މިއުނިކް (ނޮވެމްބަރު 5) - ޖަރުމަނު ލީގުގައި މިރޭ ހާތާ ބާލިން އަތުން 3-2 އިން އުނދަގޫ މޮޅެއް ހޯދައި، ބަޔާން މިއުނިކުން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ލީގުގެ ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން 3-0 އިން ބޮކުމް ބަލިކުރި މެޗުގައި އެ ޓީމުގެ ޒުވާން ތަރި ޔޫސެފާ މޫކޯކޯ ރެކޯޑެއް ހަދައިފި އެވެ.
ބަޔާން އެއް ވަނަ އަށް ޖެހިލީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ބަޔާ ލެވަކޫސަން ދަނޑުގައި މޮޅުވެގެން ޔޫނިއަން ބާލިން އަށް އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް 13 މެޗުން ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.
ބާލިން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 38 މިނިޓް ތެރޭ ބަޔާނުން ތިން ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމަށް ގޯލު ހުޅުވައިދިނީ މެޗުގެ 12 ވަނަ މިނިޓްގައި ސަޑިއޯ މާނޭ ދިން ބޯޅައަކުން އޭރިއާތެރެއިން ޒުވާން ފޯވާޑް، ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. މެޗުގެ 37 އާއި 38 ވަނަ މިނިޓްގައި ހާތާ ބާލިން ޑިފެންސް ތެރެއިން ލިބުނު ފަޅި ފުރުސަތުތަކުގެ ބޭނުންހިފައި، ބަޔާންގެ ކެމަރޫންގެ ފޯވާޑް އެރިކް މެކްސިމް ޗުޕޯ-މޯޓިން ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ތިން ގޯލުގެ ލީޑެއް ނެގުނު ކަމުގައި ވިޔަސް ބަޔާނަށް ހަމަޖެހިލައިގެން ފުރަތަމަ ހާފު ވެސް ނިންމައިނުލެވުނެވެ. އެ ގޮތުން މެޗުގެ 40 ވަނަ މިނިޓްގައި ހާތާ ބާލިންގެ ޑޯޑީ ލުކެބޭކިއޯ ވަނީ ވޮލީ އަކުން ލަނޑެއް ޖަހައި އެ ޓީމަށް ދިރުމެއް ގެނެސްދީފަ އެވެ. އޭގެ ފަހުން، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެނަލްޓީ އަކުން ހާތާ ބާލިންގެ ޑޭވިޑް ސެލްކޭ ވަނީ ގޯލެއް ޖަހައި، ބަޔާންގެ ލީޑު އެއް ގޯލަށް ކުޑަކޮށްފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ބަޔާނުން ރަނގަޅަށް ޑިފެންސްކޮށް، ހާތާ ބާލިން އިތުރު ގޯލެއް ޖެހިޔަނުދީ ވަނީ މެޗުން މޮޅުވެފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބަޔާންގެ ފުލްބެކް، އަލްފަންސޯ ޑޭވިސް ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރިއިރު، މިއީ މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ ކެނަޑާ ޓީމަށް ބޮލުގެ ރިހުމެކެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ރަނގަޅު ލީޑެއްގައި އޮވެ، ޕްރެޝަރަށް ދާން ޖެހުމުން ކަންބޮޑުވި ކަމަށާއި އެކަމަކު، މެޗުން މޮޅުވާން ކުރަން ޖެހޭ މަސައްކަތް ދެ ވަނަ ހާފުގައި ރަނގަޅަށް ދިއުމުން އެއީ ހިތްހަމަޖެހޭ ސަބަބެއް ކަމަށެވެ. ޑޭވިސްގެ އަނިޔާއާ ބެހޭގޮތުން ނާގަލްސްމަން ބުނީ، ތަފްސީލް މައުލޫމާތެއް ދެވޭނީ ޓެސްޓްތަކަށް ފަހު ކަމަށެވެ.

ޑޯޓްމަންޑްގެ ޔޫސެފާ މޫކޯކޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
މިރޭގެ މެޗުގައި ޑޯޓްމަންޑަށް އަށް ވަނަ މިނިޓްގައި ލީޑުނަގައިދިނީ އޭރިއާ ބޭރުން މޫކޯކޯ ޖެހި ގޯލުންނެވެ. އެ ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އޭގެ ހަތަރު ވަނަ މިނިޓްގައި، ޖިއޮވާނީ ރޭނާ، 19، ވަނީ ޕެނަލްޓީ އަކުން ގޯލެއް ޖަހައި، ޑޯޓްމަންޑަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ޑޯޓްމަންޑްގެ ޑޮންޔެލް މާލެން އަށް އޭރިއާތެރެއިން ބޮކުމްގެ ފިލިޕް ހޮފްމަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބޮކުމްގެ ކީޕަރު މެނުއަލް ރައިމަން ކުރިއަށް ޖެހި ހުރި ވަގުތެއްގައި ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލީ މެޗުގައި މޮޅު ކުޅުމެއް ދެއްކި، 17 އަހަރުގެ މޫކޯކޯ އެވެ.
ކެމަރޫނަށް އުފަން ނަމަވެސް ޖަރުމަނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މޫކޯކޯ އަކީ މިރޭގެ ދެ ގޯލާ އެކު ޖަރުމަނު ލީގުގައި 10 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެެވެ. ދިހަ ގޯލު ހަމަކުރިއިރު، މޫކޯކޯގެ އުމުރަކީ 17 އަހަރާއި 350 ދުވަހެވެ.
މޫކޯކޯ އަކީ ކައި ހަވާޓްޒް އާއި ޓިމޯ ވާނާ އަށް ފަހު ޖަރުމަނު ލީގުގެ އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ޑޯޓްމަންޑް ސަޕޯޓަރުންގެ މަޝްހޫރު ސަރަހައްދު ޔެލޯ ވޯލްގައި މިރޭ އެ ޓީމުގެ ސަޕޯޓަރުން ވަނީ ގަތަރު ވޯލްޑް ކަޕާ ދެކޮޅަށް ޝުއޫރުފާޅުކޮށްފަ އެވެ. އެ ގޮތުން ޑޯޓްމަންޑް ސަޕޯޓަރުން "ބޮއިކޮޓް ގަތަރު 2022" ޖަހާފައިވާ ބެނާއެއް ދަމާފައިމިވަނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން ނެރުނު ބަޔާނަކަަށް ރައްދުދިނުމުގެ ގޮތުންނެވެ. ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަތަރުގެ ވޯލްޑް ކަޕާ ގުޅުވައިގެން ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި "ފުޓްބޯޅަ އަށް ފޯކަސް" ކުރުމަށެވެ.
ޖަރުމަނު ލީގުގައި މިރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އާރްބީ ލައިޕްޒިގުން ވަނީ ހޮފެންހައިމް ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ. އޯގްސްބާގް ދަނޑުގައި 2-1 އިން ފްރޭންކްފާޓް މޮޅުވިއިރު، ވާޑާ ބްރެމެން އިން ވަނީ 2-1 އިން ޝާލްކާ ބަލިކޮށްފަ އެވެ.












