނުވެ އެވެ. ލަކީ ބުނީ އޭނާ ވެސް އަދި އެ ބޭނުން ނުކުރާ ކަމަށާއި އެ ރިސްކު ނަގަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަކު އެ ބޭނުން ކޮށްފާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެބަހުރި ބައިވަރު މައްސަލަތައް [ހެލްމެޓު] ފެއިލްވާން ދިމާވެދާނެ، ނުބައި ގަޑިއެއްގައި ވެސް މަރާލަފާނެ" އޭނާ ލިޔެފައި ވެއެވެ.
އުފެއްދުމާ މެދު ދުނިޔެ ބުނަނީ ކީކޭ؟
ސްވޯޑް އާޓު އޮންލައިންއަކީ ޖަޕާނުގައި ބޮޑު މަގުބޫލުކަމެއް ހޯދި ނޮވެލް ސީރީޒް އަކަށްވުމާ އެކު 2016، ވަނަ އަހަރު ވީއާރު ޓެކްނޮލޮޖީ އިތުރު ހަރުފަތަކަށް ގެންގޮސްދިން އޮކިއުލަސް ރިލީޒް ކުރުމާ އެކު އެ އުފެއްދުމަށް ވެސް އެންމެ ބޮޑު ތަރުހީބެއް ލިބުނު ގައުމަކަށް އެ ގައުމު ވިއެވެ. އެއާ އެކު އޮކިއުލަސްގެ ދެވަނަ އަށް އެއްމެ ބޮޑު މާކެޓަކަށް އެތަން ބަދަލުވެގެންދިޔަ އެވެ.
ލަކީ ބުނީ އޮކިއުލަސް މާކެޓަށް ނެރުމާ އެކު ސްވޯޑްސް އާޓު އޮންލައިންއަށް ލޯބިކުރާ އެތައް ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ ސީރީޒްގައި އެވާ ކަންތައްތައް ހަގީގަތަކަށް ވެދާނެ ކަމަށް މީހުން ގަބޫލު ކުރަން ފެށި ކަމަށެވެ.
ހަމަ ހަގީގަތުގައިވެސް ހާހުންހާހުން މީހުން އައިސް އަރެންނާ ސުވާލު ކުރަނީ، ސްވޯޑްސް އާޓު އޮންލައިން ބެލިހެއްޔޭ، ކޮންއިރަކުންހޭ ނާވްގިއާ ހަގީގަތަކަށް ހަދާނީ؟" މީހުންގެ ފަރާތުން އޭނާއަށް ލިބުނު ހިއްވަރު ފާހަގަކުރަމުން ލަކީ ލިޔެފައި ވެއެެވެ.
އެހެންނަމަވެސް މިއީ ހުރިހާ އެންމެންގެ ވިސްނުން މިކަމާ ދޭތެރޭގައި ހުރި ގޮތެއް ނޫނެވެ. އެގޮތުން ވީޑިއޯ ގޭމާއި ފިލްމުތަކާ ބެހޭގޮތުން ލިޔާ މަޝްހޫރު ލިޔުންތެރިޔާ ޕައުލް ތަސީ ވަނީ ލަކީގެ މި ޕުރޮޑަކްޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ފޯބްސް މެގަޒިންގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި އޭނާ ވަނީ ވީއާރު ޓެކްނޮލޮޖީ އަދިވެސް އުޅެނީ މަޖާ، މީހުންގެ މޫޑު ރަނގަޅުކޮށްލަދޭ ކަހަލަ ގޭމުތައް ކުޅުމަށް މީހުންނަށް ފަސޭހަ މަރުހަލާއަކަށް ދިއުމުގެ މަގުމަތީގައި ކަމަށާއި ގޭމު ކުޅޭ މީހާ މަރާލުމުގެ ގާބިލުކަން ލިބިފައިވާ ގޭމެއް ބަލައިނުގަންނަ ކަމަށެވެ.
އޭނާގެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ ސްވޯޑް އާތު އޮންލައިންގައި ވެސް ނާވް ގިއާ ހެލްމެޓު އަޅައިގެން މަޅިއެއްގައި ބެދުނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. އެ ގަންނަ މީހުން މަރާލުމުގެ ގާބިލުކަން ލިބިފައިވާ ހެލްމެޓެއް ކަމަށް ބުނެ އިޝްތިހާރު ކުރަމުން ހިނގީ ނޫން ކަމަށެވެ.
