ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ސަރުކާރުން އެ ގައުމާ އެއްކޮޅަށް އެރި އެރުން ދިފާއުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާހަކަ ދައްކަވަން ފެއްޓެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އޭނާއާ ދެމެދު އަރައިރުމެއް ހިނގައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ހުސައިން ޗާގޯސް މައްސަލައިގެ ތެރެއަށް ވަޑައިގެންނެވީ އޭނާގެ ކުރިން ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ރައްދު ދެއްވުމަށެވެ. މަޖިލީހުގައި އެ ވަގުތު ބަހުސްކުރަމުން އައީ އެހެން ނަމަވެސް އެ މައްސަލައަކަށް ނޫނެވެ.
އިބްރާހީމް ރަޝީދަށް ރައްދު ދެއްވަމުން ހުސައިން ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް މެމްބަރުން ވާހަކަދައްކަވާ އިރު، އެ މައްސަލައިގައި ސަރުކާރުން މޮރިޝަސްއަށް ތާއީދުކުރުމުން ރާއްޖެއަށް ވާ ފައިދާ އެނގޭތޯ ސުވާލު އުފެދޭ ކަމަށެވެ.
އެ ހިސާބުން އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވައި، ރިޔާސަތުން ނަޝީދު ވިދާޅުވީ ހުސައިން ފާހަގަކުރައްވާ ނުކުތާތަކާ ގުޅިގެން ޗާގޯސް މައްސަލައިގެ މައުލޫމާތު އެމަނިކުފާނު އިތުރަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ޗާގޯސް މައްސަލައިގައި ވަކި ގޮތަކަށް ކުލަޖައްސަވަން އުޅުއްވާ ނަމަ އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އެމަނިިކުފާނު ވިދާޅުވި އެވެ.
"އިއްޒަތްތެރި މެމްބަރުގެ ނުކުތާއަކީ ގޮތަކަށް ކެމޮފްލާޖް ކުރެއްވުން ކަމަށް ފެނިވަޑައިގަންނަވާ ނަމަ އެ ޕްރޮޖެކްޓް މުޅިން ކާމިޔާބުނުވާނެކަން އަޅުގަނޑު ފާހަގަކުރަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް ރައްދު ދެއްވަމުން ހުސައިން ވިދާޅުވީ "ކާމިޔާބުނުވާނެ ޕްރޮޖެކްޓަކާ" އެކު އެމަނިކުފާނާ ކުރިމަތިނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު ކުރިމަތިލައިފިއްޔާ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބުކުރާނަން،" ހުސައިން ވިދާޅުވި އެވެ.
ދެވަނަ ފަހަރަށް އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވާފައި ނަޝީދު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭނެ ގޮތެއް ވިދާޅުވެ ދެއްވައިފި ނަމަ އެއީ ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ.
ހުސައިން ރައްދު ދެއްވަން މަސައްކަތް ކުރެއްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބުމުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭ ކަމަށް ވިދާޅުވެ، އިބްރާހީމް ރަޝީދު ދެއްކެވި ވާހަކައަށް ކަމަށް ނަޝީދު ދެކެވަޑައިގެންނެވީ ކަމަށް ބެލެވެ އެވެ.
ތިން ވަނަ ފަހަރަށް ލިބިވަޑައިގެންނެވި ކުރު ފުރުސަތުގައި ހުސައިން ވިދާޅުވީ މި ސަރަހައްދުގެ (އެހެން) ގައުމުތަކުގެ ބައިބަޔަކީ ރާއްޖޭގެ ތަންތަން ކަމަށް ވިދާޅުވެ، އޭނާ ވާހަކަ ނުދައްކަވާނެ ކަަމަށެވެ.
"އިއްޒަތްތެރި މެމްބަރު އަނެއްކާ ވެސް އަޅުގަނޑު ހަދާންކޮށް އަރުވަން ޖެހޭނީ، ޗާގޯސްރައްތަކަކީ އެއްވެސް ގައުމެއްގެ ސަރަހައްދުގައި ހިމެނޭ ރައްތަކެއްގެ ގޮތުގައެެއް ބައިނަލް އަގުވާމީ އެއްވެސް ތަނެއްގައި ކަނޑައެޅިފައެއް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.
އެއީ ރާއްޖޭގެ ބޯޑަރާ ގުޅިފައި އޮތް ތަނެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ވެސް އެއާ އެކު ތަކުރާރުކުރެއްވި އެވެ. ރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ. މަޖިލީހުގެ ރިޔާސަތު ބަލަަހައްޓަވާ ބޭފުޅެއްގެ ހައިސިއްޔަތުން މެމްބަރުންނަށް އެކަން ފާހަގަކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަަމަށް ވެސް ވިދާޅުވި އެވެ.
"ޗާގޯސް ރައްތަކަކީ އެހެން ގައުމެއްގެ ސަރަހައްދެއް ނޫން. އަޅުގަނޑު ދަންނަވައިފިން އެެހެން ގައުމެއްގެ ސަރަހައްދާ ބެހޭ ގޮތުން މިތާގައި އެއްވެސް ބަހުސެއް ހިންގުމަކަށް އަޅުގަނޑު ފުރުސަތެއް ނާރުވާނަމޭ. ޗާގޯސްގެ ރަށްތަކީ އެހެން ބައެއްގެ ސަރަހައްދުކަމުގައި މިތަނުގައި ވިދާޅެއް ނުވެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ހުސައިން އަށް ހަތަރު ވަނަ ފަހަރަށް ފުރުސަތު ލިބުމުން އޭނާ ވިދާޅުވީ މެމްބަރުން ދައްކަވާ ވާހަކަތައް ނަޝީދަށް ސާފުވެވަޑައިގަންނަވާނީ ދައްކަވާ ވާހަކަ އަޑު އެއްސެވީމާ ކަމަށެވެ.
"ޝުކުރިއްޔާ އިނގޭތޯ. މި މަޖިލިސް މިހާރު ހިނގަމުން މިދާ ގޮތް ވަރަށް ރަނގަޅުކަމަށް އަޅުގަނޑު ދެކެނީ. އެއީ ސުވާލާ ޖަވާބުގެ ގޮތަަކަށް މެމްބަރުންގެ ފުރުސަތު ބަދަލުވެގެން ދިޔައިމާ،" ހުސައިން ވިދާޅުވި އެވެ.
އެއަށް ފަހު އޭނާ ދެއްކެވީ ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮންނަ ގުޅުން ބަދަހިވެެއްޖެ ނަމަ ރާއްޖެއަށް ވާންހުރި ފައިދާތަކުގެ ވާހަކަ އެވެ. ރާއްޖޭން މިހާރު ކަނޑުމަސް އެކްސްޕޯޓްކުރާ ތައިލެންޑަށް ގެންދިއުމުގެ ބަދަލުގައި މޮޮރިޝަސްއަށް އަށް ގެންދާ ނަމަ އެކަމަށް ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ވާހަކަ ނިންމަވައިލައްވަމުން އޭނާ ވިދާޅުވީ ދައްކަވަން އުޅުއްވީ ނަޝީދު ހީފުޅުކުރެއްވި ވާހަކަ ނޫން ކަމަށެވެ.













