ބްރިސްބޭން، އޮސްޓްރޭލިއާ (ނޮވެމްބަރު 2) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ދެ ވަނަ މޮޅު ހޯދައި، ސްރީ ލަންކާ އާއި އިންގްލެންޑުން ސެމީ ފައިނަލްގެ އުންމީދު ދަމަހައްޓައިފި އެވެ.
ސުޕަ 12 ބުރުގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކު ނިއުޒީލެންޑް އެވެ. ދެ ވަނައިގައި އޮތް އިންގްލެންޑާއި ތިން ވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ވެސް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ޓީމު ރޭންކްކޮށްފައި ވަނީ ނެޓް ރަން ރޭޓަށް ބަަލައިގެންނެވެ.
ލަންކާ ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އަޔަލެންޑަށް ހަތަރު މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު މެޗުން ދެ ޕޮއިންޓާ އެކު ފުލުގައި އޮތް އަފްގާނިސްތާން ވަނީ ކަޓައިފަ އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ގެބާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަފްގާނިސްތާނަށް ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމަށް 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. ޖަވާބުގައި ލަންކާ އިން ކުޅެން އަރަައި، 18.3 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން، 148 ލަނޑު ހަދައި، ހަ ވިކެޓުން މެޗު ކާމިޔާބުކުރީ އެވެ.
މި މެޗުގައި ލަންކާގެ ސްޕިނަރު، ވަނިންދު ހަސަރަންގާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 66 ލަނޑު ހެދި ދަނަންޖަޔާ ޑި ސިލްވާ އެވެ.
ލަންކާ އަށް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ފަހު މެޗުގައި އިންގްލެންޑް އަތުން މޮޅުވެ، އަފްގާނިސްތާނުން އޮސްޓްރޭލިއާ ބަލިކޮށްފިނަމަ އެވެ.
އިންގްލެންޑުން ފުރަތަމަ މެޗުގައި ވަނީ އަފްގާނިސްތާން ބަލިކޮށްފަ އެވެ. އެކަމަކު، ދެ ވަނަ މެޗުން ވަނީ އަޔަލެންޑް އަތުން ބަލިވެފަ އެވެ. އިންގްލެންޑްގެ ތިން ވަނަ މެޗު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދިޔަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވުމުންނެވެ.
މުބާރާތުގައި އިއްޔެ އިންގްލެންޑުން ފޯރިގަދަ ކުޅުމަކަށް ފަހު ނިއު ޒީލެންޑް ބަލިކުރީ 20 ލަނޑުންނެވެ. ޓޮސް ދިމާވުމުން މި މެޗުގައި އިންގްލެންޑުން ނިންމީ އެ ޓީމުގެ ބެޓްސްމަނުންގެ ފައިދާނެގުމުގެ ގޮތުން ފުރަަތަމަ ކުޅެން އަރާށެވެ.

ނިއު ޒީލެންޑާ ދެކޮޅަށް އިންގްލެންޑުން ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން ޖޯޝް ބަޓްލާ: ބަޓްލާ ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔަކަށް ހޮވިފައި.
ބަލިވެއްޖެނަަމަ މުބާރާތުން ކަޓާނެކަން އިންގްލެންޑަށް ކުރިން ވެސް އެނގިފައި އޮތުމުން އެ ޓީމު މެޗު ފެށީ ވެސް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގަ އެވެ. އިންގްލެންޑުން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 47 ބޯޅައިން 73 ލަނޑު އެއްކުރި ޖޯޝް ބަޓްލާ އެވެ. ބަޓްލާއާ އެކު އޯޕަނިން ބެޓްސަމަނަކަށް އެރި، އަލެކްސް ހޭލްސް ވެސް ޑިފެންސިވް ވިސްނުމެއްގައި ކުޅެ، ނުބައިވިއިރު ވަނީ 40 ބޯޅައިން 52 ލަނޑު އެއްކޮށްފަ އެވެ.
ނިއު ޒީލެންޑަށް ޕްރެޝަރު ބޮޑުވީ އެ ޓީމުގެ އޯޕަނިން ބެޓްސްމަނުންނަށް ރަނގަޅު ސްކޯއެއް ނުކުރެވި ނުބައިވުމުންނެވެ. ނިއު ޒީލެންޑަށް ދިރުމެއް ލިބުނީ ކޭން ވިލިއަމްސަން އާއި ގްލެން ފިލިޕްސް ކުޅެން އަރައި، އެ ޕާޓްނަޝިޕުން ރަނގަޅު ސްކޯއެއް ކުރުުމުންނެވެ. ނުބައިވިއިރު، ވިލިއަމްސަން ވަނީ 40 ބޯޅައިން 40 ލަނޑު އެއްކޮށްފަ އެވެ. ފިލިޕްސް ނުބައިވީ 36 ބޯޅައިން 62 ލަނޑު އެއްކޮށްފައި އޮއްވަ އެވެ.
ނިއު ޒީލެންޑަށް 20 އޯވަރު ހަމަވިއިރު، އެއްކުރެވުނީ ހަ ކުޅުންތެރިން ނުބައިވެގެން، 159 ލަނޑެވެ. އިންގްލެންޑްގެ ސޭމް ވޯކްސް އާއި ކްރިސް ކުރަން، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ. އިންގްލެންޑްގެ މޮއީން އަލީ ވެސް މި މެޗުގައި ލިބުނު ފުރުސަތުގައި ރަނގަޅަށް އުކި އެވެ.
ފަހު މެޗުގައި ލަންކާ އަތުން މޮޅުވެގެން، އިންގްލެންޑަށް ވެސް ސެމީ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ.