އަހަރެން ބަލަން މިހުރީ ޕްރައިވެޓު ރަށެއްގައި އޭނާ ބުލަޑް ސްޕޯޓު މުބާރާތެއް ބާއްވާތޯ ނޫނީ އޭނާގެ ވިސްނުމަށް އަންނަ އެކަހަލަ އެހެން ވިސްނުމެއް ހިފައިގެން ނުކުމޭތޯ،" މަލާމާތުގެ ރާގަކަށް އޭނާ ލިޔެފައި ވެއެވެ.

އޮކިއުލަސް ރިފްޓުގެ ކޯ ފައުންޑަރު، ޕާމާ ލަކީ
ތަސީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ލަކީގެ އުފެއްދުމަށަ ފާޑު ކިޔައި އޭނާގެ ވިސްނުން ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިފަދަ އުފެއްދުމެއް އުފެއްދީތީ ލަކީ ހުންނަން ޖެހޭނީ މުޅި އުމުރަށް ޖަލުގައި ކަމަށް އެއްބަޔަކު ބުނެފައި ވާއިރު، އަނެއްބަޔަކު ބުނެފައިވަނީ ކަމެއް ކުރުމުގެ ގާބިލުކަން މީހެއްގެ ހުރުމަކީ އެކަން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައި ވެސް އެތިކްސް ކިޔާ އެއްޗެއް އޮންނަ ކަމަށެވެ.
ފުރާނައަށް ނުރައްކާވާ ފަދަ އެތައް ކުޅިވަރެއް މިހާރުވެސް ކުޅޭ
ތަފާތު އެކި ޕުލެޓުފޯމުތަކުގައި ލަކީގެ މި އީޖާދީ އުފެއްދުމަށް ފާޑުކިޔަމުންދާ މީހުންނަށް އޭނާގެ ރައްދެއް އެބަ އޮތެވެ. ރައްދުގައި އޭނާ ބުނަނީ މިހާރުވެސް ދުނިޔޭގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ތަފާތު ކުޅިވަރުތައް ކުޅެމުންދާ ކަމަށާއި ނުރައްކާ ބޮޑުވި ވަރަކަށް އެ ކުޅިވަރުތަކަށް ލިބޭ މަގުބޫލުކަން ވެސް ބޮޑު ކަމަށެވެ.
މީހަކު ކުރި ޓުވީޓަކަށް ރައްދު ދެމުން ލަކީ ބުނީ ބޭސް ޖަމްޕިން އަކީ ވެސް އެހާ ނުރައްކާތެރި ކުޅިވަރެއް ކަމަށާއި އަހަރެއްގެ މައްޗަށް ފަންސާހަކަށް މީހުން އެ ކުޅިވަރު ކުޅެގެން މަރުވާ ކަމަށެވެ.
ބޭސް ޖަންޕިންއަކީ އުސް ފަރުބަދަތައް ނުވަތަ އުސް އިމާރާތްތައް ފަދަ ތަންތަނަށް އަރާ ފުންމުމުމެވެ. ސްކައި ޑައިވިންއާ ހިލާފަށް ބޭސް ޖަންޕިންގައި ފުންމާލަނީ މާ ތިރިން ކަމުގައި ވާތީ މި ކުޅިވަރުގައި ނުރައްކާ މާ ބޮޑެވެ.

ލަކީގެ ކައިވެނީގެ ހަދިޔާއަކަށް ސްވޯޑް އާޓު އޮންލައިން ލިޔުނު ރެކީ ދީފައިވާ ހަދިޔާއެއް. ލަކީގެ އުފެއްދުމަށް އޭނާ ވަރަށް ތައުރީފު ކުރި ކަމަށް ލަކީ ބުނޭ
މި ނޫނަސް ފުރާނައަށް ނުރައްކާވާ ފަދަ އެތައް ކުޅިވަރެއް ދުނިޔޭގެ އެކި ކަންކޮޅުގައި ކުޅެމުން ދެއެވެ. އެހެންނަމަވެސް ގިނަ މީހުންގެ ކަންބޮޑުވުމަކީ ގޭމު ކުޅުމަކީ ކުޑަކުދިންވެސް ކުރާ ކަމަކަށް ވެފައި ކޮންމެވެސް ގޮތަކުން މިފަދަ އުފެއްދުންތަކުގެ ސަބަބުން އެކުދީންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. އަދި މިހާތަނަށް މި އުފެއްދުން ވިއްކަން ބާޒާރަށް ނެރުމުގެ ވިސްނުމެއް ލަކީ ނުގެންގުޅުނު ނަމަވެސް އެހެން ބަޔަކުވިޔަސް މީގެ ބޭނުން ނަހަމަ ގޮތުގައި ހިފާފާނެ ކަމަށް ގިނަ މީހުން ދެކެ އެވެ.







