މެލްބާން، އޮސްޓްރޭލިއާ (ނޮވެމްބަރު 6) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ އިންޑިއާ އާއި ޕާކިސްތާނުން ހޯދައިފި އެވެ.
ސުޕަ 12 (ގަދަ 12) ގައުމުގެ ބުރުގެ ފަހު މެޗުތައް މިއަދު ކުޅުނުއިރު، ކުރިއަށްދިޔައި ގްރޫޕް ދޭއްގެ ފަހު ތިން މެޗެވެ. އެ ގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އިން 13 ލަނޑުން، ދެކުނު އެފްރިކާ ބަލިކުރުމާ އެކު، ޕާކިސްތާނާއި ބަންގްލަދޭޝް ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެ ޖާގަ ހޯދީ ބަންގްލަދޭޝް އަތުން ފަސް ވިކެޓުން މޮޅުވެގެން ޕާކިސްތާނުންނެވެ.
އިންޑިއާ އިން ވަނީ ފަސޭހަކަމާ އެކު، ޒިމްބާބްވޭ އަތުން 71 ލަނޑުން މޮޅުވެ، ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅެން ތައްޔާރުވެފަ އެވެ. އަނެއް ސެމީގައި ޕާކިސްތާން ކުޅޭނީ ނިއު ޒީލެންޑާ އެވެ.

ނެދަލެންޑްސްގެ ކުޅުންތެރިން ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.
އަޑެލެއިޑްގެ އޯވަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ނިންމީ ފީލްޑް ކުރުމަށެވެ. ނެދަލެންޑްސް އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން 158 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 26 ބޯޅައިން 41 ލަނޑު ހެދި ކޮލިން އެކާމަން އެވެ.
ޖަވާބުގައި ދެކުނު އެފްރިކާ އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. މި އިނިންސްގައި ނެދަލެންޑްސްގެ ބްރެންޑޮން ގްލޯވާ ތިން ވިކެޓް ނެގިއިރު، ފްރެޑްރިކް ކްލާސެން އަދި ބާސް ޑެލީޑް ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން ނިންމީ ކުޅެން އެރުމަށެވެ. ބަންގްލަދޭޝް އިން 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 54 ލަނޑު ހެދި ނަޖްމުލް ހުސެއިން ޝާންޓޯ އެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ޝާހީން އަފްރީދީ ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ. ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި، 18.1 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 128 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.
މި މެޗުގައި ޕާކިސްތާންގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ ކެޕްޓަން، ބާބަރު އާޒަމް އާއި މުހައްމަދު ރިޒްވާން ވަނީ ރަނގަޅު ސްކޯއެއްކޮށްފަ އެވެ.

ޒިމްބާބްވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އިންޑިއާގެ ހާޑިކް ޕާންޑްޔާ ބޯޅަ ފޮނުވާލަނީ.
މެޗުން މޮޅުވާނެ ކަމަށް ކުރިން ވެސް ބެލެވިފައި އޮތް، އިންޑިއާ އިން ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ.
މެލްބާންގެ ކްރިކެޓް ގްރައުންޑްގައި ކުޅުނު މެޗުގައި އިންޑިއާ އިން ވަނީ 20 އޯވަރުގެ ތެރޭގައި ފަސް ކުުޅުންތެރިން ނުބައިވެގެން 186 ލަނޑު ހަދައިފަ އެވެ.
އިންޑިއާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 25 ބޯޅައިން 61 ލަނޑު ހެދި ސޫރްޔަކުމާރް ޔާދަވް އާއި 35 ބޯޅައިން 51 ލަނޑު ހެދި ކޭއެލް ރާހުލް އެވެ. މި މުބާރާތުގައި ވިދަމުން އައި އިންޑިއާގެ ތަރި، ވިރާތު ކޯލީ އަށް މި މެޗުގައި ހެދުނީ 25 ބޯޅައިން 26 ލަނޑެވެ.
ޖަވާބުގައި ޒިމްބާބްވޭ އިން ކުޅެން އަރައި، 17.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ. މި މެޗުގައި އިންޑިއާގެ ބޯލަރު، ރަވިޗަންދުރަން އަޝްވިން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ދެ ވަނަ ގްރޫޕްގެ ހުރިހާ މެޗެއް ނިމުނުއިރު، އިންޑިއާ އެއް ވަނަ ހޯދީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމި ޕާކިސްތާން އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމި ދެކުނު އެފްރިކާގެ އޮތީ ފަސް ޕޮއިންޓެވެ. ހަތަރެއްގައި އޮތް ނެދަލެންޑްސް އަށް ވަނީ ފަސް ވަނައިގައި އޮތް ބަންގްލަދޭޝާ އެއްވަރަށް ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް ޒިމްބާބްވޭގެ އޮތީ ތިން ޕޮއިންޓެވެ.












