ސިޑްނީ، އޮސްޓްރޭލިއާ (ނޮވެމްބަރު 4) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާގެ މައްޗަށް 33 ލަނޑުން ކުރިހޯދައި، ޕާކިސްތާނުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ފުރަތަމަ ދެ މެޗުން ޕާކިސްތާން ވަނީ އިންޑިއާ އާއި ޒިމްބާބްވޭ އަތުން ބަލިވެފަ އެވެ. އެކަމަކު، ދެން ކުުޅުނު ދެ މެޗުން ނެދަލެންޑްސް އާއި ދެކުނު އެފްރިކާ އަތުން މޮޅުވެ، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނި ސެމީ އަށް ދިއުމުގެ އުންމީދު ވަނީ ދަމަހައްޓައިފަ އެވެ.
ސުޕަ 12 (ގަދަ 12) ޓީމު ވާދަކުރާ ބުރުގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު އިންޑިއާ އެވެ. ދެ ވަނައިގައި އޮތް ދެކުނު އެފްރިކާ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕާކިސްތާނާއި ހަތަރެއްގައި އޮތް ބަންގްލަދޭޝަށް ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޕާކިސްތާނަށް ކުރި ލިބެނީ ނެޓް ރަން ރޭޓަށް ބަލައިގެންނެވެ. ފަސް ވަނައިގައި އޮތް ޒިމްބާބްވޭ އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާ އެކު ނެދަލެންޑްސް އެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.
ޕާކިސްތާނަށް އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދެވެން ނެތެވެ. އެ ޓީމަށް ސެމީގެ ޖާގަ ލިބެން އޮތީ އެ ޓީމު ބަންގްލަދޭޝް އަތުން މޮޅުވެ، އިންޑިއާ ނޫނީ ދެކުނު އެފްރިކާ ފަހު މެޗުން މޮޅެއް ނުލިބިގެންނެވެ. އިންޑިއާ ފަހު މެޗުގައި ޒިމްބާބްވޭއާ ކުޅޭއިރު، ދެކުނު އެފްރިކާ ކުޅޭނީ ނެދަލެންޑްސްއާ އެވެ.
ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރު ހަމަވިއިރު، ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 185 ލަނޑެވެ. އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ ހާފް ސެންޗަރީ ހެދި ދެ ކުޅުންތެރިން ކަަމަށްވާ ސައްދާބު ހާން އާއި އިފްތިކާރު އަހުމަދު އެވެ. ސައްދާބު ވަނީ 22 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. އަދި އިފްތިކާރު ވަނީ 35 ބޯޅައިން 51 ލަނޑު އެއްކޮށްފަ އެވެ.
ޖަވާބުގައި ދެކުނު އެފްރިކާ އިން ކުޅެން އަރައި، މައްސަލަ ދިމާވީ ވިއްސާރައިގެ ސަބަބުން މެޗު ހުއްޓާލަން ޖެހި، ދެކުނު އެފްރިކާ މެޗުން މޮޅުވާން ހޯދަން ޖެހޭ ސްކޯ، ޑަކްވާތު ލެވިސް-ސްޓާން މެތަޑުން ބަލައި، 142 ލަނޑަށް ހެދި އެވެ. އެއީ 14 އޯވަރާ ހަމައަށް ކުޅޭ ގޮތަށެވެ. އެ ގޮތަށް މެޗު ކުރިއަށް ގެންގޮސް، ދެކުނު އެފްރިކާ އަށް ހެދުނީ 108 ލަނޑެވެ.
ބެޓިން އަށް ބަލާއިރު، ދެކުނު އެފްރިކާ އަށް މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 19 ބޯޅައިން 36 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ޓެމްބާ ބަވޫމާ އެވެ.












