ސިޑްނީ (ނޮވެމްބަރު 5) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން ސްރީ ލަންކާ ހަތަރު ވިކެޓުން ބަލިކޮށް، އިންގްލެންޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންގްލެންޑްގެ މި މޮޅާ އެކު، އެންމެ ފަހުގެ ޗެމްޕިއަން، އޮސްޓްރޭލިއާ ވަނީ ކަޓައިފަ އެވެ. ސުޕަ 12 (ގަދަ 12) ގައުމު ވާދަކުރާ ބުރުގެ އެއް ވަނަ ގްރޫޕުން ސެމީ ފައިނަލަށް ދަތުރުކުރީ ނިއު ޒީލެންޑާއި އިންގްލެންޑް އެވެ.
މި ގްރޫޕްގެ ރޭންކިން އަށް ބަލާއިރު، ނިއު ޒީލެންޑާއި އިންގްލެންޑް އަދި އޮސްޓްރޭލިއާ އަށް ވެސް ލިބުނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. އެކަމަކު، ނެޓް ރަން ރޭޓަށް ބަލާއިރު، ނިއު ޒީލެންޑާއި އިންގްލެންޑްގެ ރަނގަޅު ސްކޯއެއް އޮތުމުން، ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލި، އޮސްޓްރޭލިއާ ކެޓީ އެވެ.
ލަންކާ މުބާރާތް ނިންމާލީ ގްރޫޕްގެ ހަތަރު ވަނައިގައި ފަސް މެޗުން ހަަތަރު ޕޮއިންޓާ އެކު އެވެ. ފަސް ވަނަ އަށް ދިޔަ އަޔަލެންޑަށް ފަސް މެޗުން ތިން ޕޮއިންޓް ލިބުނުއިރު، އެންމެ ފުލަށްދިޔަ އަފްގާނިސްތާންގެ ފަސް މެޗުން އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ.

އިންގްލެންޑް ޓީމުގެ ސްޓޯކްސް: އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.
މަޝްހޫރު ސިޑްނީ ކްރިކެޓް ގްރައުންޑްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ލަންކާ އިން ނިންމީ ކުޅެން އަރާށެވެ.
ލަންކާ އިން 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 141 ލަނޑެވެ. ލަންކާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޕަތުމް ނިސަންކާ އެެވެ. އޭނާ ނުބައިވިއިރު، 45 ބޯޅައިން 67 ލަނޑު ހެދި އެވެ. ލަންކާގެ އިނިންގްސްގައި އިންގްލެންޑްގެ އާދިލް ރާޝިދު ރަނގަޅަށް ކުޅުނުއިރު، އެ ޓީމުގެ މާކް ވުޑް ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި އިންގްލެންޑުން ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހަދައި މެޗުން މޮޅުވި އެވެ.
އިންގްލެންޑްގެ ފުރަތަމަ ތިން ބެޓްސްމަނުން ވެސް މި މެޗުގައި އެވްރެޖްކޮށް ރަނގަޅަށް ސްކޯކުރި އެވެ. އެ ގޮތުން އަލެކްސް ހޭލްސް ވަނީ 30 ބޯޅައިން 47 ލަނޑު ހަދައިފަ އެވެ. އިންގްލެންޑްގެ ކެޕްޓަން، ޖޯޝް ބަޓްލާ 28 ލަނޑު ހެދިއިރު، ނުބައިނުވެ، ބެން ސްޓޯކްސް ވަނީ 36 ބޯޅައިން 42 ލަނޑު ހަދައިފަ އެވެ.
ލަންކާގެ ވަނިންދޫ ހަސަރަންގާ، ދަނަންޖާޔާ ޑަ ސިލްވާ އަދި ލަހިރު ކުމާރާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ. އެކަމަކު، އިންގްލެންޑް ބަލިކޮށްލެވޭ ވަރުގެ ހިތްވަރެއް ލަންކާ އަށް ނުދެއްކުނެވެ.
މިހާރު އޮތްގޮތުން ސެމީ ފައިނަލުގައި އިންގްލެންޑާ ކުޅުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ އިންޑިއާ އެވެ. އިންޑިއާ އިން މާދަމާ ޒިމްބާބްވޭ އަތުން މޮޅުވެއްޖެނަމަ ގްރޫޕް ދޭއްގެ އެއް ވަނަ ޔަގީންވާނެ އެވެ.












