ލޮސް އެންޖެލްސް (ނޮވެމްބަރު 1) - ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމުގެ މަސައްކަތުގައި އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ބޮޑު ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީ 35، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް، މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މެސީ ހޯދުމަށް މި ވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، ބާސެލޯނާގެ އިތުރުން އެމެރިކާ ލީގުގެ އިންޓަ މަޔާމީ އިންނެވެ. އެ ގޮތުން މެސީ ގެންދިޔުމާއި ގުޅޭ މަޝްވަރާތަކުގެ މުހިންމު ބައިތައް މިހާރު ނިމިފައިވާ ކަމަށާއި، ބާކީ ނިންމަން ހުރި ކަންކަން ކުރިއަށް އޮތް ވޯލްޑް ކަޕަށް ފަހު ފުރިހަމަވާނެ ކަމަށް އެމެރިކާގެ މީޑިއާ ތަކުން ރިޕޯޓު ކުރެ އެވެ.
ކެރިއަރު ނިންމާލުމުގެ ކުރިން އެމެރިކާ ލީގުގައިި ކުޅެން ޝައުގުވެރިވާކަން މެސީ، މީގެ ކުރިން ހާމަކޮށްފައިވީ ނަމަވެސް އޭނާ ދެން އެންމެ ބޭނުންވަނީ އާޖެންޓީނާގައި އޭނާ ކެރިއަރު ފެށި ކުލަބު ކަމަށްވާ ނިއުވެލްސް އޯލްޑް ބޯއީސް އަށް ކުޅެން ކަމަށް މެސީގެ އާއިލާއާ ހަވާލާދީ އާޖެންޓީނާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މެސީގެ ކޮންޓްރެކްޓް އާ ކުރަން ވެސް ޕީއެސްޖީ އިން ބޭނުންވެ އެވެ. ސަބަބަކީ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ވުރެ މާ ރަނގަޅު ކުޅުމެއް ދައްކައި، މި ސީޒަންގައި ޓީމަށް ބޭނުންވި މުހިންމު ދަނޑިވަޅުތަކުގައި މެސީ ތަފާތު ދައްކަމުން އައުމެވެ.
ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މެސީ ޕީއެސްޖީގައި މަޑުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމަން އަދި ބޭނުމެއް ނުވެ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ލިބޭ ކާމިޔާބަށް ބަލައި މެސީ އޭނާގެ ނިންމުން ނިންމާނީ ސީޒަންގެ ފަހުކޮޅު ކަމަށް ބެލެވެ އެވެ.
އަނެއްކޮޅުން، މެސީ ގެންދިޔުމަށް އޭނާގެ ކުރީގެ ކުލަބު ބާސެލޯނާގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވެސް ބޭނުންވެ އެވެ. ސީނިއާ ކެރިއަރު މުޅިންހެން ކަހަލަ ގޮތަކަށް ހޭދަަކުރި ކުލަބް، ބާސެލޯނާ އަށް މެސީ އަނބުރާ ގެންދިއުމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ އާއި ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވެ އެވެ.
މެސީ ބާސެލޯނާ ދޫކޮށްލި ފަހުން މިިދިޔަ ދެ ސީޒަންގައި ވެސް ރަނގަޅު ނަތީޖާތައް ނުނެރެވި، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، އެ ޓީމު ކުޅެން ޖެހިފައިވަނީ ޔޫރޮޕާ ލީގުގަ އެވެ. އަނެއްކޮޅުން، ކުލަބަށް ގެންނަ ގިނަ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުދެއްކޭތީ މެސީ ގެނައުމަށް ބާސެލޯނާ އިން މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މެސީ އެނބުރި ބާސެލޯނާ އަށް ދިޔުން ދުރެވެ. ސަބަބަކީ ސްޕެއިންގެ އެފްއޭ އާއި މެސީއާ ދެމެދު އޮތް ކުދި ކުދި މައްސަލަތަކާއި، ބާސެލޯނާއާ އެކު އޭނާ ކުލަބު ލެވެލްގެ ހުރިހާ ކާމިޔާބީތަކެއް ލިބިފައި އޮތުމެވެ.
މެސީގެ ޓްރާންސްފާގެ ވާހަކަތައް މި ދުވަސްކޮޅު ކިތަންމެ އަޑުގަދަކޮށް ދެކެވުނު ނަމަވެސް އޭނާގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ. މެސީގެ ކެރިއަރުގައި މިހާރު އޭނާ އަށް ނުލިބި އޮތް ހަމައެކަނި ބޮޑު ޓްރޮފީ އަކީ ގައުމީ ޓީމާ އެކު ވޯލްޑްކަޕް ހޯދުމެވެ.












