ލަންޑަން (ނޮވެމްބަރު 3) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުންދާ ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަން ސޮން ހެއުން-މިން އަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަންޖެހި، ވޯލްޑް ކަޕަށް އޭނާ ފިޓުވާނެކަމުގެ ޔަގީންކަން ގެއްލިއްޖެ އެވެ.
ސޮން، 30، ގެ ކަނާތު ލޮލުގެ ކަށިގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި މިދިޔަ އަަންގާރަ ދުވަހުގެ ރޭ މާސޭ އަތުން ޓޮޓެންހަމް މޮޅުވި މެޗުގަ އެވެ.
ޓޮޓެންހަމް އިން ނެރުނު ބަޔާނެއްގައި ބުނީ ސޮން އަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދަންޖެހޭ ކަމަށެވެ.
"ސަޕޯޓަރުންނަށް އަޕްޑޭޓްތަައް (އެންމެ ފަހުގެ މައުލޫމާތުތައް) ހިއްސާކުރަމުން ދާނަން،" ޓޮޓެންހަމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އަނިޔާއާ ގުޅިގެން، ވޯލްޑް ކަޕަށް ސޮން ފިޓުވާނެކަމުގެ ޔަގީންކަމެއް ނެތެވެ. މިއީ ދެކުނު ކޮރެއާގެ ޓީމަށް ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.
ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ އުރުުގުއޭއާ ދެކޮޅަށެވެ. މި ގުރޫޕްގައި ދެން އޮތީ ގާނާ އާއި ޕޯޗުގަލް އެވެ.
ޓޮޓެންހަމަށް ޕްރިމިއާ ލީގުގެ 245 މެޗުން 96 ގޯލު ޖަހާފައިވާ ސޮން މިދިޔަ ސީޒަނުގައި ވަނީ ރަން ބޫޓު ވެސް ހާސިލްކޮށްފަ އެވެ. އެކަމަކު، މި ފަހަރު ލީގުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަން ސޮން އަށް ވަނީ އުނދަގޫވެފަ އެވެ. ސޮން ނެތި ޓޮޓެންހަމް އިން ލީގުގައި އެންމެ އަވަހަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށެވެ.












